ކަރަންޓް ބިލް ނުދައްކައިގެން ބަނޑިދޫގެ 26 ގެއަކުން ކަރަންޓް ކަނޑާލައިފި

ކަރަންޓް ބިލްގެ އަގު ބޮޑުކަމަށް ބުނެ، މިދިޔަ އޭޕްރިލް މަހުގެ ކަރަންޓް ބިލް ނުދެއްކި ދ. ބަނޑިދޫގެ 26 ގެއަކުން މިއަދު ކަރަންޓް ކަނޑާލައިފި އެވެ.

ބަނޑިދޫ ރަށު ކައުންސިލްގެ ރައީސް ހަސަން ހަނީފު މިއަދު ވިދާޅުވީ އެ ގެތަކުން ކަރަންޓް ކަނޑާލީ އޭޕްރިލް މަހުގެ ކަރަންޓް ބިލް ނުދައްކައިގެން ގެތަކުން ލިބެން ޖެހޭ ގާތްގަނޑަކަށް 20000.ރ ނުލިބެނީސް މިހާރު ފައިސާ ނުދައްކައި އޮތް ތެޔޮ ބިލަށް ފައިސާ ދެއްކެން ނެތިގެން ކަމަށެވެ. އަދި އެބިލަށް ފައިސާ ނުދައްކަނީސް ތެޔޮ ސަޕްލައި ކޮށްދިނުމަށް ދަތިވާ ކަމަށް ސަޕްލަޔަރު ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަޕްލައި ކޮށްދޭ ފަރާތުން އެބަ ބުނޭ ކުރީގެ ބިލަށްވާ ފައިސާ ނުލިބޭ ކަމަށް ވަންޏާ ތެޔޮ ސަޕްލައިކޮށްދޭން ދަތިވާކަމަށް،" ހަނީފު ވިދާޅުވި އެވެ.

ކަރަންޓްގެ އަގުބޮޑު ކުރަން ޖެހުނީ ކަރަންޓް ބިލްތަކަށް ލިބޭ ފައިސާ އަށް ވުރެ ގިނަ އަދަދެއް ހަރަދުވަމުންދާތީ ކަމަށް ހަނީފު ވިދާޅުވި އެވެ.

"ކަރަންޓް ބޮޑުކުރި މަހު، އެއީ އޭޕްރިލް މަހު ވެސް މިހާރު ނުދައްކައި ހުރި ބިލްތަކަށްވާ ފައިސާއާ އެކު ޖުމްލަ 173000ރ. އެބަހުރި. އެކަމަކު އެ މަހު ހަމަ އެކަނި ތެޔޮ ގަތުމަށް ވެސް 216000ރ. ހަރަދުވި" ހަނީފު ވިދާޅުވި އެވެ.

ބަނޑިދޫން ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓް ބިލް ނުދައްކައި އޮތީ ބިލްގެ އަގު ބޮޑުކުރުމުން ހިތްހަމަ ނުޖެހޭތީ ކަމަށެވެ.

"ކަރަންޓް ބިލް ބޮޑުކުރުމަކީ އަޅުގަނޑުމެން ހިތްހަމަ ޖެހޭ ކަމެއްނޫން. ބިލް ނުދައްކާތީ 26 ގެއިން މިހާރު ހުރީ ކަރަންޓް ކަނޑާލާފައި. އެގެތަކުގެ މީހުން އެބައުޅޭ މަގުތަކުގައި." ބަނޑިދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ބަނޑިދޫ ރަށުކައުންސިލްގެ ރައީސް ހަސަން ހަނީފު ވިދާޅުވީ ކަރަންޓްގެ އަގު ބޮޑުކުރަން ނިންމީ ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު ވޯޓަކުން އެކަން ކުރުމަށް ފާސްކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ ކަރަންޓް ބިލް ނުދައްކައި ހުރި ގެތަކުގެ މީހުންނަކީ އިންޖީނުގެ ޔޫޓިލިޓީސް ކުންފުންޏާ ހަވާލުކުރަން ބޭނުންވާ މީހުން ކަމަށެވެ. ނަމަވެސް އިންޖީނުގެ ޔޫޓިލިޓީސް ކުންފުންޏާ ހަވާލުނުކޮށް ، ރައްޔިތުންގެ އިންޖީނުގެއެއްގެ ގޮތުގައި ހިންގުމަށް ނިންމާފައި ވަނީ ރައްޔިތުން ކަމަށެވެ.

"ހިޔާލު ތަފާތުވާ ބަޔަކު ވެސް އުޅެފާނެ. އެކަމަކު ރަށުގެ ރައްޔިތުންގެ 88 ޕަސެންޓް މީހުން ވޯޓަކުން ނިންމާފައި ވަނީ އިންޖީނުގެ ޔޫޓިލިޓީސް ކުންފުންޏާ ހަވާލު ނުކުރުމަށް." ހަނީފު ވިދާޅުވި އެވެ.

ބަނޑިދޫ ރަށު ކައުންސިލްގެ ރައީސް ހަސަން ހަނީފު މިއަދު ވިދާޅުވީ ކަރަންޓްގެ އަގުބޮޑުކުރުމުން ހިތްހަމަނުޖެހިގެން ކަރަންޓް ބިލް ނުދައްކާތީ މިއަދު ކަރަންޓް ކަނޑާލި ގެތަތަކަކީ ވެރިކަންކުރާ ޕާޓީ [އެމްޑީޕީ] އަށް ތާއީދު ކުރާ މީހުންގެ ގެތައް ކަމަށެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު