ފެރިދޫ އިންޖީނުގެއިން ތެޔޮ ހުސްވެގެން ކަރަންޓު ކެނޑިފައި އޮންނަތާ 12 ގަޑިއިރުފަހުން ކަރަންޓު ދީފި

އއ. ފެރިދު އަށް ކަރަންޓް ދެމުން އަންނަ އެ ރަށު ރައްޔިތުންގެ އިންޖީނުގެ އިން ތެޔޮ ހުސްވުމާ ގުޅިގެން އެ ރަށުން ކަރަންޓް ކެނޑިފައި އޮންނަތާ ގާތްގަނޑަކަށް 12 ގަޑިއިރުފަހުން އަލުން ކަރަންޓް ދީފި އެވެ.

ރަށު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ކަރަންޓް ގުޅައިދީފައިވަނީ މިއަދު ހަވީރު 5:10 ގަ އެވެ. ކަރަންޓް ދިނީ ޖަނަރޭޓަރު ހިންގޭ ވަރަށް އެކި ފަރާތްތަކުން ތެޔޮ ހޯދައިގެން ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ރަށު ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ ކަރަންޓް ކެނޑުނީ އެ ރަށަށް ތެޔޮ ސަޕްލައިކޮށްދޭ ފަރާތަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ތެޔޮ ހުސްވާން ވާއިރަށް ތެޔޮ ފޯރުކޮށް ނުދެވިގެން ކަމަށެވެ.

ނަމަވެސް ފެރިދޫން މައުލޫމާތު ދިން މީހަކު ބުނީ އެ ރަށު އިންޖީނުގެ އިން ތެޔޮ ހުސްވެފައި ވަނީ އިންޖީނުގޭގެ ބަޖެޓްގައި ތެޔޮ ގަންނާނެ ފައިސާ ނެތިގެން ކަމަށެވެ. އަދި އެ ރަށަށް ތެޔޮ ސަޕްލައިކޮށްދޭ ކުންފުންޏަށް އިންޖީނުގެއިން ދައްކަން ޖެހޭ ފައިސާގެ އަދަދުތަކެއް ނުދައްކައި އޮތުމުން އެ ފައިސާ ނުދައްކަނީސް އަލުން ތެޔޮ ސަޕްލައި ކުރުމަށް ދެކޮޅު ހަދަމުން ދާކަން އެނގިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފެރިދޫ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ފަރީދު ވިދާޅުވީ ފެރިދޫ އިންޖީނުގެއިން ތެޔޮ ހުސްވާން މެދުވެރިވީ ކުރީގެ ތެޔޮ ބިލަކަށްވާ ފައިސާ ތެޔޮ ސަޕްލައިކޮށްދޭ ފަރާތަށް ފެރިދޫ އިންޖީނުގެ އިން ނުދައްކާ އޮތުމުން ކަމަށެވެ. އަދި އެބިލަށް ފައިސާ ނުދެއްކުނީ ރަށުގެ ބައެއް ގެތަކުގެ ކަރަންޓް ބިލަށްވާ ފައިސާގެ ބޮޑެތި އަދަދުތަކެއް ނުދައްކައި އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޮޑެތި އަދަދުތަކެއް އެބަހުރި ބައެއް ގޭގެއިން ނުދައްކައި. އަޅުގަނޑުމެން ވަރަށް އަވަހަށް އެފަދަ ކަންތައްތައް ހިނގިޔަ ނުދިނުމަށް ގަވައިދެއް އެބަ ހަދަން." ފަރީދު ވިދާޅުވި އެވެ.

ފެރިދޫން ވާހަކަ ދެއްކި މީހާ ބުނީ، ޖަނަރޭޓަރު ހިންގޭ ވަރަށް ތެޔޮ ލިބޭތޯ މިހާރު އަތޮޅު ތެރޭގެ ރަށްރަށުގައި ރަށު ކައުންސިލުން އެދެމުންދާ ކަމަށާއި އަދި އަދި ބައެއް ރަށްރަށުން މިހާރު އެހީތެރި ވެދީފައިވެސް ވާ ކަމަށެވެ.

"މިހާރު ދީފައި އެބަހުރި މިއަތޮޅު މަތިވެރިން ދެފީފާ ތެޔޮ، ޑަބްލިއު މޯލްޑިވްސް އިން އެއް ފީފާ ތެޔޮ، އަދި ރަށުގެ ރައްޔިތުން ވެސް ހޯދާފައި އެބަހުރި ތިން ހަން ތެޔޮ،" ފެރިދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފެރިދޫ ރަށު ކައުންސިލްގެ ނައިބު ރައީސް ވެސް ވިދާޅުވީ ތިން ދުވަހަށް ބޭނުންވާ ތެޔޮ މިހާރު ލިބިފައިވާ ކަމަށާއި އެތެޔޮ ހުސްވުމުގެ ކުރިން އެއް މަސް ދުވަހަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް ސަޕްލަޔަރު މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު