"އައި އޭމް ވޯޓާާ"ގެ ނަމުގައި ކަލަންޑަރު ފަރުމާކުރުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ން ހުޅުވާލައިފި އެވެ.
ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ކޮންމެ ބައިވެރިއަކަށްވެސް ގިނަވެގެން ތިން އާޓުވޯކު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.
އެ މުބާރާތުގައި ހުށަހަޅަން ޖެހެނީ ކަނޑައަޅާފައިވާ ތީމްތަކަށް، ކަރުދާހުން ހަދާފައިވާ ކްރާފްޓުގެ މަސައްކަތެވެ.
މައި ތީމެއްގެ ގޮތުގައި "އައި އޭމް ވޯޓާ" ހަމަޖައްސާފައިވާ އިރު، ސެކަންޑަރީ ތީމުގެ ގޮތުގައި ހަ ތީމެއް ކަނޑައަޅާފައިވެ އެވެ.
އެ ހަ ތީމަކީ:
- ޑްރިންކް ޕިއޯ
- ގްރޯ ބިއުޓިފުލް
- ކުކް ހެލްތީ
- އީޓް ފްރެޝް
- ވޮޝް ކްލީން
- ލިވް ހެޕީ
މި އެވެ.
އެ މުބާރާތުގައި މުޅިއެކު 13 އާޓު ވޯކު ހޮވާއިރު، 12 މަަހަށް ހޮވޭ އާޓްވޯކްތަކަށް އިނާމެއްގެ ގޮތުގައި ކޮންމެ އާޓުވޯކަކަށް 3000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ކަވާ ޕޭޖްގެ އާޓު ވޯކުގެ ގޮތުގައި ހޮވޭ އާޓްވޯކަށް 4000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ވަނަތަކަށް ހޮވޭ އާޓުވޯކުތައް 2017 ވަނަ އަހަރުގެ އެމްޑަބްލިއުއެސްސީގެ ކޯޕަރޭޓް ކަލަންޑަރުގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
އެ މުބާރާތުގެ ތީމްތަކާއި، އާޓްވާކް ހުށަހަޅަންޖެހޭ ގޮތާއި މުބާރާތާބެހޭ އިތުރު މައުލޫމާތު contest.mwsc.com.mv އިން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި އެ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 9742555 އަށް ގުޅުއްވުމުން އެ މައުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ މުބާރާތާ ބެހޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް މާދަމާ އިންފޮމޭޝަން ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެސެޝަނުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެމްޑަބްލިޔުއެސްސީ ގެ ސޯޝަލް މީޑިޔާ މެދުވެރިކޮށް ޑައިރެކްޓް މެސެޖް ފޮނުއްވުމަށް އެ ކުންފުނިން އެދެއެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 16.00 އާ ހަަމައަށް އާޓްވޯކުތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ. އަދި އާޓުވޯކުތައް އެ ކުންފުނީގެ މެއިލް [email protected] އަށް ފޮނުވުމަށް އެ ކުންފުނިން އެދިލައްވައެވެ.