އަނާންގެ ވާހަކަތަކާ މެދު ޝުޖާއުއަށް ވިސްނުން ހިންގާލެވުނެވެ. ނަމަވެސް ވަގުތާ ހާލަތު އެފަދަ ފިޔަވަޅެއް އަޅަން ތަންނުދޭކަން އޭނަގެ ޒަމީރު ހަނދާންކޮށްލަ ދިނެވެ. އޭނައާއި ބަތޫލްގެ ދެމެދުގައި ވަނީ ވަރަށް ވެސް ނާޒުކު ގުޅުމެކެވެ. ކުރެވޭ ކިތަންމެ ކުޑަ ކަމަކުން ވެސް އެގުޅުމުގެ ވާފަށް ކަނޑައިގެން ދިއުމުގެ ބިރު އެބަ އޮތެވެ. މިވަގުތު ލޯތްބަށް ވުރެ ބޮޑަށް ބަތޫލް އެދޭނީ އޯގާތެރި އަތަކަށެވެ. ހިތްފުރެންދެން ބޯއަޅާލައިގެން ރޯލާނެ ކޮނޑަކަށެވެ. އޭނަގެ އިހުސާސްތައް ދަންނާނެ އެކުވެރިއަކަށެވެ. މި ޚިޔާލުތަކާއެކު އަނާންގެ ވާހަކަތައް އޮއްބާލަން ޝުޖާއު އުޅުނެވެ. އޭގެ މިސްރާބު ޖަހާފައިވާ މަންޒިލް ކަމުނުދާތީއެވެ.

''އައެމް ނޮޓް ޝުއާރ އެބައުޓް ދަ ފީލިންގްސް ޕާރޓް...'' ޝުޖާއު ސޯފާއިން ތެދުވަމުން ބުނެލިއެވެ. އެއާއެކު އަނާން ވެސް ތެދުވުނެވެ. އަދި ޝުޖާއުއަށް ފުން ނަޒަރަކުން ބަލާލިއެވެ. ޝުޖާއުގެ އިހުސާސްތައް ދެނެގަންނަން އުޅޭ ފަދަ ގޮތަކަށެވެ.

''ފައިން، އެކަމަކު އެކުވެރިއެއްގެ ގޮތުން އެހީވެވިދާނެ ދޯ؟، މިވަގުތު ބަތޫލްއަށް އެކުވެރިޔެއްގެ އެހީ ބޭނުންވާނެ، އަޒްޔާންގެ ފަރާތުން ލިބުނު ހިތްދަތިކަން ހަނދާން ނައްތާލުން ފަސޭހަކަމަކަށް ނުވާނެ، އެކަމަކު ބަތޫލްއަށް ހިތްވަރު ލިބެންޏާ ހުރިހާކަމެއް ވެސް ފަސޭހަ ވެގެން ދާނެ... ރަގަޅު ވަގުތު އައިސް ޖެހުމުން ހުރިހާކަމެއް ވެސް ޝުޖާ ބޭނުންވާ ގޮތަށް ވާނެ އިރާދަކުރެއްވިއްޔާ... ދިސް ޓައިމް ޑޯންޓް ލެޓް ހާރ ގޯ... ޔޫ ހޭވް ޓު ފައިޓް ފޯރ ހާރ...'' ހިނިތުންވުމަކާއެކު އަނާން ވާހަކަ ދެއްކިއެވެ. ކޮއްކޮއަށް އެހީގެ އަތެއް ފޯރުކޮށްދޭން އޭނަ ބޭނުންވެފައިވާ މިންވަރު އޭނަގެ ދެލޮލުގައިވާ ޝުޢޫރުތަކުން ހާމަކޮށްދެއެވެ. ޝުޖާއުގެ ހިތްދަތިކަން ވަރަށް ގާތުން އޭނަ ވަނީ ދެކެފައެވެ. އޭނަ މިހާރު ބޭނުންވަނީ ޝުޖާއުގެ ތުންފަތަށް ހިނިތުންވުން ވެރިވާށެވެ. އެމޫނުން އަބަދު ވެސް ފެންނަ ސަމާސާ ކަމާއި ރޫހު އެނބުރި އިއާދަ ވާށެވެ.

ޝުޖާއު އޭނަގެ ދައްތައާއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. މިއަދާ ޖެހެންދެން ވެސް އޭނަގެ ހިތުގެ އިހުސާސްތައް ހާމަކޮށްފައިވާ ހަމައެކަނި ފަރާތަކީ އަނާން އެވެ. އިތުރު އެއްވެސް މީހަކަށް އޭނަގެ އިހުސާސްތައް ދެނެގަތުމުގެ ފުރުސަތެއް އޭނަ ނުދެއެވެ. އެހިތުގައިވި ލޯބި ޚުދު ބަތޫލްއަށް ވެސް ސިއްރުކުރީ އޭނަގެ ސަބަބުން ބަތޫލްގެ އުފާވެރިކަމަށް ނިމުމެއް އަންނަން ނޭދޭތީއެވެ. އަމިއްލަ އުފާތަކާއި އިހުސާސްތަކުގެ މައްޗަށް އޭނަ އިސްކުރީ ބަތޫލްގެ ހިނިތުންވުމާއި އެމޫނުމަތިން ފެންނަ އުފާވެރިކަމެވެ. މިހުރިހާ ދުވަހު އޭނަގެ ދިލަ ހިތަށް ފިނިކަމުގެ ރޯޅިއެއްގެ މިންވަރުވެސް ވާސިލުވުމުގެ ފުރުސަތު ދިން ހަމައެކަނި ޤުރުބާނީއަކީ އެއީ އެވެ. އެހެނަސް ތަޤުދީރު އޭނައާއި ކުރިމަތިކުރުވާފައިވާ ގޮންޖެހުންތަކުގެ ސަބަބުން މިއަދު އެއުފަލުން ވެސް އޭނަ ވަނީ މަހްރޫމް ވެފައެވެ. ބަތޫލްގެ ހާލާ މެދު ވިސްނާލެވޭ ކޮންމެފަހަރަކު އޭނަގެ ހިތަށް ވެރިވެގެންދަނީ މާޔޫސްކަމެވެ. ބަތޫލްގެ ވޭނާއި ތަދަށް މަލަނަކަށް ވާން އޭނަގެ ހިތް އެދި ގޮވައެވެ. ހާސްކަމެއްގެ ތެރޭގައިވި ޝުޖާއުގެ ނަފުސު ހޭލައްވާލީ އަނާންގެ އަޑުންނެވެ.

''ތިހާ ބޮޑަށް ނުވިސްނަބަލަ، އިރާދަކުރެއްވިއްޔާ ވަގުތާއެކު ހުރިހާ ކަމެއް ވެސް ރަގަޅުވާނެ... ދެން ވެސް ފެންވަރައިގެން ބޭރަށް ނިކުންނަން އުޅެބަލަ، ތިހެން މާޔޫސްވެ ކަންތަކާ ޝަކުވާ ކުރުމާއިގެން ކޮޓަރީގަ ވަގުތު ހޭދަކުރަންޏާ މަންމަ ސުވާލުކުރަން ވެސް ފަށާފާނެ... އެންޑް ޔޫ ނޯ މަމް ވެރީ ވެލް... ކަމެއް ނޭގެނީސް ހުއްޓައެއް ނުލާނެ، މިހާރު ވެސް ޝުޖާއަށް ވީކަމެއް ނޭގިގެން ސުވާލު ކުރުމާއިގެން އެއުޅެނީ...'' އަނާން ވިސްނައިދޭ ރާގަކަށް ބުނެލިއެވެ. ޝުޖާއު އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

''ތޭންކްސް ފޯރ ޓޯކިންގް ޓު މީ...'' ފަނޑު ހިނިތުންވުމަކާއެކު ޝުޖާއު ބުނެލިއެވެ.

''އެނީ ޓައިމް... ބުނަން، ޝުޖާ އެހީއަކަށް ބޭނުން ވެއްޖެއްޔާ އަހަރެން އަބަދު ވެސް ހުންނާނެކަން ހަނދާން ބަހައްޓާތި... އަދި ދިރިއުޅުމުގައި ކުރިމަތިވެދާނެ ގޮތަކުން ހިތްވަރު ދޫކޮށްލައިގެން ވެސް ނުވާނެ... ފޯރ އެވްރީތިންގް ޓު ވޯރކް ޓުގެދާރ ޔޫ މަސްޓް ޕުޓް ޔޯރ އެފޯރޓް...'' ޝުޖާއުގެ ކޮނޑުގައި ފިރުމާލަމުން އަނާން ބުނެލިއެވެ.

*****

އަނާންއަށް ލަސްވެގެން ގޮވަން އައި މާރިޔާއަށް ޝުޖާއުގެ ކޮޓަރިއާއި އަރާހަމަވުމާއެކު އޭނަގެ ފިޔަވަޅުތައް މަޑުޖެހިލައިފިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައިވުމާއެކު ދެކެވެމުން އައި ވާހަކަތައް އިވި އޭނައަށް ކަންފަތް ހުޅުވާލެވުނެވެ. އޭރު އޭނަގެ މޫނުމަތިން ހައިރާންކަމުގެ އަސަރު ފެންނަން ވެސް ފަށައިފިއެވެ. އޭނަ ކުރަން އައި ކަންތައް ވެސް ހަނދާން ނެތުމާއެކު ފާރާއި ނިވާވެލަމުން އަނާންމެން ދައްކަމުން ދިޔަ ވާހަކަތަކަށް އިތުރަށް ސަމާލުވެލިއެވެ. ކަންތައް އޮޅުންފިލަމުން ދިޔަ ވަރަކަށް ސިކުނޑިއަށް ބާރުލެވެން ފެށުނީ އެވާހަކައިގެ އަސްލު ހޯދައިގަތުމުގެ ބޭނުމުގައެވެ. ޝުޖާއުގެ ހަޔާތުން ބަތޫލްއަށް ހާއްސަ މަގާމެއް ދެވިފައިވަނީ ހެއްޔެވެ؟ އޭނައަށް ނޭގި އެދެމެދުގައި ސިއްރު ގުޅުމެއް އުފެދިފައި ވަނީ ހެއްޔެވެ؟ ޝުޖާއު އޭނައަށް އެކަންތައް ސިއްރުކުރަނީ ކީއްވެ ހެއްޔެވެ؟

ސިކުނޑީގައި ބުރުޖަހަން ފެށި ސުވާލުތަކުގެ ޖަވާބު ވިސްނުމަށް ބާރުލުމުން ލިބެން ގިނަ އިރެއް ބޭނުމެއް ނުވިއެވެ. އެއާއެކު އޭނައަށް އަވަސްނޭވާތަކެއް ދޫކޮށްލެވުނީ މީހާއަށް ލިބިފައިވާ ހާސްކަމުން މިންޖުވުމަށެވެ. ލިބުނު މަޢުލޫމާތުތައް ހަޖަމުކުރުކަން މާރިޔާއަށް ވަގުތު ބޭނުން ވިއެވެ. އޭރު ވެސް އޭނައަށް ލިބިފައިވާ ހައިރާންކަން ފިލައިގެން ނުދެއެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައިވަނިކޮށް އޭނައަށް ސިހުން ގެނުވީ ތުއްތު ޒީޝާގެ ރޯލުމުގެ އަޑުންނެވެ. އެއާއެކު އޭނަ އަވަސްވެގަތީ އަނާންގެ ކޮޓަރިއަށް ދިއުމަށެވެ.

ކުޑަ އެނދުގައި އޮތް ޒީޝާ ނަގަމުން މާރިޔާ މަޑު ނާނާއެއްގެ އަޑު އަޅުވާލަމުން ކުޑަދަރިފުޅު މަސަލަސްކުރެވޭތޯ އުޅުނެވެ. އޭނަ ދެކޮޅަށް ހިނގަން ހުއްޓާ އަނާން ވަންތަން ފެނުނެވެ. އަނާންގެ ފަހަތުން ކަހަލަ ގޮތަކަށް ވަން ޝުޖާއުއަށް މިފަހަރު މާރިޔާ ބަލާލީ ތަފާތު ނަޒަރަކުންނެވެ. އެހާ ބޮޑު ކަމެއް ޝުޖާއު އޭނައަށް ސިއްރުކުރުމުން އެކަމާމެދު ހިތްހަމަނުޖެހިފައިވާ ކަމުގެ ޝުއޫރުތައް އެދެލޮލުގައި ވިއެވެ. ޝުޖާއުގެ އުފަލަށް އޭނަ ފަހަރެއްގައި ވެސް ހުރަސް އަޅާފާނެ ކަމަކަށް ޝުޖާއުގެ ހިތުގައި ޝައްކު އުފެދިފައިވީ ހެއްޔެވެ؟ ބަތޫލްއާއި ޝުޖާއު ގުޅުމަށް އޭނަ އިންކާރުކޮށްފާނެ ކަމަށް ހީކުރީ ހެއްޔެވެ؟ ހުރިހަމައެކަނި ފިރިހެންދަރިފުޅުގެ އުފަލަށްޓަކައި އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަމާމެދު އެއްފަހަރު ވެސް ޝުޖާއު ވިސްނާނުލީ ހެއްޔެވެ؟

''ހާދަ ވަރަކަށް ރޮނީ؟...'' ކަންބޮޑުވެފައި ހުރި އަނާންއަށް އަހާލެވުނެވެ.

''ބަނޑުހައިވެގެން ކަންނޭގެ...'' ޒީޝާ މަސަލަސް ނުކުރެވުމުން މާރިޔާ ބުނެލިއެވެ. އަދި އެނދުގައި އިށީން އަނާންގެ އަތަށް ޒީޝާ ލައިދިނެވެ.

''ސައިބޮއެގެންތަ ޝުޖާ ތިހުރީ؟...'' ޝުޖާއުއަށް ބަލާލަމުން މާރިޔާ އެހިއެވެ. އަދި ޝުޖާއުގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ކޮޓަރިން ނިކުންނަން ހިނގައިގަތީ ކާކޮޓަރިއަށް އައުމަށް ބުނެލަމުންނެވެ. މަންމަގެ މިޒާޖަށް ކުއްލި ބަދަލެއް އައިސްފައިވާކަން ޝުޖާއުއަށް އެވަގުތު ފާހަގަ ކުރެވުނެވެ. އޭނަ ކޮޓަރިން ނިކުތީ އެކަމާ މެދު ވިސްނަމުންނެވެ.

*****

ބެލްކަނީގައި ހުރި އުނދޯލީގައި ބަތޫލް އިށީންދެލައިގެން އިންއިރު ކަނޑުގެ ސަތަހައިގެ ނިވަލަށް ވަންނަމުން އައި އިރުގެ ދަޅަތަކުން ހުޅުދާންކުރެވިފައިވާ އުދަރެސް މައްޗަށް އޭނަގެ ނަޒަރު ވަނީ އަމާޒުވެފައެވެ. ދުނިޔެމައްޗަށް ލަސްލަހުން ވެރިކުރުވަމުން އައި އަނދިރިކަމާ މެދު އޭނައަށް ވިސްނާލެވުނެވެ. އޭނަގެ ޚަޔާތަށް ވެސް ވަނީ އެފަދަ ކަނު އަނދިރިކަމެއް ވެރިވެފައެވެ. ނަމަވެސް ތަފާތަކީ އާ އުއްމީދުތަކުން ފުރިގެންވާ އިރަކަށް އޭނަގެ ޚަޔާތް މަރުހަބާ ނުކިޔާނެ ކަމެވެ. ރޭގަނޑުގެ ކަނު އަނދިރިކަން ފަނޑުކުރުވާ ހަނދާއި ތަރިތަކުގެ ވިދުމުން އޭނަގެ ހަޔާތަށް ރޯޝަނީ ކުލަތައް ނުގެނެސްދޭނެ ކަމެވެ. މިހުރިހާ ޚިޔާލުތައް ވެގެން ދިޔައީ ބަތޫލްގެ ހިތުގައި އިންދާލެވިފައިވާ މާޔޫސްކަމުގެ އޮށަށް މޫއެރި ފޯދެން މެދުވެރިވި މަދަދުވެރިޔާއަށެވެ. ވިސްނަން ބޭނުންނުވި ކަމުގައި ވިޔަސް އޭނައަށް އަޒްޔާން ނޫން ފަރާތަކަށް ފިކުރުތަކުގެ ސަމުގާ އަނބުރައެއް ނުލެވުނެވެ. ހިތަށް ވޭން ލިބުނު ކަމުގައި ވިޔަސް މެއެވެ. އުޅެއުޅެ އޭނަގެ ހިތުގެ މައްޗަށް ބަތޫލްއަށް ބާރެއް ނުފޯރުވުނެވެ. ރުޅިވެރިކަން އިސްކުރަން ބޭނުން ވިޔަސް އެކަންތައް ވެސް އޭނައަށް ނުކުރެވުނެވެ. އޭރު އަމިއްލަ އިހުސާސްތަކުގެ ތެރޭ ބަނދެވި ބަތޫލްގެ ނަފްސު ވަނީ ބަލިކަށިވެފައެވެ. ސާފު ވައިފޮދަކަށް އެދިއެދި އޭނަ ވަނީ ނޭވާ ހާސްވެފައެވެ.

އަމިއްލަ ފިކުރުތަކުގެ ފުން އަނދުވަޅުގެ ތެރެއަށް ބާރު ދުވެލީގައި ވެއްޓެމުން އައި ބަތޫލް ސިހުނީ ފަހަތުން އިވުނު އަޑެއްގެ ސަބަބުނެވެ. އޭނައަށް އަޑުއައި ދިމާއަށް ސަމާލުކަން ހުއްޓާލެވުނެވެ. އެވަގުތު ދޮރުކަނިއަށް ލެނގިލައިގެން ހުރި ޝުޖާއު ބަތޫލްއާ ފަނޑު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ބަތޫލް ވެސް ރައްދުގައި ހިނިތުންވެލަން އުޅުނު ކަމުގައި ވިޔަސް އޭނަގެ ހިއްސުތައް އެކަމަށް ތަނެއް ނުދިނެވެ. ޝުޖާއުއާއި އޭނަގެ ނަޒަރު ވަކިކޮށްލަމުން ބޮކިތަކުގެ ކުލަފަތިތަކުން ރަންގުވަމުން އައި މޭލޭގެ މަލަމައްޗަށް އޭނަ ސަމާލުކަން ހުއްޓާލިއެވެ.

ޝުޖާއުގެ ހިނިތުންވުން ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލިގެން ދިޔަ އެވެ. މާޔޫސްކަން ހިތަށް ލިބުނު ކަމުގައި ވިޔަސް ބަތޫލްގެ ހިތާމަތަކުގައި ބައިވެރިވާން އޭނަ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

''ހޭއި...'' ޝުޖާއު އައިސް އުނދޯލީގައި އިށީނެވެ.

ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔަ އިރު ވެސް ބަތޫލް އަނގަޔަކުން ނުބުންޏެވެ.

''އަހަރެން ދެކެ ހިތްހަމަނުޖެހިފަތަ؟...'' ބަތޫލްއަށް ބަލާލަމުން ޝުޖާއު އެހި އެވެ. އެއާއެކު ބަތޫލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި ދެފަރާތަށް ބޯހޫރާލެވުނީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

''އައެމް ސޮރީ ބަތޫލް...'' ވެރިވެފައިވި އަޖައިބެއްފަދަ ހިމޭންކަމަށް ނިމުމެއް ގެންނަމުން ޝުޖާއު ވާހަކަދެއްކިއެވެ. ބަތޫލްގެ މަޑުމަތިރިކަމާއި ހިމޭންކަމުން ޝުޖާއުއަށް އުނދަގޫ ވިއެވެ.

''މަޢާފަށް އެދޭވަރުގެ ކަމެއް ޝުޖާ ނުކުރަމެއްނު، ދެން ކީއްވެ މަޢާފަށް ތިއެދެނީ؟...'' ބަތޫލް ބުނެލިއެވެ. ''ޝުޖާ، އަހަރެން ބޭނުމީ އެކަނިވެލަން... އަހަންނަށް އެނގޭ މިވަގުތު އަހަންނާ މެދު ފެމިލީ އެންމެން ވެސް ވިސްނާކަން، ކަންބޮޑުވެފައިވާކަން... އެކަމަކު ވެސް އަހަރެން ބޭނުމީ އެކަނިވެލަން... މޮޔަކަމެއް އަހަރެން ނުކުރާނަން... އެހާ ހިސާބަށް ދާވަރަށް އަހަރެންގެ އިމާންތެރިކަން ބަލިކަށްޓެއް ނޫން... އަހަންނަށް މިހުރިހާކަމަކަށް ކެތްތެރިވެވޭނެ... އައި ޖަސްޓް ނީޑް ސަމް ޓައިމް...''

''އިފް ޔޫ ނީޑް މީ، އައި ވިލް ބީ ދެއާރ ފޯރ ޔޫ...'' ބަތޫލްގެ މަޑުމަޑު އަތްތިލައިގައި ހިފާލަމުން ޝުޖާއު ވާހަކަދެއްކިއެވެ. ބަތޫލްއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރާކަށް އޭނަ ބޭނުމެއް ނުވެއެވެ. ހިތުގައި އުދާސްކަމުގެ އޮއެވަރު ވިޔަސް ބަތޫލް އެދޭ ފަދައިން ވަގުތު ދޭން އޭނަ އަޒުމު ކަނޑައެޅިއެވެ. އެހެނަސް އޭނަ ދުރުދުރުން ބަތޫލްގެ ހާލު ބަލާނެއެވެ.

ޝުޖާއުއަށް ބަލާލަމުން ބަތޫލް ގަދަކަމުން ހިނިތުންވެލިއެވެ.

''ތޭންކްސް... އައިލް ބީ ފައިން...''

ބަލިކަށިވެފައިވާ ނަފުސަށް ޔަޤީންކަން ދެމުން ބަތޫލް ބުނެލިއެވެ. ޝުޖާއު އޭނަގެ ގާތުގައި ވުމުން ބަތޫލްއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އަބަދުވެސް އޭނަ މާޔޫސްވާ ވަގުތުތަކުގައި ޝުޖާއު އޭނައާއެކު ވާނެއެވެ. އެކަނިވެރިކަން އިހުސާސްވިޔަ ނުދޭނެއެވެ. ހިތްދަތިވާ ވަގުތުތަކުގައި އެސާމާ މިޒާޖުން އޭނަ ހެއްވާލަން އުޅޭނެއެވެ. އެހުރިހާ ކަމަކަށް ވެސް ބަތޫލްގެ ހިތުގެ އަޑިން ޝުކުރެވިރި ވެއެވެ. ނަމަވެސް އެހުރިހާ ކަމެއްގެ ފަހަތުގައި ވަންހަނާވެފައިވާ ޝުޖާއުގެ ލޯބި މިއަދާޖެހެންދެން ވެސް ދެނެގަންނަން ބަތޫލްއާސް ވަނީ ނުކުޅެދިފައެވެ.

*****

ރޭގަނޑު އަށެއްގެ ޚަބަރު ބަލަން ޖައުފަރާއެކު އިން ހިންދަށް އޭނަގެ ފޯނު ރިންގްވާން ފެށުމާއެކު ފޯނަށް ސަމާލުކަން ހުއްޓާލެވުނެވެ. ސްކްރީނަށް މާރިޔާގެ ނަން އަރާފައި އިންތަން ފެނި އޭނަގެ ބޮލުގައި ރިއްސާލިއެވެ. މާރިޔާއަށް އޭނަގެ ސުވާލުތަކުގެ ޖަވާބު ނުލިބެނީސް ހުއްޓާނުލާނެކަމާމެދު ހިންދަން ވިސްނާލެވުނެވެ. އެކުގައި އުޅެބޮޑުވިއިރު އޭނައަށް ވަނީ އެކަންތައް ރަގަޅަށް ދަސްވެފައެވެ. ތުންފަތް އަރިއަކަށް ދަމާލަމުން ހިންދު ފޯނު ކަންފަތުގައި ޖައްސާލީ މާރިޔާގެ ސަބަބުން އޭނަ ކުރި ބުރަ މަސައްކަތް ޚަރާބުވުމުގެ ފުރުސަތު ނުދޭން ހިތާހިތާ އަޒުމު ކަނޑައަޅަމުންނެވެ.

''ދޮންތާ އަހަރެން ވާހަކައެއް ދައްކާލަން ބޭނުން...'' މާރިޔާ ބުނެލިއެވެ. ހިންދުއަށް ހައިރާންކަމެއް ލިބުނީ މާރިޔާގެ އަޑުގައިވި ތަފާތުކަމުންނެވެ. ކަމެއް ގޯސްވީބާއޭ އޭނައަށް ހިތާ ސުވާލުކޮށްލެވުނެވެ.

''ކިހިނެއްވީ؟... އަނެއްކާ އަނާންއަށް ކަމެއް ވީތަ؟...'' ހިންދުއަށް އަވަސްއަވަހަށް އަހާލެވުނެވެ.

''ހުރިހާކަމެއް ވެސް ރަގަޅު...'' މާރިޔާ ބުނެލިއެވެ. އޭނައަށް އުނދަގޫކުރަމުން އައި ވާހަކަތައް ހިންދާ ހިއްސާކުރަން ވީބާއޭ އޭނައަށް ތަކުރާރުކޮށް ހިތާ ސުވާލުކޮށްލެވުނެވެ. އެއާއެކު އޭނަ އެކަން އޮއްބާލަން އުޅުނެވެ. އޭނައަށް އެހުރިހާކަމެއް މުޅިން ޔަޤީނެއް ވެސް ނުވެއެވެ. ޝުޖާއުއާއި އެމައުޟޫޢުއާ ބެހޭގޮތުން ވާހަކަދައްކާލެވުނީ އެއްވެސް ނޫނެވެ.

''އެކަމަކު ހާދަ ކަންބޮޑުވެ ހުރިހެން ހީވެޔޭ...'' ހިންދު ބުނެލިއެވެ.

''ދޮންތަ އަދިވެސް އަހަރެން ގާތު ނުބުނަމެއްނު އެރޭ ކަންތައް ވެދިޔަ ގޮތެއް... އަހަންނާ އެކަންތައް ހިއްސާކޮށްބަލަ... ބަތޫލްއަށް ރަގަޅު މުސްތަޤުބަލެއް ލިބުން އަހަރެން ވެސް ބޭނުންވޭ... ދޮންތަގެ ސިއްރުތަކަށް އަހަރެންގެ ސަބަބުން ނުރައްކަލެއް ކުރިމައްޗެއް ނުވާނެ... މިހުރިހާ ދުވަސް ވީއިރު ވެސް ދޮންތައަކަށް އެކަން ނޭގުނުތަ؟...'' ފަރުވާތެރިކަމާއެކު ވާހަކައިގެ މިސްރާބު ބަދަލުކޮށްލަމުން މާރިޔާ ބުނެލީ އަޑަށް މޮޅިވެރިކަން ގެންނަމުންނެވެ.

ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިން ޖައުފަރަށް ބަލާލަމުން ހިންދު ސޯފާއިން ތެދުވިއެވެ. އެއަށްފަހު އޭނަ ގޮސް ބެލްކަނިއަށް ނިކުމެލަމުން ބެލްކަނީގެ ބިއްލޫރި ދޮރުފަތް ލައްޕާލުމާއެކު ވަށައިގެންވި މާހައުލަށް އަވަސް ނަޒަރެއް ދިނެވެ.

''އަހަރެން ނެތިން މާރިޔާއަށް އެއްވެސް ކަމެއް ސިއްރު ކުރާކަށް... ބައްޕަ ކަށަވަރުނުވާ ނާސިއެއްގެ ދަރިއަކާ އަހަރެންގެ ހުރިހަމައެކަނި އަންހެންދަރިފުޅު ގުޅެން މަށަށް ރުހެވޭނެތަ؟، އަދި އެޒައިނަބު ކައިވެނިކޮށްގެން އުޅުނީ ވެސް ބޮޑު ގުންޑާއަކާ...... ޖާހިލުންނާއެކު ފަސާދަވެފައިވާ ތަނަކަށް މަގޭ ފުރާނަ ހުރިހާ ހިނދަކު ބަތޫލް ދިއުމުގެ ފުރުސަތެއް މަށެއް ނުދޭނަން.... ކިހިނެއް އެނގޭނީ ކައިވެންޏަށް ފަހު އޭނަ ބަތޫލް ނުވިއްކާނެކަމެއް... ރަގަޅަށް ވިއްޔާ އެ އަޒްޔާން ބަތޫލްއާ ގުޅުނީ ވެސް ލާރީގެ ދަހިވެތިކަމުގަ... އޭނައަށް އެނގޭ ވިއްޔާ ބަތޫލްއާ ކައިވެނި ކުރެވިއްޖެއްޔާ އަހަރުމެންގެ މުއްސަނދިކަމުގެ ފައިދާ އޭނައަށް ނެގޭނެކަމަށް... މަ ކުރިން އުޅުނިން މާރިޔާގެ އެހީ ހޯދަން... އެކަމަކު ބަތޫލްއަށް ޝައްކެއް ވާން އަހަރެން ނޭދޭތީ ސިއްރުން ހުރިހާކަމެއް ނިންމާލީ... އެކައިވެންޏަށް ޤަބޫލުވީ ވެސް އަހަރުމެންނާ މެދު ބަތޫލްގެ ހިތުގައި ރުޅިވެރިކަން އުފެދުމުގެ ފުރުސަތު ނުދޭންވެގެން... މިހާރު ކަންތައް ވި ގޮތުން ބަތޫލް އަޒްޔާންދެކެ ނަފުރަތުކުރާނެ... އެކަން އެގޮތަށް ދެމިއޮތުމަށް މަށަށް ކުރެވުނުހާ ކަމެއް ވެސް ކުރާނަން......'' ހިންދު އެހިތުގައި ވަންހަނާކުރެވިފައިވި ރުޅިވެރިކަން ބޭރުކޮށްލުމަށްފަހު އޭނަ ކަންތައް ކުރިގޮތް ކިޔައިދިނެވެ. އޭނަގެ ވާހަކަދެއްކުމުގެ ރާގުން ވެސް އަޒްޔާން ދެކެ ކުރާ ނަފްރަތު ހާމަކޮށްދެއެވެ.

''އަޅެ އަހަރެން ގާތު ވެސް ބުނެލިނަމަ އަޒްޔާންއަށް އިތުރު ރޯޅިއަރުވާލެވުނީހެއްނު... ދޮންތަ ކަންތައް ކުރީ ހަމަ ރަގަޅަށް، މަށަކަށް ނޭގޭ އެމީހުންގެ ހަޤީޤަތް އެނގިހުރެ ދޮންތަބެ އެކައިވެންޏަށް ރުހުން ދިން ސަބަބެއް... ނަސީބެއްނު ދޮންތަ ފިޔަވަޅުއެޅިކަން......'' މާރިޔާ މާޔޫސްވީ އަޒްޔާންއަށް އޭނަގެ ފެންވަރު ދައްކާނުލެވުމުންނެވެ. އެކަމާ އޭނައަށް ޝަކުވާނުކޮށް ނުހުރެވުނެވެ.

*****

ވަގުތަކީ ހުރިހާ ކަމަކަށް ވެސް ޝިފާއެކެވެ. ހަތަރު ހަފްތާ ވެގެން ދިޔަ އިރު ބަތޫލްގެ މިޒާޖަށް އެދެވޭ ފަދަ ބަދަލުތައް ލަސްލަހުން ނަމަވެސް އަންނަން ފެށިއެވެ. އެހެނަސް ބަތޫލްއާ ބައްދަލުކުރަން ޖަނާ ދާ ކޮންމެ ފަހަރަކު ހިންދުގެ ތަބީއަތަށް އަންނަ ކުއްލި ބަދަލުތަކުން ޖަނާގެ ހިތުގައި ޝައްކެއް އުފަންވާން ފެށިއެވެ. އޭނައާއި ބަތޫލް ބައްދަލުކޮށްފިއްޔާ އެތަނެއްގައި ހިންދު ހުންނާނެއެވެ. އަޒްޔާންގެ ނަން އޮޅުމަކުން ގަތަސް މުޅި ދުވަހު އޭނައަށް ހިންދުގެ ނުރުހުމާ ކުރިމަތިލާން ޖެހޭނެއެވެ. އޭނަ ބަތޫލްއަށް ނަސޭހަތެއް ދީފިއްޔާ އެކަމާމެދު ނުރުހުން ފާޅުކުރާނެއެވެ. އޭނަ ބަތޫލްއާ ބައްދަލުކުރަން ދިޔަޔަސް އެމޫނުމަތިން ފެންނަ ނުރުހުމުގެ އަސަރުތަކުން ނޭގި ނަމަވެސް ހިންދުއަށް ޖަނާގެ ޝައްކުތަކަށް އިތުރަށް ބާރުދެވެމުން ދިޔަ އެވެ. މިހުރިހާ ކަމެއްގެ ސަބަބުން އެންމެފަހުން އަޒްޔާންއާއި ބައްދަލުކުރަންދާން ޖަނާ ނިންމީ ގޮތް ނޭގޭ ކަންތައްގަނޑެއް ހިނގަމުންދާ ކަމުގެ ސިގްނަލާއެކު އެކަމުގެ ފުނަށް ފީނަން ބޭނުން ވާތީއެވެ. ކޮންމެ ގޮތަކަށް ނަތީޖާ ނިކުތްކަމުގައި ވިޔަސް ހެޔޮކަމަށް ދެކެމުންނެވެ.

*****

ޑިއުޓީ ނިމުމާއެކު ނަރުހުންގެ ޖަގަހައިން ނިކުންމެގެން ބޭރަށް މިސްރާބުޖެހި ޖަނާއަށް ހުއްޓެވުނީ ކާރެއްގެ އިންތިޒާރުގައި ހޮސްޕިޓަލުގެ ބޭރުގައި ތިބި އަޒްޔާންއާއި ޒައިނަބު ފެނުމުންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އެދިމާއަށް އޭނައަށް ހިނގައިގަނެވުނެވެ. އެވަގުތު އަޒްޔާން ކާރަކަށް އަތްނެގި ކަމުގައި ވިޔަސް ކާރު މަޑުނުކޮށް ދިޔަ އެވެ. އިތުރު ކާރަކަށް އޭނަ އަތް ނަގަން އުޅުނު ވަގުތު ޖަނާގެ އަޑުއިވުމާއެކު ފަސްއެނބުރި ބަލާލެވުނެވެ. އޭރު ޒައިނަބު ވެސް އެދިމާއަށް ބަލާލަނީއެވެ.

ކުއްލިއަކަށް އަޒްޔާންއަށް ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލެވުނީ ބަތޫލް ފެނިދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް މިފަހަރު ވެސް އޭނަގެ ހިތަށް ލިބުނީ ކެއްސެވެ. އެކަން މޫނުމަތިން ނުދައްކަން މަސައްކަތްކުރަމުން އޭނަ މަގަށް ސަމާލުކަން ދިނެވެ. އެއްގޮތަކަށް ވެސް ޖަނާއާއި ވާހަކަދައްކަން ބޭނުންވާ ފަދަ އިޝާރާތެއް އަޒްޔާންގެ ފަރާތުން ނުފެނުނުކަމުގައި ވިޔަސް ޖަނާ ދެފަޔަށް ލެވުނުހާ ބާރަކާއެކު ގޮސް އަޒްޔާންއާއި އަރާހަމަކޮށްލިއެވެ.

''ދައްތާ އަނެއްކާ ވެސް ބަލިވީތަ؟...'' ޒައިނަބަށް ހިނިތުންވެލަމުން ޖަނާ އެހިއެވެ. ޒައިނަބުގެ ބަލިހާލަތު އޭނައަށް އެނގޭތީ އޭނަ އަހައްމިއްޔަތުކަން ދިނީ ޒައިނަބުގެ ހާލު އޮޅުންފިލުވުމަށެވެ.

''ޖަނާއަށް ކީއްތަ؟...'' ހިތްހަމަނުޖެހުމާއެކު އަޒްޔާން ބުނެލިއެވެ. ޖަނާއަށް ރުޅިން ފޯވެފައިވާ އަޒްޔާންގެ މޫނު ފެނި ބިރު ވެސް ގަތެވެ. މި އަޖައިބެއްފަދަ އިންސާނާ ދެކެ ބަތޫލްއަށް ލޯބި ވެވުނީ ކިހިނެއްބާއޭ ޖަނާއަށް އޭނަގެ ޒަމީރާ ސުވާލުކޮށްލެވުނެވެ.

''އަހަރެން...''

''ބުނަން ވާހަކައެއް!... ޖަނާ މިތަނަށް ތިއައީ ބަތޫލް ފޮނުވައިގެނެއްނު... ގޮސް އޭނަ ގާތު ބުނޭ މަށެއް ދެވަނަ ފަހަރަށް އޭނައާ ނުގުޅޭނެއޭ... އެއްޗެއް ވިސްނެން ވެއްޖެ ނޫންހޭ... ކޮންމެފަހަރު އަހަރެންގެ ބޮލަށް އުނދަގޫކުރަން މީހުން އެބަ ފޮނުވައޭ!... ކިތައްފަހަރު ބުނީމަތަ އޭނައަށް އެއްޗެއް ވިސްނޭނީ؟...'' ވަށައިގެންވި މާހައުލަށް އަވަސް ނަޒަރެއް ދެމުން އަޒްޔާން މަޑުން ވާހަކަދެއްކި ކަމުގައި ވިޔަސް އެއަޑުގައި ހަރުކަށިކަން ވިއެވެ.

(ނުނިމޭ)

comment ކޮމެންޓް