އަށް އަހަރަށް ފަހު "ރާމްބޯ"ގެ އާ ފިލްމެއް، ސިލްވެސްޓާއެއް ނުފެންނާނެ

"ރާމްބޯ" ފިލްމު ފްރެންޗައިސްގައި 2008 ވަނަ އަހަރު ނެރުނު ފިލްމުގައި ރާމްބޯގެ ބައިން ފެނިގެންދާ ސިލްވެސްޓާ: އެ ފްރެންޗައިސްގެ އާ ފިލުމެއް އުފައްދަން ވަނީ ނިންމާފައި ---

ހޮލީވުޑްގައި 1980ގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ ހޮލީވުޑްގެ އެކްޝަން ފްރެންޗައިސް "ރާމްބޯ"ގެ އާ ފިލްމެއް އުފައްދަން ނިންމައިފި އެވެ.

އެމެރިކާގެ ފިލްމު އުފައްދާ ކުންފުނި ނޫ އިމޭޖް އާއި މިލޭނިއަމް ފިލްމްސް އިން "ރާމްބޯ: ނިއު ބުލަޑް"ގެ ނަމުގައި އުފައްދާ އެ ފިލްމަކީ 2008 ވަނަ އަހަރު ނެރުނު "ރާމްބޯ" އަށް ފަހު ނެރޭ ފުރަތަމަ ފިލްމެވެ. އަދި މިހާތަނަށް "ރާމްބޯ" ފުރެންޗައިސްގެ ހަތަރު ފިލްމެއް އުފައްދާފައިވެ އެވެ.

ބްރޫކްސް މެކްލާރެން ލިޔާ އެ ފިލްމު ޑައިރެކްޓުކުރާނީ "ކްރިމިނަލް"ގެ ޑައިރެކްޓަރު އިސްރާއިލްގެ އޭރިއެލް ވްރޯމެން އެވެ. އަދި އަލަށް އުފައްދާ "ރާމްބޯ"ގެ ފަސް ވަނަ ފިލްމުގައި އެ ސީރީސްގެ ހުރިހާ ފިލްމެއްގައި ވެސް ފެނިގެން ދިޔަ ގަދަފަދަ "ރާމްބޯ"ގެ ބައި ކުޅުނު، ސިލްވެސްޓާ ސްޓެލޯން އެއް ނުފެންނާނެ އެވެ.

"ޖޭމްސް ބޮންޑް"އާ ވައްތަރު ގޮތަކަށް އުފައްދާ އާ ފިލްމުގައި ރާމްބޯގެ ގޮތުގައި ފެނިގެންދާނީ ޒުވާން ތަރިއެކެވެ. ނަމަވެސް ފިލުމުން ފެނިގެންދާނެ ތަރިންގެ މައުލޫމާތެއް އަދި ފިލްމު އުފައްދާ ކުންފުނިން ހާމަކޮށްފައެއްނުވެ އެވެ.

ވިއެޓްނާމް ހަނގުރާމައިގާ ބައިވެރިވި އެމެރިކާގެ ކުރީގެ ސުޕެޝަލް ފޯސްގެ ސިފައިންގެ މީހެއްގެ ރޯލުން ސިލްވެސްޓާ ފެނިގެންދާ ރާމްބޯގެ ފުރަތަމަ ފިލްމު، "ރާމްބޯ: ފަސްޓް ބުލަޑް" ރިލީޒްކުރީ 1982 ވަނަ އަހަރު އެވެ.

ފުރަތަމަ ފިލްމުގައި ސިލްވެސްޓާގެ ހުނަރު ފެނި، 1985 ވަނަ އަހަރު ރިލީޒްކުރި، "ރާމްބޯ: ފަސްޓް ބުލަޑް ޕާޓް 2" ރާމްބޯގެ ދެވަނަ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

އެގޮތުން އެ ފިލްމު ވެގެން ގޮސްފައި ވަނީ ރާމްބޯ ފިލްމު ސީރީސްގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ. ނަމަވެސް އޭގެ ފަހުން އުފެއްދި ދެ ފިލްމަށް ވެސް ވަނީ އެހާ ބޮޑު ތަރުހީބެއް ނުލިބިފަ އެވެ.

comment ކޮމެންޓް