ހަނގާކުރުމާ ދެކޮޅަށް ބައިނަލްއަގުވާމީ ކެމްޕޭނެއް ކުރިޔަށް ދަނީ

ހަނގާކުރުން ނުވަތަ ބުލީ ކުރުމާ ދެކޮޅަށް ބައިނަލްއަގުވާމީ ކެމްޕޭނެއް ފަށައިގެން ކުރިޔަށް އެބަ ދެއެވެ.

"ޔުނިފައި އެގެއިންސްޓް ބުލީއިންގް"ގެ ނަމުގައި ކުރިޔަށްދާ މި ކެމްޕޭނަކީ، ހަނގާކުރުމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާ، ޔުނިފައި އެގެއިންސްޓް ބުލީއިންގްއިން އިސްނަގައިގެން ކުރިޔަށްދާ ކެމްޕޭނެކެވެ. މި ކެމްޕޭނުގައި ރާއްޖޭގެ ފަރާތުން، އެންޓި ބުލީއިންގް ސޮސައިޓީ އޮފް މޯލްޑިވްސް (އޭބީއެސް)އިން ދަނީ ބައިވެރިވަމުންނެވެ.

މި ކެމްޕޭނުގައި ބައިވެރިވުމަށް ކުރަންޖެހޭ ކަމަކީ އަތްތިލައިގެ ފަހަތުގައި "ޔުނިފައި" ޖެހުމަށްފަހު އަނގައިގައި އަތް އަޅައި، ސެލްފީއެއް ނަގައި އަދި އެ ސެލްފީ ސޯޝަލް މީޑިއާގައި ޝެއާ ކުރުމެވެ. ފޭސްބުކް، ޓްވިޓާ، އިންސްޓަގްރާމް ނުވަތަ ސްނެޕްޗެޓް ވިޔަސް ޝެއާ ކުރެވޭނެއެވެ.

އަތުގައި "ޔުނިފައި" ނުވަތަ "އެއްބައިވޭ" މިހެން ޖެހުމަށްފަހު އަނގައިގައި އަތް އެޅުމުން ރަމްޒުކޮށްދެނީ، ހަނގާ ކުރާ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް އެންގުމުގެ ބަދަލުގައި، އެކަމުގައި ހަނު ހުރުމަށް ގިނަ ބަޔަކު ތިބޭ ތިބުމެވެ. އަދި "ޔުނިފައި" މި ބަހުން ރަމްޒުކޮށްދެނީ ހަނގާ ކުރުމާއި ހަނގާކުރުމުގެ މައްސަލަތަކުގައި ހަނު ތިބޭ ތިބުމަށް ނިމުމެއް ގެނައުމަށް އެއްބައިވުމެވެ.

އެންޓި ބުލީއިންގް ސޮސައިޓީ އޮފް މޯލްޑިވްސް (އޭބީއެސް)ގެ ޗެއާމަން އަހްމަދު ޝާޒިމް މުހައްމަދު "ސަން" އަށް ވިދާޅުވީ، މީޑިއާއަކީ މިފަދަ ކެމްޕޭންތައް ވައިގައި ހިއްޕުމަށްޓަކައި އެންމެ ބޮޑަށް ބާރުދޭ ކަމަކަށް ވާ އިރު، މިފަދަ ބައިނަލްއަގުވާމީ ކެމްޕޭނެއްގައި ރާއްޖެއިން ބައިވެރިވުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

"އުންމީދުކުރަނީ ހަމަ އެހެންގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖެއިން ވެސް މި ކެމްޕޭނަށް ތަރުހީބު ލިބޭނެކަމަށް،" ޝާޒިން ވިދާޅުވިއެވެ.

އެންޓި ބުލީއިންގް ސޮސައިޓީ އޮފް މޯލްޑިވްސްއިން ނިންމާފައިވަނީ މިކަމަށް އިތުރަށް ތަރުހީބު ދިނުމުގެ ގޮތުން، ރާއްޖެއިން މި ކެމްޕޭނުގައި ބައިވެރިކުރާ ސެލްފީތަކުގެ ތެރެއިން އެންމެ ރަނގަޅު ސެލްފީއެއް ހޮވައި، އެ ސެލްފީއަށް ގިފްޓް ހެމްޕާއެއް ވެސް ދިނުމަށެވެ.

މި ހަރަކާތް އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށް އޭބީއެސް މޯލްޑިވްސްއިން ބުނެއެވެ.

comment ކޮމެންޓް