ޒިކާ ވައިރަސް އިންފެކްޝަން ރާއްޖޭގައި އުޅޭ މިންވަރު ބެލުމަށް، ހުން އައިސްގެން ޑޮކްޓަރަށް ދައްކާ ބަލިމީހުންނަށް ކުރެވޭ ތަހުލީލުތަކުގެ ތެރޭގައި ޒިކާ ވައިރަސްއަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެގޮތަށް ޓެސްޓުތައް ކުރަން ނިންމީ މަދިރީގެ ޒަރީއާއިން ފެތުރޭ ޒިކާ ވައިރަސް އިންފެކްޝަން ރާއްޖޭގައި އުޅޭ މިންވަރު ދެނެގަތުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރިއަށްގެންދާ ސާވައިލަންސް ޕްރޮގްރާމްގެ ދަށުން ކަމަށެވެ.
އެގޮތުން އައިޖީއެމްއެޗްގައި ކުރިއަށްގެންދާ ސާވައިލަންސް ޕްރޮގްރާމުގައި އުފެދުމުގައި އައިބުހުންނަ ކުދިންގެ މިންވަރު އިތުރުވަމުންދޭތޯ ބެލުމުގެ އިތުރުން އައިޖީއެމްއެޗަށް އަންނަ މާބަނޑު މީހުންގެ ޓެސްޓުތައް ހެދުމުގައި ވެސް ޒިކާ ވައިރަސްއަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޑެންގީ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ފަތުރާ އީޑީޒް މަދިރީގެ ޒަރިއްޔާއިން ޖެހޭ ޒިކާ ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ބޭނުމެއް ނުވެ އެވެ. އަދި ބަލި ޖެހުމުން ފާޅުވާ ވަކި ހާއްސަ އަލާމާތެއް ނުހުންނައިރު އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއެކު ގައިން ރަތްކުލައިގެ ކުދި ބިހިތަކެއް ނެގުމާއި ލޯރަތްވުން، ގައިގައިރިއްސުން، ބޮލުގައިރިއްސުން އަދި ހުޅުތަކުގައި ރިއްސުން ހިމެނެ އެވެ.
ޒިކާ ވައިރަހަށް ޓެސްޓު ކުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ވެސް ކުރިޔަށް ގެންދާ އިރު، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސެސް ޑރ. ޝީޒާ އަލީ ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ޓެސްޓުކޮށްފައިވާ އެއްވެސް ދިވެއްސެއްގެ ގައިން ޒިކާ ވައިރަސް ފެނިފައި ނުވާ ކަމަށެވެ.
ނަމަވެސް މިއަހަރު ތެރޭގައި ރާއްޖެއައި ދެ ފަތުރުވެރިއަކު، އެނބުރި ގައުމަށް ދިޔަ ފަހުން ޒިކާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެ ދެ މީހުންގެ މައުލޫމާތު ހެލްތު މިނިސްޓްރީއަށް ހިއްސާކޮށްދިނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންނެވެ.
އެ ދެ މައްސަލައާ އެކު ރާއްޖޭއާ ގުޅުންހުރި ޒިކާ ވައިރަސްގެ މައްސަލަތަކުގެ އަދަދު ތިނަކަށް އަރާފައިވާއިރު މިދިޔަ ހުކުރު ދުވަހު އެޗްޕީއޭއިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑރ. ޝީޒާ ވިދާޅުވީ، ޒިކާގެ ކޭސްތަކެއް ފެނުމާއެކު ތަންކޮޅެއް ގިނައިން ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށްގެންގޮސް، ގިނަ މީހުންގެ ސާމްޕަލްތައް، މާލެއިން ނޫނަސް އެހެން ތަންތަނުން ވެސް ނަގާނެ ކަމަށެވެ.
ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ މެލޭޝިއާ އާއި ސިންގަޕޫރުން ޒިކާ ވައިރަސް މިދިޔަ މަހުގެ ތެރޭގައި ފެނިފައިވާއިރު، ރާއްޖެއާއި އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ޒިކާ ވައިރަހުގެ ބިރު އެބައޮތް ކަމަށް ބުނެ އެ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެމެރިކާއިން ވަނީ އެގައުމުގެ ރައްޔިތުންނަށް އަންގާފައެވެ.