މަޖިލީހުގައި އިދިކޮޅު ދޫތައް "ތަޅުލެވިފައި"!

ރައްޔިތުންގެ އާ ދައުރު ފެށިގެން ކުރިޔަށްދާއިރު މަޖިލީހުގައި ތަޅުމުގެ ޗާޓު ކުރެހިފައި އޮތްގެ ވަރަށް ސާފެވެ. ހަމައެއާއެކު އިދިކޮޅު ދޫ ހެލޭ މެންބަރުން މަޖިލީހުގެ ތަޅުމުގައި ފެންނަނީ "ހައްޕު" ކިޔައިގެން ތިބޭހެނެވެ. މަޖިލީހުގައި ސަރުކާރަށް ބަހުގެ ހަމަލާތައް ރައްދުކުރާ އިދިކޮޅު މެންބަރުނަށްވެފައި އެތިބީ ކިހިނެއް ހެއްޔެވެ؟

މަޖިލީހުގެ މެޖޯރިޓީ ޑީއާރްޕީއަށް ގެއްލުމުން މަޖިލީހުގެ ތަޅުމުން އެ މެންބަރުންގެ ދައުރު ނެތުނީ ހެއްޔެވެ؟ މަޖިލީހުގެ ރޫހު މިހާރު ފެންމުންދާ ގޮތުން އެހެން ބުނެވިދާނެ އެވެ. މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށިގެން ކުރިއަށްދާއިރު، އިދިކޮޅުން ފާޑުކިޔުންތަކެއް ފެންމަތި ކުރުވާތަން ފެންނަނީ ވަރަށް ވެސް މަދު މެންބަރުން ކޮޅެކެވެ.

މަޖިލީހުގެ ޗުއްޓީ ނިމި ދައުރަށް ފެށިއިރު، ކުރިން އިދިކޮޅު ޕާޓީގައި ފިސާރި ދުލެއް ގެންގުޅުއްވެވި ދެ ބޭފުޅަކު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އިދިކޮޅުގައި ތިއްބަވައިގެން ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި މާފަންނު ހުނޅުގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުރަހީމް ކޭމްޕް ބަދަލުކުރައްވައި މަޖިލީހުގައި ސަރުކާރުގެ "ތައްގަނޑަށް" ރަނގަޅަށް ފެތިވަޑައިގެންފައިވާ އިރު އިދިކޮޅު މެންބަރުންގެ ދޫ ހީވަނީ މަޖިލީހުގެ ތެރޭގައި ނެތް އެއްޗެއް ހެނެވެ. މެންބަރު މަހުލޫފު "ބޫން ބޫން" ލައްވައިލެއްވި ނަމަވެސް މުޅި ތަޅުމުން އިވެނީ އެމްޑީޕީގެ ޕާލަމެންޓްރީގެ މެންބަރުންގެ ސާބަހުގެ އަޑެވެ. ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ކުލަ ބަދަލު ކުރެއްވެވި ހިސާބުގައި ހުރި ޖޯޝެއް، އަޑެއް ނެތެވެ.

އިދިކޮޅު މެންބަރުންގެ އަނގަ ބަންދުވެ މިލާފައި ތިއްބަވާއިރު އިދިކޮޅު މެންބަރުންތައް ހުށަހެޅި ތިން ބިލާއި އެއް ގަރާރު ވެސް ވަނީ "ސައްޕަކަށް" ޖަހާފަ އެވެ. ޑީއާރްޕީ އާއި ޕީއޭ ކޯލިޝަންގެ 32 މެންބަރުންގެ ވޯޓްދެއްވުން ވެސް ވަނީ ބައިބަޔަށް އެޅިފަ އެވެ. ޑީއާރްޕީގެ ދެ ފެކްޝަނުން ދެ ގޮތަށެވެ. ތަސްމީން ފަޅި ސަރުކާރަށެވެ. ޒެޑް ފެކްޝަން އިދިކޮޅަށެވެ. ޕީއޭވެސް އެ ދިމާލަށެވެ. ލޭބާ ޕާޓީގެ ރެޑްވޭވް ސަލީމާ އެކު ހަދާފައިވާ ކޯލިޝަނާ އެކު އެމްޑީޕީއަށް 35 ގޮނޑި ލިބުނަސް، ބައެއް ވޯޓްތަކުގައި އެއަށް ވުރެ، ގިނައިން ވެސް ވޯޓް ލިބެމުންދެ އެވެ.
އާ ދައުރު ފެށި، ފެންނަ ފެނުމަށް އިދިކޮޅު މެންބަރުންގެ އަޑު މަޖިލީހުގައި ކެނޑިފައިވާ އިރު އިދިކޮޅު މެންބަރުން ވިދާޅު ވަނީ ސަރުކާރަށް އަމާޒު ކުރުވާ ފާޑު ކިޔުންތަކުގައި ބުރަކި ޖެހިފައި ނުވާ ކަމަށެވެ.

ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވީ މަޖިލިސް ފެށިގެންދާ އިރު މެންބަރުން "ލޮނުމަޑުވެފައި" ތިބިތަން ފެނިގެން ހިނގައިދާނެ ކަމަށާއި ނަމަވަސް "އަބަދަކު އެހެން ނުތިބޭނެ" ކަމަށެވެ. އުސޫލީ މައްސަލަތަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން ފެށުމާ އެކު ކުރިއެކޭ އެއްގޮތަށް ފާޑު ވިދާޅުވަން ފަށާނެ ކަމަށް ޔަމީން ވިދާޅުވި އެވެ.

"ކުރިއަށް ވުރެ، ފުރަތަމަ ފަށައިގަންނައިރު، ލޮނުމަޑުވެފައި ތިބެދާނެހެން ހީވޭ. އުސޫލީ މައްސަލަތަކެއް އައިމަ ފާޑު ކިޔާނެ ކަމަށް ލަފާކުރެވެނީ. ޓެކްސް ބިލާއި ސަރުކާރުން އެ ވިދާޅުވާ ވިޔަފާރީގެ ބިލްތައް މަޖިލީހަށް ވެއްދުމާއެކު އަދިވެސް ފާޑު ކިޔުންތައް ފެށިގެންދާނެ،" ސިޔާސީ ޕޯޑިއަމްތަކުގައި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ޔާމިން ވިދާޅުވި އެވެ.

ކޮއިލިޝަން ހަދާފައިވާ ޕީއޭ އާއި ޑީއާރްޕީ އިން އިދިކޮޅުގެ އަޑު މަޖިލީހުގައި ގަދަވާނެ ކަމަށް ބުނަމުން ދިޔައަސް ގައުމީ ޕާޓީގެ ވިލިފުށީ ދާއިރާގެ މެންބަރުގެ ހިޔާލު މުޅިންތަފާތެވެ. ރިޔާޒު ވިދާޅުވަނީ މަޖިލީހުގައި އިދިކޮޅު ހަމަހިމޭންވެފައި ވަނީ "ބޮޑު ޕާޓީގެ ލީޑަރު" ޑީލް ހައްދަވާތީ ކަމަށެވެ.

ރިޔާޒު ތުހުމަތު ކުރައްވާ ގޮތުގައި ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންނެވި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާ އެކު ސިއްރު މަޝްވަރާތަކެއް ރާއްޖެ އިން ބޭރުގައި ބާއްވަމުން އެބަދެ އެވެ. އެ މަޝްވަރާތަކުގައި "ޑީލް" ހައްދަވަމުންދާ ކަން ފަޅާއަރަނީ ސަރުކާރުން މަޖިލީހަށް ވައްދަން ނިންމާފައިވާ ވިޔަފާރީގެ ބިލްތަކަށް ތަސްމީން ތާއިދު ކުރައްވާ ކަމުގެ ސިގުނަލެއްދެއްވާފައިވާތީ ކަމަށް ވެސް ރިޔާޒު ތުހުމަތު ކުރެއްވި އެވެ.

"ތަސްމީނާއި އަބްދުﷲ ޝާހިދާއި މޫސަ ރާއްޖެ އިން ބޭރުގައި ހަމަ ޑީލް ހައްދަވަނީ. ޑީލް ހައްދަވާކަން އިނގެނީ ސަރުކާރަށް ހުށަހަޅާ ޓެކްސް ބިލްތަކަށް ތާއިދު ކުރައްވާނެ ކަމަށް ބުނެ، ކުއްލިއަކަށް ބަޔާނެ ނެރެފައި އެވަނީ. އެ ހުރިހާ ކަމަކާ ގުޅިގެން ތަސްމީންގެ އެންގެވުމަށް މަޖިލީހުގައި ޑީއާރްޕީގެ މެންބަރުން ހަމަހިމޭނުން އެތިބެނީ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި ދެން ފެނިގެންދާނީ ޑީއާރްޕީން ސަރުކާރަށް އެއްބާރުލުންދީ ވިޔަފާރީގެ ބިލްތައް ފާސްވަމުންދާ މަންޒަރު ކަމަށެވެ. އަދި އެކަމުގެ ފެށުން މިއަހަރު މަޖިލީހުގައި ފެންމަތިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންމެއަކަސް އަސްލު ހަގީގީ މަންޒަރު ފެނިގެންދާނީ ޕާޓީތަކުގެ ވެރިން މަޖިލިސް މައިދާނަށް ޖަމާވުމުންނެވެ. ޔާމިން ވެސް ވިދާޅުވީ މަޖިލީހުގެ އަސްލު ރޫހު ފެނިގެންދާނީ ރާއްޖެ އިން ބޭރުގައި އުޅުއްވާ މެންބަރުން ރާއްޖެ ވަޑައިގެން އެނބުރި ތަޅުމަށް ނުކުމެ ވަޑައިގަތުމުން ކަމަށެވެ. އެހެން ވެދާނެ އެވެ. އެކަމަކު މިވަގުތަށް ފެންނަނީ މަޖިލީހުގައި އިދިކޮޅު ދޫތައް ބަންދުވެ "ތަޅުލެވިފައި"ވާ ތަނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް