އެމްއެންޑީއެފްގެ މައި ގޭޓް ކުރިމައްޗަށް އެއްވި މައްސަލައިގަ އާއި މުޒާހިރާގައި ފުލުހުން ބައިވެރިވި ކަމަށް ބުނާ މައްސަލައިގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރ އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފި

19:00


ހުސްވި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭ ޑީއާރުޕީން އިސްވެ ކުރި މުޒާހިރާގައި އެމްއެންޑީއެފްގެ މައި ގޭޓް ކުރިމައްޗަށް އެއްވެ އެ ގޭޓް ތަޅުވައި ގޭޓް ހުޅުވުމަށް ގޮވުމާއި، މުޒާހިރާގައި ފުލުހުން ބައިވެރިވި ކަމަށް ބުނާ މައްސަލައިގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.


ފުލުސް އޮފީހުން ނިކުމެވަޑައިގަންނަވައި މީޑިޔާ އަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު މިއަދު ވިދާޅުވީ، އެ ދެ މައްސަލައިގެ އިތުރުން، މުޒާހިރާ ބޭއްވި ރޭ މުލީއާގެ ދޮށުން އަލީ ވަހީދަށް ލިބުނު އަނިޔާގެ ބަދަލު ހޯދުމަށް ބޭނުންތޯ ވެސް ފުލުހުން ސުވާލުކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެމްއެންޑީއެފްގެ މައިގޭޓް ކުރިމައްޗަށް އެއްވެ އެ ގޭޓް ތަޅުވައި ގޭޓް ހުޅުވުމަށް ގޮވުމާއި، މުޒާހިރާގައި ފުލުހުން ބައިވެރިވި ކަމަށް ބުނާ މައްސަލައިގައި ހަނުހުރުމުގެ ބޭނުންކޮށްފައިވާ ކަމަށާއި، އަނިޔާ ލިބުނު މައްސަލައިގައި ބަދަލު ހޯދުމަށް ބޭނުންނުވާ ކަމަށް ފުލުހުންނަށް ޖަވާބު ދެއްވާފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.


އަލީ ވަހީދު އަދި ވިދާޅުވީ، ފުލުސް އޮފީހަށް ހާޒިރުކުރުމުން ތިން މައްސަލައެއް ތަހުގީގުކޮށްދިނުމަށް އޭނާ ވެސް ފުލުހުންނަށް ހުށަހެޅުއްވި ކަމަށެވެ. އޭގެ ތެރޭގައި، މުޒާހިރާކުރި ރޭ ފުލުހުންގެ ހިމާޔަތަށް އެދިފައި ވަނިކޮށް އިޖާބަދިނުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ދެކޮޅަށް ކަރުނަ ގޭސް ބޭނުންކުރި މައްސަލަ އާއި، އެމްއެންޑީއެފްގެ އިސް އޮފިސަރަކު ހަޑި ހުތުރު ބަހުން މުހާތަބުކުރި މައްސަލައިގެ އިތުރުން، ޕްރޮވިންސްތަކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔައިރު މަޖިލިސްކުރާ ގޭދޮށަށް އެއްވި މީހުން ދުރުކުރުމުގައި ފުލުހުން ހަރަކާތްތެރިވިއިރު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް މަސައްކަތްކުރި މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހެޅުއްވި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު