ކާޑު ސަބްސިޑީ ދިނުން ހުއްޓާލުމަކީ ކުރަންޖެހިފައި އޮތްކަމެއް: ޖާބިރު

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ޖާބިރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ

ރާއްޖޭގައި ކާޑުގެ ބާވަތްތަކަށް އާންމުކޮށް ދެމުން އައި ސަބްސިޑީ ދިނުން ހުއްޓާލުމަކީ ރާއްޖެއިން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖެއަކީ ދައުލަތެއް ކަމަށާއި، ދައުލަތް ބޭންކަބަލް ވާންޖެހޭނެ ކަމަށެވެ.

އެކަން ކުރުމަށްޓަކައި، ރައްޔިތުންނަށް ދޫކުރާ ސަބްސިޑީ މިވަގުތަށް ސަރުކާރުން ހުއްޓާލީ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހިކުމަތްތެރިކަމުން ކުރެއްވި ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ސައުދީ އަރަބިއްޔާއާއި ކުވެއިތުގައި ހުރިހާ އެއްޗެހި ހިލޭ ދެވިދާނެ. އެތަންތަނުގައި ރިސޯސް އެބަހުރި. ރާއްޖޭގައި ކޮން ރިސޯސްއެއްތޯ އޮތީ، ހިލޭ އެއްޗެހި ބަހަން. ހިލޭ އެއްޗެހި ދިނުމަކީ ސިސްޓަމް ހިނގުމެއް ނޫން،" ހުރިހާ އެންމެންނަށް އާންމުކޮށް ލިބޭގޮތަށް ސަބްސިޑީ ދިނުމާ ބެހޭގޮތުން ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ހިލޭ ވިޔަސް އެއްޗެހި ލިބެންވާ ފަރާތަކަށް އެތަކެތި ދިނުމުހެ މަސައްކަތް ދައުލަތުން އަބަދުވެސް ކުރާ ކަމަށެވެ.

"ދައުލަތް ބޭންކަބަލް ވީމަ ހިލޭވެސް ކާޑު ދެވޭނެ ހައްގުވެރި ފަރާތްތަކަށް،" ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ކުރީއްސުރެ ކާޑުގެ ބާވަތްތަކަށް ދައުލަތުން ސަބްސިޑީ ދޭ އިރު، އެތަކެތީގެ އަގުތައް ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް މިއަހަރުގެ އޮކްޓޫބަރު މަހު ސަރުކާރުން ވަނީ އާންމުކޮށް ދެމުން އައި ސަބްސިޑީ ކަނޑާލައި، ހަމައެކަނި ފަގީރުންނަށް ސަބްސިޑީ ލިބޭ ގޮތަށް ނިޒާމު ބަދަލުކޮށްފައެވެ.

ސަބްސިޑީ ހައްގުވާ ފަރާތްތަކަށް ސަބްސިޑީ ދޭން ސަރުކާރުން ނިންމާފައިވަނީ ބޭންކް އެކައުންޓަށް ޖަމާވާ ގޮތަށެވެ. އެގޮތުން ކާޑަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދޭނީ މަހަކު ބޮލަކަށް 40 ރުފިޔާއެވެ.

ސަރުކާރުން ބުނާ ގޮތުގައި، ރާއްޖެއިން ސަބްސިޑީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރާތީ، އެކަން އެގޮތަށް ނުކުރުމަށް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ސަރުކާރަށް ތަކުރާރުކޮށް ދަނީ އަންގަމުންނެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ރާއްޖެއިން ކާޑުގެ ސަބްސިޑީގެ ގޮތުގައި ހޭދަކުރާ ފައިސާއިން ގާތްގަނޑަކަށް 126 މިލިޔަން ރުފިޔާ ޚަރަދުވަނީ ރާއްޖޭގައި އުޅޭ ބިދޭސީންނާއި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ކަމަށެވެ.

comment ކޮމެންޓް