މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެކި ދާއިރާތަކުގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް 120 ފަރާތަކަށް ލޯނު ދޫކުރަން ހަމަޖައްސައި، ލޯނަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެޑިއުކޭޝަނުން ބުނި ގޮތުގައި، ތައުލީމީ ދާއިރާއިން އިތުރު ތަމްރީނު ހޯދުމަށްޓަކައި ވަޒީފާ ދޫކޮށް ކޯސްތަކުގައި ފުލް ޓައިމް ދަރިވަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ ލޯން ސްކީމްގެ ދަށުން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ކިޔެވުމަށް ލޯނު ދޫކުރެވޭނެ ކަމަށެވެ.

މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 120 ލޯނު ކަމަށާއި އޭގެ ތެރެއިން 100 ލޯނު ދޫކުރާނީ ރާއްޖޭގައި ކިޔެވުމަށް ކަމަށާއި ބާކީ ލޯނު ދޫކުރާނީ ރާއްޖެއިން ބޭރުން ކިޔެވުމަށް ކަމަށެވެ. ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ދެވޭ ލޯންތައް ބޮޑަށް އަމާޒުކުރެވޭނީ ރާއްޖޭގައި ތަމްރީން ލިބެން ނެތް ދާއިރާ ތަކަށް ކަމަށް ވެސް އެޑިއުކޭޝަނުން ބުނެ އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނުގައިވަނީ، އެ ލޯނު ދޫކުރުމުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ދަށުން ޓްރޭނިން ދިނުމުގައި ފެންވަރު ބެލޭ މިންގަނޑަށް ބަލާނެ ކަމަށާއި އެ މިންގަނޑު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ. އަދި އެ މިންގަނޑަށް ފޭތޭކަން ސާބިތު ކޮށްދިނުމަށްޓަކައި ތައުލީމީ ސަނަދުތަކުގެ އެކްރެޑިޓް ކުރެވިފައިވާ ކޮޕީ، ލޯނަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ. ލޯނަށް އެދުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ޖަހާއިރު އެވެ.

މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއަށް 15 ލޯނާއި، ކައުންސިލިން އާއި އާލީ ޗަލްޑްހުޑް އެޑިއުކޭޝަން ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް 10 ލޯނު އަދި ސްކޫލް މެނޭޖްމަންޓާއި ލައިބްރަރީ ސައިންސްގެ ދެ ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ފަސް ލޯނު ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ޓީޗިން އަށް 75 ލޯނު ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މިނިސްޓްރީން ބުނާ ގޮތުގައި، ލޯނު ދޫކުރަނީ އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތަށް ފުރަތަމަ ފުރުސަތު ދޭ ގޮތަށެވެ. މި ލޯން ސްކީމާ ބެހޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައިވެސް ވަނީ ހިމަނައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު