ޕިކަޕު ދަށުވި ކުއްޖާގެ ހާލު ވަރަށް ސީރިއަސް، އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފުރުވާލަނީ

އައައިޖީއެމްއެޗަށް ބަލި މީހަކު ވައްދަނީ --- ފައިލް ފޮޓޯ

ކ. ހުރާގައި އިއްޔެ ހިނގި ހާދިސާއެއްގައި އެ ރަށުގައި ދުއްވާ ތިން ފުރޮޅުލީ ޕިކަޕެއްގެ ދަށުވި ތުއްތު ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހުރާ ކައުންސިލުން ބުނެފި އެވެ.

ހުރާގައި އިއްޔެ ހަވީރު 5:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ރޭ އިރުއޮއްސުނު ފަހުން މާލެ ގެނެސްފައި ވަނީ އެ ރަށު، ގުލްއަލާގޭ، އުމުރުން ތިން އަހަރުގެ މުހައްމަދު ނާލް ނިޔާޒް ނަމަކަށް ކިޔާ ކުއްޖެކެވެ.

އޭނާ ބެއްލެވި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު މިއަދު ވިދާޅުވީ، ކުއްޖާގެ ފުރަމޭ ފަޅައިގެން ގޮސްފައި ވުމުން، ވަގުތުން އޮޕަރޭޝަންކޮށް އެތެރެއަށް ލޭ އެޅުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ކުއްޖާގެ ހާލު ސީރިއަސް ކަމުން އެކަމަށް ރާއްޖޭން އިތުރު ފަރުވާއެއް ދެވެން ނެތް ކަމަށް ޑޮކްޓަރުން މައުލޫމާތު ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ ކުއްޖާއަށް އާސަންދަ ވެސް ވަނީ ހަމަޖެހިފައި. މިއަދު 4:30 ގައި ޓުރިވެންޑްރަމް އަށް ދާން އޮތް ޑައިރެކްޓް ފްލައިޓަކުން ފޮނުވާލުމުގެ މަސައްކަތް ކުރަމުން މިދަނީ. ނަމަވެސް ކުއްޖާއާ އެކު އައިޖީއެމްއެޗްއިން ދާންޖެހޭ ޑޮކްޓަރަކާއި ނަރުހުން އަދި ހަމައެއް ނުޖެހޭ،" އީސާ ވިދާޅުވި އެވެ.

ކުއްޖާގެ މައުލޫމާތެއް އައިޖީއެމްއެޗްގެ ފަރާތުން ހޯދުމަށް ކުރި މަސައްކަތުން އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މަންޒަރުދުށް މީހުންނާ ހަވާލާދީ ސަން އަށް ރޭ މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، ތިން އަހަރުގެ އެ ކުއްޖާ ޕިކަޕު ދަށުވީ ޕިކަޕުގައި ދުއްވާލާފައި އައިސް ފޭބުމަށް ފަހު އެ ޕިކަޕުގެ އަރިމަތީގައި އެލިގެން އޮއްވައި، ޑްރައިވަރަށް ނޭނގި ޕިކަޕް ދުއްވާލެވުމުން ވެއްޓި ޕިކަޕުގެ ފުރޮޅު ދަށުވެގެން ކަމަށެވެ.

ތިން ފުރޮޅުލީ ޕިކަޕް ދުއްވަން އިނީ ދިވެއްސެކެވެ. އޭނާގެ އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް އޮވެ އެވެ. އެ މައްސަލަ ފުލުހުންގެ ޓީމަކުން ތަހުގީގު ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް