ޒައީމް މައުމޫނު ރޭ ދެއްކެވި ވާހަކަފުޅަށް ޑީއާރުޕީން ރައްދު ދީފި

ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ޒެޑް ޑީއާރުޕީގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް ޑީއާރުޕީން މިއަދު ރައްދު ދީފި އެވެ.

ޑީއާރުޕީގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނިއުސްކޮންފަރެންސެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރޭ ޒެޑް ޑީއާރުޕީން ބޭއްވި ޖަލްސާގައި ޒައީމް މައުމޫން ދެއްކެވި ވާހަކަފުޅުތަކަކީ ޑިމޮކްރަސީއާ ޚިލާފު އަދި ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަލާކުކޮށްލުމަށް ދެއްކެވި ފާހަކަފުޅުތަކެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ޒައީމް މައުމޫންގެ ވާހަކަފުޅު ރޭގެ ޖަލްސާގައި ހުރި ގޮތުން ޑީއާރުޕީ ހަލާކުކޮށްލެއްވުމަށް ސަރުކާރާ އެކު"ޑީލެއް" ހައްދަވައިގެން އުޅުއްވާ ކަމަށް ޝައްކު ކުރެވޭ ހިސާބަށް ވެސް ގޮސްފައިވާ ކަމަށެވެ.

"ސަރުކާރުން އެބަ ބުނޭ އަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ވާހަކައެއް، އަދި ޖަލުގައި އަނިޔާ ކުރެއްވި ވާހަކަތަކެއް. އަދި އެކަންކަން ސާބިތު ކުރެވޭވަރުގެ ހެކި އެބަ ހުރި ކަމަށް ވެސް ސަރުކާރުން އެބަބުނޭ. އެހެންވީމާ އެކަންކަން ބެލުމުގެ ކަންތައް ކުރިޔަށް ދިޔަ ނުދިނުމަށް ސަރުކާރާ އެކު އެއްބަސްވުމެއް ހަދައިގެން އުޅުއްވަނީ ނޫންބާވައޭ ހިތަށްއަރާ. އެހެން މިދެންނެވީ އަޅުގަނޑުމެން (ޑީއާރުޕީ) ހިންދެމިލާންވެގެން ތެދުވާ ކޮންމެ ފަހަރަކު މި ޕާޓީ ބައިބައިވާ ކަހަލަ ވާހަކަފުޅުތަކެއް ޒައީމް އެބަދައްކަވާ،" އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ ވާހަކަފުޅު އެހެން ހުރި އިރު ޒެޑް ފެކްޝަނުން ތުހުމަތު ކުރަމުން އަންނަނީ ޑީއާރުޕީގެ ލީޑަރު އަޙްމަދު ތަސްމީން އަލީ ސަރުކާރާ އެކު "ޑީލް"އެއް ހައްދަވައިގެން ޕާޓީ ބައިބައި ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ސަރުކާރާ އެކު ތަސްމީން "ޑީލް" ހައްދަވާފައި ވަނީ ތަސްމީންގެ މައްޗަށް ތުހުމަތު ކުރެވޭ ލޯންތަކަކާ ގުޅިގެން ކަމަށް ވެސް ޒެޑް ފެކްޝަނުގެ ބައެއް ބޭފުޅުން ވިދާޅުވަމުންދެ އެވެ. ނަމަވެސް އާޒިމް ވިދާޅުވީ ތަސްމީން ސަރުކާރާ އެކު"ޑީލް" ހައްދަވަން ޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށާއި ތަސްމީނަށް ނިސްބަތްކޮށް ދައްކަމުންދާ ލޯނުތަކުގެ މައްސަލައިގައި ތަސްމީން ބެދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެ ލޯނުތަކުގައި ތަސްމީންގެ ނަން ފެންނަން ނޯންނާނެ ކަމުގެ ޔަގީންކަން ވެސް އާޒިމް ދެއްވި އެވެ.

ޒައީމް މައުމޫނަށާއި ޒެޑް ފެކްޝަނަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާ ދެއްވަމުން އާޒިމް މިއަދު ވިދާޅުވީ ތަބަކަކަށް ލާފައި ވެރިކަން ދިނުމުން ވާގޮތް ފެންނަމުންދާ ކަމަށް ޒައީމް މައުމޫން ވިދާޅުވި އިރު ޑީއާރުޕީގެ ލީޑަރުކަން ތަސްމީނަށް ދެއްވީ ތަސްމީން އާދޭސް ކުރައްވައިގެން ނޫން ކަމަށެވެ.

"ތަބަކަކަށް ލާފައި ވެރިކަން ދެއްވި ވާހަކަ އެވިދާޅުވަނީ. އެކަމަކު އަޅުގަނޑަށް ޔަގީން ޑީއާރުޕީގެ ލީޑަރުކަން ތަސްމީނަށް ދެއްވީ ތަސްމީން އެމަގާމު ދެއްވާށޭ ވިދާޅުވެ އާދޭސް ކުރައްވައިގެން ނޫންކަން. އެމަގާމަށް ކުރިމަތި ލުމުގެ ފުރުޞަތު އެހެން ފަރާތްތަކަށް ވެސް އޮތް. އޭރު އެހެން ބޭފުޅަކު ކުރިމަތި ނުލައްވާފައި މިހާރު ދެން އެހެން ވިދާޅުވުމުގެ ބޭނުމެއްނެތް. އޭރު ތަސްމީނާ ވާދަކުރައްވައިގެން އެ މަގާމަށް އެހެން ބޭފުޅަކު ވެސް ވަޑައިގަންނަވަންވީ ނޫންތޯ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ޑީއާރުޕީން 2013 އަށް ނެރޭނެ ރިޔާސީ ކެންޑިޑޭޓަކު ނިންމަން ޖެހޭނީ ޕްރައިމަރީޒްއަކުން ކަމަށް ޒައީމް ވިދާޅުވި ނަމަވެސް އެކަން ކުރުމުގައި ވަކި އުސޫލުތަކެއް އެބައޮތް ކަމަށެވެ. ނަމަވެސް ޕާޓީގައި އެކަންކަން ކުރުމަށް އޮތް އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު