މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ސެންޓަރުތައް ހުޅުވަނީ

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު (ވ)ގެ އަރިހުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ނިމުމުގެ ކުރިން ޤުރުއާނާ ބެހޭ މަރުކަޒުގެ ސެންޓަރުތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހުޅުވާނޭ ކަމަށް އެ މަރުކަޒުން ބުނެފިއެވެ.

ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ މިއަހަރު ނިމުމުކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ މަރުކަޒުތައް ހުޅުވާނެ ކަމަށެވެ. އަދި މަރުކަޒުގެ ގޮތްޕެއްނެތި މިހާރު ވަނީ އެންމެ ފަސް އަތޮޅެއްގައި ކަމަށް ވިދާޅުވިއެވެ.

އެ އަތޮޅުތަކަކީ އއ، މ، ދ، ތ އަދި އައްޑޫ ސިޓީއެވެ. އެ އަތޮޅުތަކުގެ ތެރެއިން އައްޑޫ ސިޓީގެ ހުޅުމީދޫ ގައި މަރުކަޒުގެ ގޮތްޕެއް ހުޅުވުމުގެ މަޝްވަރާތައް ކޮށްފައިވާއިރު، ތ. ގުރައިދޫ ގައި ވެސް އެ މަރުކަޒުގެ ގޮތްޕެއް ހުޅުވުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ މިހާތަނަށް 15 ރަށެއްގައި އެ މަރުކަޒުގެ ގޮފިތައް ހުޅުވައި ހަ ރަށެއްގައި ކްލާސްތައް ފަށައިފައެވެ.

އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު ތަންފީޒު ކުރަން ފަށާފައިވާ ގައުމީ އާ މަންހަޖުގެ ކީ ސްޓޭޖް ދޭއް ނިންމާ ގްރޭޑް ފަހެއްގެ ދަރިވަރުންނަކީ ކީރިތި ޤުރުއާނަށް އަހުލުވެރި ދަރިވަރުންނަށް ހެދުމަށް ފަށާފައިވާ ޕްރޮގްރާމް އަންނަ އަހަރު އަތޮޅުތެރެއަށް ވެސް ތައާރަފް ކުރާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްދާ އެ ޕްރޮގްރާމްގެ ދަށުން ކީ ސްޓޭޖް ދޭއް ނިންމާ ކޮންމެ ދަރިވަރަކީވެސް ކީރިތި ޤުރުއާން ޚަތިމްކޮށްފައިވާ އަދި އައްމާފޮތް ހިތުދަސް ކުދިންކަން ޔަޤީން ކުރެވިގެންދާނެއެވެ.

އެ ޕްރޮގްރާމް މިހާރު ކުރިއަށްދަނީ މާލޭގެ 15 ސްކޫލަކަށް އަމާޒުކޮށްގެންނެވެ. އަދި އެ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ސްކޫލަކުން 60 ދަރިވަރުންނާއެކު ޖުމްލަ 900 ދަރިވަރުން ބައިވެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން ދެ އަހަރު ތެރޭގައި ޚަތިމްކޮށް ޕްރޮގްރާމުން ދަސްވެނިވާނެ ކަމަށާއި، ކޮންމެ ހަފްތާއަކުވެސް ދަރިވަރުން ސްކޫލްގައި ހޭދަކުރާ ވަގުތުގެ އިތުރުން ދެ ގަޑިއިރު ސްކޫލްގައި ހޭދަކޮށްގެން ޕްރޮގްރަމް ފުރިހަމަ ކުރަމުން ގެންދާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުނެއެވެ.

comment ކޮމެންޓް