މުހިއްމު ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް ބުރުނާއީގެ ޔުނިވާސިޓީއަކާއެކު އައިޔޫއެމް އިން އެއްބަސްވެއްޖެ

ބުރޫނާއީގެ ސުލްތާން ޝާރިފް އިސްލާމިކް ޔުނިވާސިޓީއާއެކު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް

ދަރިވަރުން ކުރިއެރުމަށާއި ދިރާސާކުރުމުގެ ރޮނގުން އެއްބާރުލުން ދިނުމަށް ބުރޫނާއީގައި ހުޅުވި ފުރަތަމަ ގައުމީ އިސްލާމީ ޔުނިވާސިޓީ، ސުލްތާން ޝާރިފް އިސްލާމިކް ޔުނިވާސިޓީއާއެކު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން މިއަދު އެއްބަސްވެއްޖެ އެވެ.

އެ ދެ ޔުނިވާސިޓީގެ ދެމެދު މުހިއްމު އެއްބަސްވުމެއްގައި ސޮއިކޮށްފައި މިވަނީ، ސުލްތާން ޝާރިފް ޔުނިވާސިޓީގެ ކޮންވޮކޭޝަންގެ ހާއްސަ މެހެމާނަކަށް ވުމަށް އައިޔޫއެމްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގަތް ދައުވަތެއްގައި މިއަދު ބުރުނާއީ އަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ހަވާސާގެ ތެރެއިންނެވެ.

ބުރުނާއީގެ އެޑިއުކޭޝަން މިނިސްޓަރު ފެހިން ދަތޯ ސުޔޯއި ހާޖީ އޮސްމާން ޝަރަފްވެރި ކޮށްދެއްވި ހަފްލާއެއްގައި ދެ ޔުނިވާސިޓީގެ ދެމެދުވި ސޮއިކުރި އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ޝަހީމެވެ. އަދި ސުލްތާން ޝާރިފް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ރެކްޓަރު، ޑރ. ހާޖީ ނޫރް އަރްފާން ބިން ހާޖީ ޒައިނަލް އެވެ.

އައިޔޫއެމްއާ ސުލްތާން ޝާރިފް ޔުނިވާސިޓީއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމެއްގައި އަށް ދާއިރާއަކުން އެއްބާރުލުން ދިނުމަށް ދެ ޔުނިވާސިޓީއާދެމެދު އެއްބަސްވެފައިވެ އެވެ.

އެގޮތުން ޕޯސްޓްގްރެޖުއޭޓާއި އަންޑާގްރެޖުއޭޓްގެ ދަރިވަރުން ތައުލީމު ހާސިލްކުރުމަށާއި ކޯހާ ގުޅޭ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ދެ ޔުނިވާސިޓީގެ ދެމެދުގައި ދަރިވަރުންނާއި އެކަޑަމިކް މުވައްޒަފުން ބަދަލުކުރުމަށާއި ބޭނުންތެރި ދާއިރާތަކުން އިލްމީ ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވެފައިވެ އެވެ.

އޭގެ އިތުރުން، ދެ ޔުނިވާސިޓީ ގުޅިގެން ދިރާސާ އާއި ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުތައް ހިންގުމަށާއި ދެ ޔުނިވާސިޓީގެ ރިސާޗް ހޯދުންތަކާއި ޕަބްލިކޭޝަންތަކުގެ އިތުރުން ރިސާޗް ކުރުމަށް ބޭނުންވާ ވަސީލަތްތައް ބަދަލުކުރުމަށާއި ދެ ޔުނިވާސިޓީ ގުޅިގެން ވޯކްޝޮޕްތަކާއި ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެސް އެއްބަސްވެފައިވެ އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމާއި ޝަހީމް ހަވާލުވެލެއްވުމަށްފަހު ޗާންސެލަރުގެ ހައިސިއްޔަތުން ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ބުރުނާއީ އަށް މިހާރު ވަޑައިގެން އުޅުއްވާއިރު، އަންނަ ހޯމަ ދުވަހު އޮންނަ ސުލްތާން ޝާރިފް ޔުނިވާސިޓީގެ ރަސްމިއްޔާތެއްގައި ޑރ. ޝަހީމް ހާއްސަ ތަގުރީރު ކުރައްވާނެ އެވެ.

ޝަހީމް ތަގުރީރު ކުރައްވަން ހަމަޖެހިފައިވަނީ، "ރާއްޖޭގެ އިސްލާމީ ޝަހްޝިއްޔަތު ހިމާޔަތްކުރުން" މި މައުޟޫގެ މައްޗަށެވެ.

އޭގެ އިތުރުން، ދަތުރުފުޅުގެ ހަވާސާއިން ބޭރުން ބުރޫނާއީގެ އިސްލާމީ އަދި ޤުރުއާން އިލްމު އުގަންނައިދޭ މުއައްސަސާތަކުގެ އިތުރުން އެކި ފެންވަރުގެ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އަދި ބުރޫނާއީ އަކީ ޤުރުއާނުގެ އިލްމަށް ނުހަނު އިސްކަމެއް ދެއްވާ ގައުމެއްކަމުން، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ޤުރުއާނުގެ އިލްމާ ގުޅޭ ސްކޯލޮޝިޕް ފުރުސަތު ހޯއްދެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

comment ކޮމެންޓް