އަސާސީ ގަވާއިދަށް ބަލާއިރު އުމަރު ޕާޓީން ވަކިކުރި މައްސަލަ އިސްތިއުނާފެއް ނުކުރެވޭ: ވަކީލު

ޑީއާރްޕީގެ މުޅި އަސާސީ ގަވާއިދަށް ބަލާއިރު އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ޕާޓީން ވަކި ކުރި މައްސަލަ ހަގީގަތުގައި އިސްތިއުނާފް ނުވެސް ކުރެވޭނެ ކަމަށް އޭނާގެ ގާނޫނީ ވަކީލު މުހައްމަދު އިބްރާހިމް ސިވިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު ޑީއާރްޕީއާ ދެކޮޅަށް ދައުވާ ކުރައްވާ މައްސަލައިގައި ވާހަކަ ދައްކަވަމުން ވަކީލު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގެ 83 ވަނަ މާއްދާ އާއި 84 ވަނަ މާއްދާ އަށް ބެލުމުން ޑެޕިއުޓީ ލީޑަރެއްގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީން ނުބެލޭނެކަން އެނގޭ ކަމަށެވެ. އަދި ވިދާޅުވީ ޑެޕިއުޓީ ލީޑަރެއް ވަކި ކުރެވޭނީ ގައުމީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސް ކުރާ ގަރާރަކުން ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވާއިރު ޑިސިޕްލިނަރީ ކޮމެޓީއަށް އެ މައްސަލަ ފޮނުވާފައި ވަނީ ވެސް ގަވާއިދާ ހިލާފަށް ކަމަށެވެ.

އުމަރުގެ ވަކީލު ވިދާޅުވީ އުމަރު ވަކި ކުރަން ނިންމުމުން އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮތް ކަމަށް ޑީއާރްޕީން ބުނި ނަމަވެސް މުޅި އަސާސީ ގަވާއިދަށް ބެލުމުން އެ ފުރުސަތު ނޯންނަކަން އެނގޭ ކަމަށެވެ. އަދި ވިދާޅުވީ އުމަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅަކީ ޒާތީ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމުން އަމިއްލައަށް ހައްގެއް ގެއްލެން ބޭނުންވެވަޑައިނުގަންނަވާތީ އިސްތިއުނާފަށް މައްސަލަ ހުށަނޭޅުއްވީ ކަމަށެވެ.

އުމަރު ޕާޓީން ވަކި ކުރި އިރު ޑިސިޕްލިނަރީ ކޮމެޓީގައި ކުރިން ނުތިބޭ އާ މެންބަރުންތަކެއް ތިބި ކަމަށާއި އުމަރު ވަކި ކުރުމާ ހަމައަށް ދިޔައިރު ވެސް އެ އާ މެންބަރުން އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އެގޮތުން ބެލި ނަމަވެސް ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުން ރަނގަޅު ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ.

މައްސަލަ ޕާޓީގެ ތެރޭގައި އިސްތިއުނާފްނުކޮށް ކޯޓަށް ހުށަނޭޅުއްވޭނެ ކަމަށް ޑީއާރްޕީން ބުނާތީ އުމަރުގެ ވަކީލު ވިދާޅުވީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް ފުރިހަމަކޮށްފައި ނެތުމަކީ މައްސަލަ ކޯޓަށް ނުވެއްދޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ހައި ކޯޓުގެ ދެ ނިންމުމަކަށް ބެލި ނަމަވެސް އިޖުރާއަތެއް ފުރިހަމަނުކޮށް އޮތް ނަމަވެސް އެ މައްސަލައެއް ކޯޓަށް ހުށަހެޅޭނެކަން އެނގޭ ކަމަށެވެ.

ޑީއާރްޕީގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އެދިވަޑައިގަތީ މައްސަލައަށް އިޖްރާއީ ގޮތުން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށެވެ. އެ މައްސަލަ ގާޒީ އަލީ ރަޝީދު ސުއޫދަށް އެ ފުރުސަތު ދެއްވީ އިޖްރާއީ ގޮތުން ޖަވާބު ދިނުމަށް ފަހު މައުލޫއީ ގޮތުން ޖަވާބު ދެއްވަން ޖެހޭނެ ކަމަށް އެންގެވުމަށް ފަހު އެވެ.

މިއަދުގެ މައްސަލަ އަޑުއެހުމަށް ޒެޑް-ޑީއާރްޕީގެ ބައެއް ސަޕޯޓަރުން ވަނީ ކޯޓަށް ގޮސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު