ސިޔާސީ ވެރިން އެކަކު އަނެކަކަށް އޯގާތެރިވެ ލޯބިވާން ވިސްނަންޖެހޭ: ސިޔާމް

ދ. އަތޮޅު މަދަރުސާގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ އައްސަދު

ރާއްޖޭގެ ސިޔާސީ ވެރީން އެކަކު އަނެކަކަށް އޯގާތެރިވެ ލޯބިވާން ވިސްނަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅު މަދަރުސާގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، މައިންބަފައިންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން މުދައްރިސުންނަށް ދޭންޖެހޭ އަޅާލުމާއި އޯގާތެރިކަމާ އިހުތިރާމް ރާއްޖޭގެ މިހާރުގެ މުޖުތަމައުން ނެތެމުންދާ ކަމަށެވެ.

އެކަކު އެނަކަކަށް ލޯބިވެ އޯގާތެރިވުން ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އޮންނަންޖެހޭ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަން އާލާކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ، އެ ލޯތްބާއި އޯގާތެރިކަން ނެތިއްޖެއްޔާ ގައުމަކަށް ކުރިއެރުމެއް ނާންނާނެ ކަމަށެވެ.

"އެކަކު އަނެކަކަށް ލޯބިވާންޖެހޭ. އެކަކު އަނެކަކަށް އޯގާތެރިވާންޖެހޭނެ. އެކަންތައް ރާއްޖޭގެ ހުރިހާ ރަށެއްގައި އާލާކުރަންޖެހޭ. ސިޔާސީ ވެރިން އެކަކު އަނެކަކަށް މިކަން އެބަ ވިސްނަންޖެހޭ. މިގައުމު ހިންގާ ރައްޔިތުންގެ ތެރޭގައި ލޯބި އޮންނަންޖެހޭ. އެ ލޯބި ނެތިއްޔާ ކުރިއެރުމެއް ނާންނާނެ،" ސިޔާމް ވިދާޅުވި އެވެ.

މުސްލިމު ގައުމުތަކުން މިއަދު ފެންނަ ލޭ އޮހޮރުވުންތަކަށް އިޝާރާތްކުރައްވައި ސިޔާމް ވިދާޅުވީ، އެކަމަކީ ވެސް އެބައެއްގެ ތެރޭގައި އޯގާތެރިކަން ނެތުމުން ދިމާވާ ގޮތް ކަމަށާއި އެއީ އިންސާނުން އުޅެންވީ ގޮތް ނޫން ކަމަށެވެ.

ތައުލީމު އުނގެނުމުގެ މުހިއްމުކަން އިސްލާމްދީނުގައި ވެސް އަންގަވާފައިވާ އިރު، މުސްތަގްބަލް އުޖާލާކުރުމަށާއި ބަޔަކު ތަރައްގީވެ އުފާވެރި ޖައްވެއްގައި އުޅެން ބޭނުންވާނަމަ ފުރިހަމަ ތައުލީމާއި ހިލްމާ ހުނަރު ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ކުޑައިރު ތައުލީމު ހާސިލްކުރުމުގެ ބޭނުން ކުރިއަރާފައިވާ ގައުމުތަކަށް ބަލާލުމުން ފެންނަން ހުރި ނަމަވެސް ކިޔެވުމުގެ ފުރިހަމަ އޮއްޓަރާއި އޭގެ ފައިދާ ލިބޭނީ މައިންބަފައިންނަށާއި ޓީޗަރުންގެ އިތުރުން ވެރިންނާ ބޮޑެތި މީހުންނަށް އިހްތިރާމް ކުރެވިގެން ކަމަށް ވެސް ސިޔާމްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

"ލިބޭ ސެޓްފިކެޓާ އެއްގޮތަށް ނޫނީ ތިމާއަށް ލިބޭ ވަނަވަނައާ އެއްވަރަށް ނުވަތަ އެ ކުއްޖެއްގެ ތައުލީމާ އެއްވަރަށް އެކުއްޖެއްގެ އަހުލާގީ މިންވަރު ނެތިއްޖެއްޔާ އެ ކުއްޖާގެ ތައުލީމަކުން ކުރާނެ އެއްވެސް އަސަރެއް ނޯންނާނެ،" ދަރިވަރުންނަށް ނަސޭހަތްތެރިވަމުން ސިޔާމް ވިދާޅުވި އެވެ.

comment ކޮމެންޓް