ހިލަރީގެ އީމެއިލްތަކެއް އެފްބީއައި އިން އަނެއްކާވެސް ތަހުގީގު ކުރަނީ

ހިލަރީ ކްލިންޓަން ވަނީ އާއީމެއިލްތަކުގެ ސަބަބުން އެފްބީއައި އިން މީގެ ކުރިން ނިންމި ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (އޮކްޓޯބަރު 29): އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ގޮތުގައި ހިލަރީ ކްލިންޓަން ހުންނެވި އިރު ރަސްމީ ބޭނުންތަކަށް ބޭނުން ކުރެއްވި އަމިއްލަ އީމެއިލް ސާވާއާ ގުޅުން ހުރި އީމެއިލްތަކެއް އެފްބީއައިއިން އަނެއްކާވެސް ތަހުގީގު ކުރަން ފަށައިފި އެވެ.

ހިލަރީގެ އާއީމެއިލްތަކެއް ތަހުގީގު ކުރަމުންދާ ކަމަށް އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމީ ވިދާޅުވެފައި ވަނީ ހިލަރީ އަމިއްލަ އީމެއިލް ސާވާއެއް ބޭނުން ކުރެއްވި މައްސަލައިގައި އޭނާއާ ދެކޮޅަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް އެފްބީއައި އިން ނިންމިތާ ހަތަރު މަސް ފަހުންނެވެ.

އެމެރިކާގެ ކޮންގްރެސްއަށް ހުށަހެޅި ސިޓީއެއްގައި ކޯމީ ވިދާޅުވީ އާއީމެއިލްތަކަކީ އެފްބީއައި އިން ބަލަމުންދާ އެހެން މައްސަލައެއްގެ ތެރެއިން ފެނިފައިވާ އީމެއިލްތަކެއް ކަމަށެވެ.

އެފްބީއައިގެ އާތަހުގީގުގެ ސަބަބުން ޖުލައި މަހު އެބިއުރޯއިން ނިންމި ނިންމުމަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހިލަރީ ވަނީ ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ ރިޔާސީ އިންތިހާބު މިހާރު ކުރިއަށް ދާތީ އެފްބީއައިގެ އާތަހުގީގާ ބެހޭ ފުރިހަމަ މައުލޫމާތު އެފްބީއައިއިން އާއްމުންނަށް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ހިލަރީ ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން 11 ދުވަހަށް ވެފައިވާ އިރު ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި ހިލަރީ އުޅުއްވަނީ އޭނާއާ ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕަށް ވުރެ ފަސް ޕޮއިންޓު ކުރީގަ އެވެ. (ސީއެންއެން)

comment ކޮމެންޓް