ކާނިވާ ސަރަހައްދުގައި މިސްކިތެއް އެޅުމަށްޓަކައި، އެސަރަހައްދުގައި ހުރި ކެފޭތައް ހުސްކުރުމަށް މީގެ ކުރިން ނޯޓިސް ދިން ނަމަވެސް، އެސަރަހައްދުން ކެފޭތައް ހުސް ނުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސައުދީ ސަރުކާރުގެ އެހީގެ ދަށުން ކާނިވާ ސަރަހައްދުގައި "ކިންގް ސަލްމާން މިސްކިތުގެ" ނަމުގައި ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވާ އިރު، އެކަން ކުރުމަށްޓަކައި ކާނިވަލުގައި ހުރި ސައިހޮޓާތަކާއި ކެފޭތައް ހުސްކުރުމަށް، މި އަހަރުގެ މޭ މަހުގެ ތެރޭގައި ވަނީ ހަ މަސް ދުވަހުގެ ނޯޓިސްއެއް ދީފައެވެ.
އެކަމާ ގުޅިގެން އެސަރަހައްދުގައި ވިޔަފާރިކުރަމުން އައި ކެފޭތަކުގެ ވެރީން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިސްކިތް އަޅާ ސަރަހައްދު ރީއޮރިއެންޓް ކުރުމުން، ކެފޭތަކުގެ ޖާގައަށް ނާރާ ގޮތަކަށް އެސަރަހައްދުގައި މިސްކިތް އެޅޭނެ ޖާގަ ލިބޭ ކަމަށެވެ.
"އެސަރަހައްދު ރީއޮރިއެންޓް ކޮށް، އެޖަސްޓްމެންޓް ގެނައިމަ ކެފޭތަކަށް ނާރާ ގޮތަށް މިސްކިތުގެ ބައުންޑަރީ ނެގޭ. އެހެންވެ އެގޮތަށް ސާވޭ ކޮށްފައި، މިވަގުތަށް ކެފޭތައް ނުނަގާ ގޮތަށް ނިންމާފައި ވަނީ،"
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ހާބަރުގައި ހުރި ކަޑަތައްވެސް ނަގާފައިވާ ވަގުތެއްގައި، ކާނިވަލުގައި ހުރި ސައިހޮޓާތަކާއި ކެފޭތައް ނަގައިފި ނަމަ ރައްޔިތުންނަށް ވަރަށް ދަތި ވާނެ ކަމަށެވެ.
"ރައްޔިތުންނަށް ވަރަށް ފަސޭހަވާނެ، ކެއިން ބުއިމުގެ ކަންކަމަށް އެތަންތަން ހުރީމަ. ފުޑް ކޯޓު އެޅުމަށް ހާބަރުގައި ހުރި ހުރިހާ ތަނެއް ނަގާފައި ވަނީ. ދެން ހުރިހާ ތަނެއް އެއްފަހަރާ ނެގީމަ ރައްޔިތުންނަށް ދަތިވާނެ،" މުއިއްޒު ވިދާޅުވިއެވެ.
ސައުދީ ރަސްގެފާނުގެ ނަމަށް ނިސްބަތްކޮށް ކިންގް ސަލްމާނުގެ ނަމުން ނަންދީގެން އިމާރާތްކުރާ އެ މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 142،716 އަކަފޫޓަށް ވުރެބޮޑު ބިމެއްގައި ކަމަށް ހައުސިން މިނިސްޓްރީއިން އޭރު މައުލޫމާތު ދިނެވެ.
މިސްކިތުގެ ހާއްސަ ކަންކަން
- އިމާރާތް ކުރަނީ ހަ ބުރިއަށް.
- 6000 ހަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ.
- ކުތުބުހާނާއެއް ހިމެނޭ.
- ޤުރުއާނާބެހޭ މަރުކަޒެއް ހިމެނޭ.
- މަލްޓި ޕާޕާސް ހޯލެއް، ޖަލްސާ ކުރާ މާލަމެއް، އަދި ކްލާސް ރޫމްތައް.
- ޕާކިންގް ޒޯންތައް
- ހަތަރު ލިފްޓު ހަރުކުރެވޭނެ.
- 41500 އަކަފޫޓަށްވުރެ ބޮޑު ފްލޯއޭރިއާއެއް ނަމާދު ކުރުމަށް ހާއްސަކުރެވޭ.