ކޮމަންވެލްތުގެ ބޮޑުމަސް ކުޑަމަސް ކާލާ ސިޔާސަތު

ސީމެގުން ރާއްޖޭގައި ބޭއްވި ބައްދަލުވުމުއެއްގެ ތެރެއިން ---- ސަން ފައިލް ފޮޓޯ

ކޮމަންވެލްތު އޮފް ނޭޝަންސް، ނުވަތަ އިނގިރޭސި ކޮމަންވެލްތު ރަސްމީކޮށް އުފެއްދީ 1949 ވަނަ އަހަރުއެވެ. ރޫޅެމުން ދިޔަ އިނގިރޭސި އަންބަރާތޫރިއްޔާ ކޮންމެވެސް ސިފައެއްގައި ދެމެހެއްޓުމަށް ޓަކައި، އިނގިރޭސި ލީޑަރުން ކުރެއްވި ޚިޔާލަކަށް އަމަލީ ސިފަ ގެނައުމުގެ ގޮތުންނެވެ. މި ދެންނެވި ޚިޔާލު އެންމެ ފުރަތަމަ ފާޅު ކުރެއްވީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު އާރޗީބޯލްޑް ފިލިޕް ޕްރިމްރޯޒް ނުވަތަ ލޯރޑް ރޯޒްބެރީއެވެ. މީލާދީން 1884 ގައި އޮސްޓްރޭލިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި އޭނާ ވިދާޅުވެފައި ވަނީ އިނގިރޭސި އަންބަރާތޫރިއްޔާ އަކީ "ގައުމުތަކެއްގެ ކޮމަންވެލްތެއް" ކަމަށެވެ.

"ކޮމަންވެލްތު" އުފެއްދުމަށް ޓަކައި، އިނގިރޭސި ތާޖަށް ބޯ ތިރި ކުރާ މުހިއްމު ދައުލަތްތައް ބައިވެރި ވެގެން އެޅި ރަސްމީ އެންމެ ފުރަތަމަ އެއް ފިޔަވަޅަކީ 1926 ވަނަ އަހަރު ބޭއްވުނު "އިމްޕީރިއަލް ކޮންފަރެންސް" އެވެ. މި މަހާސިންތާގައި އިނގިރޭސި ރަސްގެފާނު ޖޯރޖް 5 ވަނައިގެ ފަރާތްޕުޅުން އިސްކޮށް އުޅުއްވީ އިނގިރޭސި ޚާރިޖީ ވަޒީރު އާރތަރ ބެލްފޯރއެވެ. ފަލަސްޠީނުގެ ބިން ޒައިނިސްޓުންނަށް ދިނުމަށް ޓަކައި އިނގިރޭސީން ރޭވި ނުބައި ރޭވުންތަކުގެ އެންމެ އިސް އެއް މޭސްތިރިއަކީ، އަދި ފަލަސްޠީނުގެ ބިން ޒައިނިސްޓުންނަށް ދޭން އިނގިރޭސީން ވި ވައުދު ކަމުގައި ވާ "ބެލްފޯރ ޑެކްލަރޭޝަން 1917" ގެ މުސައްނިފަކީ ވެސް މި އާރތަރ ބެލްފޯރއެވެ. ކޮމަންވެލްތު އުފެއްދުމާ ބެހޭ މުހިއްމު އުސޫލުތަކެއް ކަނޑައެޅިގެން ދިޔައީ މި މަހާސިންތާގައި ފާސް ކުރެވުނު "ބެލްފޯރ ޑެކްލަރޭޝަން 1926" އިންނެވެ.

ކޮމަންވެލްތުގެ މަގުސަދުތައް

ސިންގަޕޯރ ޑެކްލަރޭޝަން 1971 ގައި އޮންނަ ގޮތުން، ކޮމަންވެލްތުގެ މަގުސަދުތަކަކީ ދުނިޔޭގެ ސުލްހަޔަށް މަސައްކަތް ކުރުމާއި، ތަމްސީލީ ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، ފަރުދީ ހުއްރިއްޔަތު ނެގެހެއްޓުމާއި، ހަމަހަމަކަން ގާއިމު ކޮށް ނަސްލީ އިމްތިޔާޒު ނައްތައިލުމާއި، ފަގީރުކަމާއި ޖަހާލަތާއި ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރުމާއި، މިނިވަން ވިޔަފާރި ކުރިއެރުވުމެވެ. ފަހުގެ ދެ ގަރާރަކުން، މިންތީގެ ހަމަހަމަކަން ގާއިމު ކުރުން، އަދި ތިމާވެށި ހިމާޔަތް ކުރުން ވެސް ވަނީ ކޮމަންވެލްތުގެ މަގުސަދުތަކުގެ ތެރެއަށް ލެވިފައެވެ. އެއީ 1979 ވަނަ އަހަރުގެ ލުސާކާ ޑެކްލަރޭޝަނާއި، 1989 ގެ ލަންކާވީ ޑެކްލަރޭޝަނުންނެވެ.

މި ދެންނެވީ ކޮމަންވެލްތުގެ މަގުސަދުތައް ކަމުގައި، ކޮމަންވެލްތުގެ ރަސްމީ ލިޔެކިޔުންތަކުގައި ބުނެފައި ހުރި ކަންކަމެވެ. ނަމަވެސް ތާރީޚުގައި ކަން ހިނގާ ގޮތަށް ބަލައިލުމުން، ފެންނަނީ ލިޔެފައި ހުރި ތަކެއްޗާއި އަމަލާ ދިމާ ނުވާ މަންޒަރެވެ. އެފްރިކާ އާއި އޭޝިޔާގެ ގައުމުތަކަށް، ޚާއްސަކޮށް މެންބަރު އިސްލާމީ ގައުމުތަކަށް، އެ ގައުމުތަކުގެ ގައުމިއްޔަތާއި ވަތަނިއްޔަތަށް އިހުތިރާމު ކުރުމާ އެކު، ހަގީގީ އަދި ދެމެހެއްޓެނިވި ކުރިއެރުމެއް ނުވަތަ ތަރައްގީއެއް ހޯދައިދިނުމުގެ ނިޔަތެއް ނުވަތަ ވިސްނުމެއް ވެސް ކޮމަންވެލްތުގެ ބާރުގަދަ ގައުމުތަކުގެ ކިބައިގައި ނެތް ކަމެވެ. ހަގީގަތުގައި، ބައިނަލްއަގުވާމީ މިފަދަ ގިނަ ޖަމިއްޔާތަކަކީ، ޗާޓަރުގައި ލިޔެފައި ހުންނަ ފަދަ މަތިވެރި މަގުސަދުތަކަށް ޓަކައި އުފައްދާ ތަންތަނެއް ނޫނެވެ. ބައިނަލްއަގުވާމީ ގުޅުމުގެ ދާއިރާގައި، "ފްރީ ލަންޗް" އަކީ އޮންނަ އެއްޗެއް ނޫނެވެ. ޚާއްސަ ގޮތެއްގައި، ހުޅަނގުގެ ގައުމުތަކުން، އިރުމަތީގެ "ހަން ކަޅު" މީހުންނަށާއި މުސްލިމުންނަށް "ފްރީ ލަންޗް" ދޭ ވާހަކަ އަކީ ބައިނަލްއަގުވާމީ ގުޅުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ޖޯކެވެ. އަޅުގަނޑުމެން ލޯ ހުޅުވައި، ދެނެގަންނާން ޖެހޭ ކަމަކީ ކޮމަންވެލްތު ފަދަ ޖަމިއްޔާތަކަކީ ފޮރުވިފައި ވާ އެހެން އެތައް މަގުސަދުތަކަކަށް ޓަކައި އުފައްދައި ހިންގަމުން ގެންދާ ޖަމާއަތްތަކެއް ކަމެވެ.

އެހެންވިއްޔާ، ކޮމަންވެލްތުގެ ހަގީގީ މަގުސަދުތަކަކީ ކޮބައި ބާވައެވެ!

ފުރަތަމަ މަގުސަދަކީ އިނގިރޭސީންނާއި، އިނގިރޭސީންގެ ހަގީގީ ހަލީފުން ކަމަށް ވާ ކެނެޑާ އާއި އޮސްޓްރޭލިޔާ އާއި ނިއު ޒިލޭންޑުގެ އިގުތިސާދީ ބާރުވެރިކަން ދުނިޔެއިން ނެތިގެން ދިޔަނުދީ، ދެމެހެއްޓުމެވެ. ދެވަނަ ކަމަކީ ހަމަ މި ދެންނެވި ގައުމުތަކުގެ އަސްކަރީ ބާރުވެރިކަން ދަމަހައްޓައި، އަސްކަރީ އިސްތިރާޖިއްޔާގެ މައިދާނުގައި މި ގައުމުތަކާ ވާގިވެރި ވުމުގެ ޒިންމާ ކޮނޑުއަޅައިގެން ތިބޭ ގައުމުތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބެއިތިއްބުމެވެ.

ތިންވަނަ މަގުސަދަކީ "ނިއޯ ކޮލޯނިއަލިޒަމް" އެވެ. އިނގިރޭސީންގެ އަންބަރާތޫރިއްޔާއަށް އިރު އޮއްސުމަށް ފަހު ވެސް، އިސްތިއުމާރު ކުރެވުނު ގައުމުތައް ކޮންމެވެސް ސިފައެއްގައި އިނގިރޭސީންގެ ނުފޫޒުގެ ދަށުގައި ބެއިތިއްބުމެވެ. މި މަގުސަދު ހާސިލު ކުރުމަށް އިނގިރޭސީން، ކޮމަންވެލްތު މެދުވެރި ކޮށް މަސައްކަތް ކުރާ އިރު، އޭޝިޔާ އާއި އެފްރިކާގެ މެންބަރު ކޮންމެ ގައުމެއްގައި ވެސް އެ ގައުމުތަކުގެ ގައުމިއްޔަތާއި ވަތަނިއްޔަތާއި ސަގާފަތާއި ދީނަށް ޣައްދާރު ވެ، އިނގިރޭސީންގެ ފިކުރީ ޒައާމަތަށް ބޯ ލަނބާނެ މީހުންތަކެއް އުފައްދައެވެ. މި މީހުންގެ ވަޒީފާ އަކީ، އަމިއްލަ ވަޒަނުގެ ގައުމިއްޔަތާއި ދީން ފަދަ އުންސުރުތަކަށް ފައިން އަރައި، ދީނާއި ގައުމު ވިއްކައިފައި، އިނގިރޭސީންގެ ތައްޕާހުން ކައިގެން، އިނގިރޭސީންގެ ފިކުރާއި ސަގާފަތާއި ދީނީ އަދި ސިޔާސީ ސިޔާސަތުތައް އަމިއްލަ ގައުމުގައި ހިންގައިދިނުމެވެ. މި ގައްދާރުންނަށް ވެރިކަމާއި ބާރާއި މުއްސަނދިކަން ހޯދައިދީ، ބައިނަލްއަގުވާމީ މުޖުތަމައުގައި "ބަތަލުންތަކެއްގެ" ގޮތުގައި އެމީހުން ޕްރޮމޯޓް ކޮށްދިނުމަކީ އިނގިރޭސީންނާއި ކޮމަންވެލްތުގެ އޭޖެންޑާގެ އެންމެ މުހިއްމު އެއް ބައެވެ.

ސިޔާސީ، އިގުތިސާދީ، އިޖުތިމާއީ، އަދި ފިކުރީ ގޮތުން، އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށް އިސްލާމީ ގައުމުތަކާއި އޭޝިޔާ އާއި އެފްރިކާގެ އެހެން ގިނަ ގައުމުތަކެއް ގެންގޮސް، އެމީހުން ގަބޫލު ކުރާހައި ކަމެއް އަޅުގަނޑުމެން ލައްވައި ވެސް ކުރުވުމަކީ ވެސް ކޮމަންވެލްތުގެ ލަނޑުދަނޑިއެވެ. މީގެ އެތައް މިސާލެއް ތާރީޚުން ފެނިފައި ވެއެވެ. ވަރަށް ފަހުން ފެނުނު އެއް މިސާލަކީ 2011 ވަނަ އަހަރު ބޭއްވުނު ކޮމަންވެލްތުގެ ސަރުކާރުތަކުގެ ވެރީންގެ ބައްދަލުވުމުގައި، "ކޮމަންވެލްތު އެމިނެންޓް ޕާރސަންސް ގްރޫޕް" (އީޕީޖީން) ހުށަހެޅި އެއް ހުށަހެޅުމެވެ. އެއީ ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގައި އެއް ޖިންސުން ގުޅުން ހިންގުން މަނާ ކުރުމަށް ހެދިފައި ހުރި ގާނޫނުތައް އުވައިލުމުގެ ހުށަހެޅުމެވެ. އެ ހުށަހެޅުން އެ ފަހަރު ފާސް ނުވުމުގެ ނަތީޖާއެއްގެ ގޮތުން އިނގިރޭސި ލީޑަރުންގެ ތެރެއިން، ކުރީގެ ޚާރިޖީ ވަޒީރު މެލްކަމް ރިފްކިންޑް ފަދަ ބޭފުޅުން "ރަތަށް" ވަޑައިގަތް މަންޒަރު އަޅުގަނޑުމެން އެންމެން ވަނީ ދެކެފައެވެ. އިނގިރޭސީންނާއި ކޮމަންވެލްތުގެ އަމާޒަކީ 2011 ވަނަ އަހަރު ނުވި ކަންތައް، ކޮންމެ ޒަމާނަކުން ނަމަވެސް ކުރުމެވެ.

ކުރުކޮށް ދަންނަވާ ނަމަ، ކޮމަންވެލްތުގައި ހަމަނޭވާ ލައިގެން ތިބުމަށް ޓަކައި އަޅުގަނޑުމެން ދައްކާން ޖެހޭނެ އަގަކީ ﷲ ގެ ގާނޫނުތައް އެއްފަރާތް ކޮށް، ޤުރްއާނުގައި ކޮޅުފައިން ޖަހައި، ރަސޫލާއަށް ފުރައްސާރަ ކޮށް، އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭ ކުރުން ފަދަ ޖަރީމާތައް ހުއްދަ ކޮށް، އަމަލީ މައިދާނުގައި އިލާހުންނަކީ "ދޮން ފަރަންޖީ އިނގިރޭސީން" ކަމަށް ބަލައިގަތުމެވެ. މި އަގު ނުދައްކާހައި ޒަމާނަކު، އަޅުގަނޑުމެންގެ ތެރެއިން ޣަދަރުވެރި ގައްދާރުން އަޅުގަނޑުމެންގެ ބޮލަށް ސަވާރު ކުރުވައިގެން، ޑިމޮކްރަސީއޭ، އިންސާނީ ޙައްޤޭ ކިޔައިގެން ކޮމަންވެލްތުން އަޅުގަނޑުމެންނަށް ކުރާ ދުއްތުރާތަކަކަށް ނިމުމެއް ނާންނާނެއެވެ.

ކުފޫ ހަމައެއް ނުވޭ

ކޮމަންވެލްތަކީ އިނގިރޭސީންގެ ކުލަބެކެވެ. މި ހިސާބުން ވެސް އުފެދޭ މައްސަލައެއް ވެއެވެ. އެ މައްސަލައަކީ، ދުނިޔޭގައި ޑިމޮކްރަސީ ފެތުރުމާއި، ގާނޫނުގެ ހުކުމް ނެގެހެއްޓުމާއި، އިންސާނީ ހައްގުތަކާއި އަދުލުއިންސާފުގެ އަޑު އުފުލުމަށް ޓަކައި ބައިނަލްއަގުވާމީ ޖަމިއްޔާއެއް ހަދައިގެން އުޅުމަށް އިނގިރޭސީން ކުފޫ ހަމަ ނުވުމުގެ މައްސަލައެވެ.

މުސްލިމުންގެ މަތިވެރި ބަޠަލް ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ، މީލާދީން 1187 ވަނަ އަހަރު، އަނިޔާވެރި ޞަލީބީ ބާރުތައް ބަލި ކުރައްވައި، ޤުދުސް މިނިވަން ކުރެއްވުމުން، އެމަނިކުފާނާ ދެކޮޅަށް މުޅި ޔޫރަޕް ލުހިގެން އައި އިރު، ޞަލީބީންގެ ބިޔަ ލަޝްކަރުގެ ލީޑަރަކަށް ހުންނެވީ އިނގިރޭސި ރަސްގެފާނު ރިޗަރޑް ދަ ލަޔަންހާރޓް އެވެ. ޞަލާޙުއްދީނާ ދެކޮޅަށް އިނގިރޭސީން ކުރި ހަނގުރާމައިގެ ފެށުން ފާހަގަ ކުރީ، ޢަކާގެ ހިސާރަށް ފަހު، އެމީހުންގެ އަތްދަށުގައި ހައްޔަރު ވި 3000 ވަރަކަށް މުސްލިމް ސިފައިންނާއި އަންހެނުންނާއި ކުޑަކުދީން ވަރަށް އަނިޔާވެރިކޮށް ގަތުލު ކޮށް އެމީހުންގެ ބޯތައް ޝަހަރުގެ ސާޅަނގަތަކުން އިސްލާމީ ލަޝްކަރުގެ ތެރެއަށް އުކައިލުމުގެ ލާއިންސާނީ ޖަރީމާއިންނެވެ.

އެއަށްފަހު، ވެއަތު ވެދިޔަ 800 އަހަރުގެ ތެރޭގައި، އިނގިރޭސީންގެ ބަދަލު ނުވާ އެންމެ މުހިއްމު އެއް ސިޔާސަތަކީ އިސްލާމް ދީނާއި މުސްލިމު އުއްމަތާ ދެކޮޅަށް އެމީހުން ގެންގުޅޭ ރުޅި އާއި ހަސަދަ އާއި ނަފުރަތުގެ ސިޔާސަތެވެ. މި މައުޒޫއަކީ އެތައް ސަތޭކަ ސަފުހާއަކުން ނޫނީ ކިޔައިދެވޭ ވަރަށް ވުރެ ބޮޑު، ފުޅާ މައުޒޫއެކެވެ. އޭޝިޔާ އާއި އެފްރިކާގެ އެތައް ގައުމެއްގައި އިނގިރޭސީން މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި ޖަރީމާތަކާއި، އެ ޖަރީމާތައް ހިންގުމުގައި އިނގިރޭސީން މުސްލިމުންނާއި އިސްލާމް ދީނާ ދެކޮޅަށް ދައްކައި ފާޅު ކޮށްފައި ވާ ގަދަފަދަ ނަފްރަތާއި ނީހައަކީ ތާރީޚު ކިޔާ އެއްވެސް މީހަކަށް ވަންހަނާ ވެފައި އޮންނާނެ ކަމެއް ނޫނެވެ. މީގެ ތަފްސީލުތަކަށް ނުގޮސް، އަވަސް ކަޅިތަކެއް އުކައިލާ ނަމަ، ދުނިޔޭގައި އޮތް އެންމެ ވަސީލަތްތައް ގިނަ، އެންމެ މުއްސަނދި، ސަގާފީ ގޮތުން އެންމެ ބާރަށް ކުރި އަރަމުން އައި އިސްލާމީ ދައުލަތް ކަމަށް ވާ އިންޑިޔާގެ މުޣޫލީ ދައުލަތް ފުނޑުފުނޑު ކޮށް، އިންޑިޔާއިން މުސްލިމުންގެ ބާރު ކަނޑުވައިލީ އިނގިރޭސީންނެވެ. ސައިކްސް ޕިކޮޓް އެއްބަސްވުމާ އެކު ރޭވި ރޭވުން ތަންފީޒު ކޮށްގެން އިސްލާމީ ޚިލާފަތު އުވައިލައި، މެދުއިރުމަތި ގަޑުބަޑު ކޮށްލުމުގައި އިސް ދައުރެއް އަދާ ކުރީ އިނގިރޭސީންނެވެ. ފަލަސްޠީނުގެ ބިމުގައި ޒައިނިސްޓުންނަށް ދައުލަތެއް ހަދައިދީގެން އިސްލާމީ އުއްމަތުގެ ހިތަށް ވިހަ ޚަންޖަރެއް ހަރައިލީ އިނގިރޭސީންނެވެ. މި ގެއްލުންތަކުން މިއަދުވެސް އިސްލާމީ އުއްމަތް މި އުޅެނީ އަރައިނުގަނެވިގެންނެވެ.

އިސްލާމީ ދުނިޔެ އާ ދެކޮޅަށް އިނގިރޭސީން ހިންގި ޖަރީމާތަކުގެ އިތުރުން ވެސް، އިންސާނިއްޔަތާ ދެކޮޅަށް އެމީހުން ހިންގައިފައި ވާ އަނިޔާވެރި އަމަލުތަކުގެ ވާހަކަ އަކީ ދިގު ވާހަކައެކެވެ. އުތުރު އެމެރިކާ އިސްތިއުމާރު ކޮށް، އެ ސަރަހައްދުގެ ހަގީގީ އަހުލުވެރީންގެ އާބާދީތައް މުޅީން ފަނާ ކޮށްލުމަށް އިނގިރޭސީން ހިންގި ލާއިންސާނީ ހަނގުރާމަތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގައި އިންސާނުން މަރައިފައި ވަނީ މިލިއަނުންނެވެ. އޮސްޓްރޭލިޔާގެ އެބޮރިޖިނަލް އާބާދީ ގާތްގަނޑަކަށް އެކީގައި ފަނާ ކޮށްލި ވާހަކަ އަކީ މިފަދަ އަނެއް ވާހަކައެވެ. އެފްރިކާގެ އިރުމަތީ އައްސޭރީން އެތައް މިލިއަން ކަޅު މީހުން ޖަނަވާރު ފަދައިން ޝިކާރަ ކޮށްގެން، އަޅުންގެ ގޮތުގައި އެޓްލާންޓިކް ހުރަސް ކޮށް އެތަން މިތަނަށް އުފުލައި، އިންތިހާ ދަރަޖައިގެ ނިކަމެތި ހާލަތެއްގައި އެމީހުން ލައްވައި އަޅުމަސައްކަތް ކުރުވި ގޮތުގެ ވާހަކައަކީ އިންސާނީ ތާރީޚުގެ އެންމެ ހުތުރު އެއް ބާބެވެ. ޔަހޫދީންނާ ދެކޮޅަށް ހިޓްލަރު ހިންގި ކޮންސެންޓްރޭޝަން ކޭންޕުތަކުގެ ވާހަކަ ދައްކާ އިރު، އަޅުގަނޑުމެން ދެނެގަންނާން ޖެހޭ ކަމަކީ ހިޓްލަރަށް މި ޚިޔާލު ލިބުނީ އިނގިރޭސީން ދެކުނު އެފްރިކާގެ ބޯރާ ރައްޔިތުންނާ ދެކޮޅަށް ހިންގި އަނިޔާވެރި ކޮންސެންޓްރޭޝަން ކޭންޕުތަކުން ކަމެވެ. ޗައިނާ ސަރުކާރުގެ ރުހުމާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުންނަށް އޯޕިއަމް ވިއްކައި، ޗައިނާގެ އެތައް މިލިއަން ރައްޔިތުންގެ މުޅި ދިރިއުޅުން ފަނާ ކޮށްގެން އިނގިރޭސީން ހިންގި ޖަރީމާތަކާ އެކު، އިނގިރޭސި ދައުލަތް ވެފައި ވަނީ ދުނިޔެ ދުށް އެންމެ ބޮޑު "ޑްރަގް ލޯރޑް" ކަމުގައެވެ. އަޅުގަނޑުމެންނާ ދާދި ގާތުގައި އޮތް ފޯޅަވަހީގެ ރައްޔިތުން އެތަނުން ބޭރު ކޮށް، އެ މީހުން އެތައް ދަތި ހާލެއްގައި ޖައްސައިގެން އެ ބިން ހުސް ކުރުމުގެ ނުބައި ޖަރީމާ ހިންގި ގޮތަކީ ދިވެހީން ވަކީން ޚާއްސަ ގޮތެއްގައި ކިޔައި ދަސް ކުރާން ޖެހޭ ފިލާވަޅެކެވެ. މިއީ އަދި މި ލިސްޓުގެ ފެށުމެވެ.

މިއަދުގެ ދުނިޔޭގެ ސުލްހަޔާއި އަމަންއަމާންކަމަށް ނުރައްކާ ކުރާ، ކޮންމެ ދުވަހަކު އެތައް ބައެއްގެ ލޭ އޮހޮރިގެން ދިޔުމުގެ ސަބަބުތަކަށް ވެފައި ވާ، ގިނަ މައްސަލަތަކަކީ އިނގިރޭސީންގެ ލާއިންސާނީ ސިޔާސަތުތަކުގެ ދަށުން، އެމީހުން ފަރުމާ ކޮށް އުފައްދައިފައި ހުރި މައްސަލަތަކެވެ. ކަޝްމީރުގެ މައްސަލަޔަށް ބެލިޔަސް، ފަލަސްޠީނުގެ މައްސަލަޔަށް ބެލިޔަސް، މިކަން ފެނިގެން ދެއެވެ.

ފިކުރީ ގޮތުން އިނގިރޭސީންނަށް އަޅުކަން ކުރާ މީހުން، މި ދެންނެވި ވާހަކަތަކުގެ ރައްދު ދޭނަމޭ ހިތައި، މިއީ މާ ކުރީގެ ކަންކަމޭ، އެއީ ތާރީޚޭ، މިހާރުގެ ހާލަތު ތަފާތޭ ބުނެފާނެއެވެ. ނަމަވެސް މިއީ ތާކުންތާކު ނުޖެހޭ ވާހަކަތަކެވެ. އަފްޣާނިސްތާނާއި ޢިރާޤު ފަނާ ކޮށް، އެ ދެ ގައުމުގެ އެތައް ލައްކަ ރައްޔިތުންނެއް މަރައި، އެތައް ސަތޭކަ ބަޔަކު ޖަލުތަކަށް ލައިގެން ނުހަނު ބޮޑެތި ލާއިންސާނީ އަނިޔާތައް ދިނުމުގައި އިނގިރޭސީންނާއި އެމެރިކާނުން ގުޅިގެން މަސައްކަތް ކުރީ ސްޓީމް ބޯޓުގެ ޒަމާނުގައިތޯއެވެ؟ ޒައިނިސްޓް އިސްރާއީލުން ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ދޭހައި އަނިޔާއެއްގައި އިނގިރޭސީން މިއަދު ވެސް އެ ގެންދަނީ ބައިވެރި ވަމުން ނޫންތޯއެވެ؟ އިނގިރޭސީންނަކީ އިންސާނީ ޙައްޤުތަކަށް އެހައި ލޯބި ކުރާ ބައެއް ނަމަ، ޔޫރަޕުގެ ހިތުގެ ތެރޭގައި ބޮސްނިޔާ އާއި ކޮސޯވޯގެ މުސްލިމުންގެ ލެއިން ނަޞާރާ ސާރބުންނާއި ކްރޯޓުން ފެންކުޅި ކުޅުނު އިރު، އެކަން ނުހުއްޓުވީ ކީއްވެގެން ތޯއެވެ؟ ބަރުމާއިން އެ ގައުމުގެ ރޮހިންގްޔާ މުސްލިމުން ފަނާ ކުރަމުން ދާ އިރު، ބަރުމާ އާ ދެކޮޅަށް ފިޔަވަޅު ނާޅައި އެ ގައުމުގެ ސަރުކާރަށް ހުރިހާ ގޮތަކުން އެއްބާރުލުން ދީ ހިމާޔަތް ކޮށްދެނީ ކީއްވެގެން ބާވައެވެ! މިސުރުގެ ޑިމޮކްރެޓިކް ސަރުކާރު ވައްޓައިލައި، މަގުމަތީގައި ތިބި ރައްޔިތުންގެ ގަޔަށް ބަޑި ޖަހައި 5000 މީހުން މަރައިލި ސަރުކާރާ ގުޅިގެން، އެކުވެރިކަމުގައި އެ އުޅެނީ ކީއްވެގެން ބާވައެވެ!

މި ކަންކަމަށް މިހެން ހުރީތީ، ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާއި އަދުލުއިންސާފު ގާއިމު ކުރާނެ ގޮތުގެ ވާހަކަ އަޅުގަނޑުމެންނަށް ކިޔައިދޭން ޖަމިއްޔާ ހަދައިގެން އިނގިރޭސީން އުޅުމަކީ ޖޯކެއް ކަމުގައި ނޫނީ ނުވެއެވެ. އިނގިރޭސީން އިންސާނިއްޔަތާ ދެކޮޅަށް ހިންގި، އަދި ހިންގަމުން ގެންދާ ޖަރީމާތަކަށް ބަލާ އިރު، އިންސާނިއްޔަތާއި ތަހުޒީބުގެ ދިދައިގައި އަތް ވެސް ލުމުގެ އަޚްލާގީ ހައްގެއް ނުވަތަ "މޯރަލް ރައިޓެއް" އިނގިރޭސީންނަކަށް ނެތެވެ. އިނގިރޭސީން ކުރާން ވީ ކަމަކީ އިސްތިއުމާރުގެ ޒަމާނުގައްޔާއި މިއަދުގެ ދުނިޔޭގައި، އެމީހުންގެ އަތުން އެތައް އަނިޔާއެއް ލިބުނު ގައުމުތަކާއި މީސްތަކުންގެ ކިބައިން މައާފަށް އެދުމެވެ. އަފްޣާނިސްތާނާއި ޢިރާޤު ފަދަ އެތައް ގައުމެއްގައި، އެމީހުންގެ ބިރުވެރި ޖަރީމާތަކުގެ ސަބަބުން މުޅި ދިރިއުޅުން ފަނާ ވެފައި ވާ އެތައް މިލިއަން އިންސާނުންނަށް ބަދަލުގައި ދޭން ޖެހޭ އެތައް ޓްރިލިއަން ޑޮލަރެއްގެ ފައިސާ ދިނުމެވެ. މި ކަންކަން ނުކޮށް، ޑިމޮކްރަސީއޭ، އިންސާނީ ހައްގޭ، އަދުލުއިންސާފޭ ކިޔައިގެން އިނގިރޭސީން އުޅޭ އުޅުމަކީ ބޮޑުވެގެންވާ ލަދުހުތުރެކެވެ.

ކޮމަންވެލްތަކީ ނާކާމިޔާބު ކުލަބެއް

އިނގިރޭސީންގެ މަނަސް ފެތުރުމުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުން ދާ ކޮމަންވެލްތުގެ ވާހަކަ ދައްކާ އިރު، ފާހަގަ ކުރާން ޖެހޭ އެއް ކަމަކީ މި ޖަމިއްޔާ އަކީ ފޭލި ވެފައި ވާ ކުލަބެއް ކަމެވެ. އޭޝިޔާ އާއި އެފްރިކާގެ ގައުމުތަކުގެ، ޚާއްސަކޮށް އިސްލާމީ ގައުމުތަކުގެ، ތަރައްގީގައި އިޚްލާސްތެރިކަމާ އެކު ބައިވެރި ވުމުގެ އެއްވެސް ނިޔަތެއް ކޮމަންވެލްތުގެ ޒައާމަތުގައި ނެތް އިރު، އެހެނިހެން ގޮތްގޮތުން ބަލާ އިރު ވެސް މި ޖަމިއްޔާ ވަނީ ފޭލި ވެފައެވެ.

އެއް ކަމަކަށް، ކޮމަންވެލްތަކީ އިދާރީ އިންތިޒާމުތައް ނުހަނު ދޯދިޔާ ޖަމިއްޔާއެކެވެ. 70 ވަރަކަށް އިދާރާތައް އޭގެ ދަށުން ހިނގަމުން ދާ ކޮމަންވެލްތަކީ، އިދާރީ ގޮތުން ބަލާ އިރު، ބޯޓުދެލީން ދުއްވާ ރޭލެއް ފަދައިން "އައުޓްޑޭޓް" ވެފައި ވާ ޖަމިއްޔާއެކެވެ. އިތުރަށް ވިސްނައިލާ އިރު، ކޮމަންވެލްތުގެ އެންމެ ބޮޑު އެއް "ފެއިލިޔަރ" އަކީ، މެންބަރު ގައުމުތަކާ މެދުގައި އެ ޖަމާއަތުން މިހައިތަނަށް ގެންގުޅެފައި ވާ ތަފާތުކުރުންތަކެވެ. މީގެ އެންމެ ރީތި އެއް މިސާލަކީ، 2013 ވަނަ އަހަރު، ސްރީ ލަންކާގައި ބޭއްވުނު ކޮމަންވެލްތުގެ ލީޑަރުންގެ ބައްދަލުވުމެވެ. އެއިރު ސްރީ ލަންކާގައި އޮތް ސަރުކާރަކީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތު ކުރެވިފައި އޮތް ސަރުކާރަކަށް ވުމާ އެކުގައި މެ، ކޮމަންވެލްތުގެ ޖަލްސާ ސްރީ ލަންކާގައި ބޭއްވުނީ އެކަންޏެއް ނޫނެވެ. އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންގެ އިތުރުން، އިނގިރޭސި ވަލީއަހުދު ޗާރލްސް ވެސް ވަނީ އެ ބައްދަލުވުމުގައި ބައިވެރި ވެވަޑައިގަތުމަށް ޓަކައި ސްރީ ލަންކާއަށް ދަތުރު ކުރައްވައިފައެވެ. އެއިރު ލަންކާއާ ދެކޮޅަށް ފިޔަވަޅު ނޭޅުނީ ކީއްވެގެން ބާވައެވެ!

ކޮމަންވެލްތު ވެފައި ވަނީ ބައިނަލްއަގުވާމީ ގުޅުންތަކުގައި އޮންނަ "ބޮޑުމަސް ކުޑަމަސް ކާލާ" ސިޔާސަތު ހިންގުމަށް ޓަކައި ބޭނުން ކުރާ ހަތިޔާރަކަށެވެ. ކޮމަންވެލްތުގެ ފަރާތުން ރާއްޖެއަށް ދިމާ ވެގެން މި އުޅޭ މައްސަލައަކީ މިއެވެ. ލޮލާ އެކު ސިކުނޑި ވެސް ހުޅުވައިގެން ހުރި ކޮންމެ މުސްލިމް ދިވެއްސަކަށް ފެންނާނެ މަންޒަރަކީ، އިނގިރޭސީންގެ އިސްލާމް ދީނާ ދެކޮޅު އަދި އިސްތިއުމާރީ "ގޭމު ރާއްޖޭގައި ޖައްސައިދޭނެ" ބަޔަކު ރާއްޖޭގެ ވެރިކަމަށް ނުގެނެވިގެން، އެ ކަމުގެ ރުޅިވެރިކަމުގައި ރާއްޖެއާ ދެކޮޅަށް ދޮގުވެރި ބަޔާންތައް ނެރެ، "ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް" ގެ އޭޖެންޑާއަށް ރާއްޖެ ލައިގެން، ރާއްޖެއަށް ނުފޫޒު ފޯރުވައި، ބިރު ދައްކަމުން ގެންދާ ހުތުރު މަންޒަރެވެ. ރާއްޖޭގައި ކަން ހިނގަމުން ދާ ގޮތުގެ އެއްވެސް ހަގީގަތެއް ނުބަލައި، ރާއްޖޭގެ ދާޚިލީ އަދި ސިޔާސީ ހަމަޖެހުން ނަގައިލައި، އިޤުތިޞާދީ ކުރިއެރުން މަރައިލައި، އަޅުގަނޑުމެންގެ "ގޭތެރޭގެ މައްސަލައެއްގެ" ތެރެއަށް ދަނޑި ބާނައިގެން އަޅުގަނޑުމެންގެ މައްޗަށް އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ބާރު ހިންގުމަށް މަސައްކަތް ކުރަމުން ގެންދާ މަންޒަރެވެ.

ކޮމަންވެލްތުން ރާއްޖެއާ ދެކޮޅަށް ހިންގަމުން ގެންދާ އެންމެ އަނިޔާވެރި އެއް ޖަރީމާ އަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ ބަދުނާމު ކުރުމަށް ޓަކައި ހިތަށް އެރިހާ ދޮގު ވާހަކަތަކެއް ދައްކައި، ހަގީގަތާ ޚިލާފު ބަޔާންތައް ނެރެމުން ދާ ދިޔުމެވެ. ދިވެހިރާއްޖޭގައި މިނިވަންކަމެއް ނެތޭ، ޑިމޮކްރަސީއެއް ނެތޭ، "އިސްލާމީ ޓެރަރިޒަމް" އާލާ ވަނީޔޭ ބުނެ ކުރާ ދައުވާ ފަދަ ދޮގު ދައުވާތައް ފަތުރާ ފެތުރުމެވެ. މިގޮތުން ރާއްޖެ ބަދުނާމު ކުރުމުގައި އެންމެ ހޭބޯނާރާ އުޅޭ އެއް ބަޔަކީ އިންޑިޔާގެ ނިއުދިއްލީގައި ގާއިމު ވެފައި ހުންނަ "ކޮމަންވެލްތު ހިޔުމަން ރައިޓްސް އިނީޝިއޭޓިވް" (ސީއެޗްއާރްއައި) އެވެ. ދޭތެރެދޭތެރެއިން މި ޖަމިއްޔާއިން ނެރޭ ބަޔާންތައް މެދުވެރި ކޮށް ފަތުރަމުން ގެންދާ ޕްރޮޕެގެންޑާއަށް ބައްލަވައިލެއްވުމުން، މި ހަގީގަތް ފެނިވަޑައިގަންނަވާނެއެވެ.

ސީއެޗްއާރުއައިގެ ނުބައި ޕްރޮޕެގެންޑާގެ ސިލްސިލާއެއްގެ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު ނެރެފައި ވާ ރިޕޯޓެއްގެ އެއް ޕެރެގްރާފުން ވެސް، ރާއްޖޭގައި އިސްލާމީ އުސޫލުތައް އޮތުމަށް މިބައިމީހުން ނުރުހޭ މިންވަރު ފެނިގެން ދެއެވެ. މި ދަންނަވާ ރިޕޯޓުގެ 7 ވަނަ ނުކުތާގެ ހަތަރު ވަނަ ނަންބަރުގައި ބުނެފައި ވަނީ "ރާއްޖޭގެ ތައުލީމީ މުއައްސަސާތަކާއި ޢަރަބި ގައުމުތަކުގެ ޔުނިވަރުސިޓީތަކުން ކިޔަވައިގެން އަންނަ މީހުންނަށް ފަނޑިޔާރުކަން ދިނުމުގެ ސިޔާސަތެއް ޝަރުއީ ދާއިރާއިން ގެންގުޅޭ ކަމަށާއި، މި ސިޔާސަތުގެ ސަބަބުން ފަނޑިޔާރުންގެ ފެންވަރު ދަށް ވެ، އިސްލާމީ ހައްދުފަހަނައެޅި ފިކުރު ޝަރުއީ ދާއިރާގައި ފެތުރިގެން ދިޔުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތް" ކަމުގައެވެ.

މި ހުރިހާ ކަމަކުން ވެސް ފެނިގެން ދަނީ ކޮމަންވެލްތު ނާކާމިޔާބު ވެފައި ވާ މަންޒަރެވެ. މެންބަރު ގައުމުތަކުގެ ދާޚިލީ އިންޓެގްރިޓީ އާއި، އަމިއްލަ މައްސަލަތަކަށް ނުވަދެ، މެންބަރު ގައުމުތަކުގެ ސަގާފަތާއި ދީނާއި ގައުމިއްޔަތަށް އިހުތިރާމު ކޮށްގެން، ތަރައްގީގެ މަގުގައި އެއްބާރު ލައިގެން މަސައްކަތް ކުރުމުގެ މަގުގައި ކޮމަންވެލްތު "ވާ ވެފައި ވާ" މިންވަރެވެ. އިސްތިއުމާރީ ނުފޫޒާއި މަނަހުގެ ދަށަށް އަޅުގަނޑުމެން ކަހަލަ ކުދި ގައުމުތައް ގެންދިޔުމަށް ޓަކައި އިސްތިއުމާރީ ބާރުތަކުން ބޭނުން ކުރާ ވަސީލަތަކަށް ކޮމަންވެލްތު ވެފައި ވާ ކަމުގެ ހެކިތަކެވެ.

އިނގިރޭސީންގެ "ރާއްޖެ އޭޖެންޑާ"

ދިވެހިރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވާން، އިނގިރޭސީން އުޅޭ ސަބަބަކީ ކޮބައިތޯ، އިނގިރޭސީންގެ ސިޔާސަތުގައި "ރާއްޖެ އޭޖެންޑާއެއް" އޮންނާން ޖެހޭ ސަބަބަކީ ކޮބައިތޯ، މިއީ ވަރަށް ގިނަ މީހުންގެ ސުވާލެކެވެ. މިފަދަ ދަނޑިވަޅެއްގައި ހިސާބަކަށް އަލި އަޅުވައިލުން މުހިއްމު ވެސް ސުވާލެކެވެ.

އެންމެ ފުރަތަމަ ސަބަބަކީ ރާއްޖޭގެ ޖިއޯޕޮލިޓިކަލް މަގާމެވެ. ރާއްޖެ އޮތް ތަނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖެ އޮތީ ދުނިޔޭގައި އިސްތިރާޖީ ގޮތުން އެންމެ މުހިއްމު އެއް ކަނޑު ކަމަށް ވާ އިންޑިޔާ ކަނޑުގެ މެދުގައެވެ. އެފްރިކާ އާއި އިރުމަތީ އަދި ދެކުނުއިރުމަތީ އޭޝިޔާއާ ދެމެދުގައި ދަތުރު ކުރާ މަގުމަތީގައެވެ. ދުނިޔޭގައި ކަނޑުމަގުން ވިޔަފާރި ކުރާ އެންމެ މުހިއްމު އެއް މަގުގައެވެ. އިސްލާމީ މެދުއިރުމައްޗާއި ހުޅަނގު އޭޝިޔާގެ އިރުދެކުނު ފަރާތް ކަވަރު ކުރާ ޕޮއިންޓުގައެވެ. ޗައިނާއިން ހަދާން އުޅޭ ސިލްކް ރޫޓް ފަދަ މަޝްރޫއުތަކަށް ވެސް ނުހަނު ޚުތޫރަތްތެރި މަގާމެއްގައެވެ. ދެކުނު އޭޝިޔާގެ ބޮޑެތި ބާރުތަކުގެ ފައިތިލަދަށުގައެވެ. މި ހުރިހާ ކަމަކަށް ވިސްނާ އިރު، ރާއްޖެ ކޮންޓްރޯލް ކުރުމަކީ ބަވަނަވީ ސިޔާސީ އަދި އިގުތިސާދީ "ލޭންޑްސްކޭޕް" އޮތް ގޮތުން، އިނގިރޭސީންނަށް ވެސް، އަދި ބޮޑު ކޮންމެ ބާރަކަށް ވެސް މުހިއްމު ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ.

ދެވަނަ ސަބަބަކީ ރާއްޖޭގެ ކަނޑުއަޑީގެ ބިމުގައި ހުރެދާނެ ވަސީލަތްތަކެވެ. ބުނެވޭ ގޮތުގައި 1800 އިގެ ފަހުކޮޅުގެ ތާރީޚެއްގައި، އިނގިރޭސީން ރާއްޖޭގެ ކަނޑުއަޑީގެ ބިމުން ސާންޕަލް ނަގައިގެން، ޓެސްޓުތަކެއް ކުރުމަށް ޓަކައި އިނގިރޭސި ވިލާތަށް އެ ސާންޕަލް ގެންދިޔައެވެ. މިއަދާ ހަމަޔަށް ވެސް އެ ސާންޕަލުގެ ނަތީޖާ ދިވެހި ސަރުކާރާ ހިއްސާ ކުރުމަށް އިނގިރޭސި ސަރުކާރުން ވަނީ އިންކާރު ކޮށްފައެވެ. މިއީ ކިހިނެއް ހިނގި ކަމެއް ބާވައެވެ! މި ކަމާ ގުޅިގެން އިނގިރޭސީން ފޮރުވައިގެން އުޅެނީ ކޮން ކަމެއް ބާވައެވެ! އެ ކަމެއް ފޮރުވައިގެން އެ އުޅެނީ ކީއްވެގެން ބާވައެވެ! މި ސުވާލުތަކުގެ ޖަވާބު ނުލިބޭހައި ހިނދަކު، އިނގިރޭސީންގެ ނިޔަތާ މެދުގައި ދިވެހީންނަށް އިތުބާރު ކުރެވޭނެ ގޮތަކީ ކޮބައިތޯއެވެ؟

ތިންވަނަ ސަބަބު ވެސް ގުޅިފައި ވަނީ އިގުތިސާދާއެވެ. އޭޝިޔާ އާއި އެފްރިކާގެ ވަސީލަތްތައް އަމިއްލަ ބާރުގެ ދަށަށް ގެނެސް، މި ދެ ބައްރުގެ މުއްސަނދިކަން ފެލައިލުމަކީ ހުޅަނގުގެ ބާރުތަކުން އަލަށް ކުރާ ކަމެއް ނޫނެވެ. މިއީ ނިއޯ-ކޮލޯނިއަލިޒަމުގެ އެންމެ މުހިއްމު އެއް ހަތިޔާރެވެ. އިނގިރޭސީންނާއި އެމެރިކާނުން ޢިރާޤަށް އަރައިގަތުމުގެ ވެސް އެންމެ މުހިއްމު އެއް މަގުސަދަކީ ޢިރާޤުގައި ހުރި ތެލާއި ގުދުރަތީ ގޭހުގެ ވަސީލަތްތައް ކޮންޓްރޯލް ކުރުމެވެ. ރާއްޖެއަކީ ފުރިހަމަޔަށް ތަރައްގީ ކުރެވި އިސްތިއުމާލު ކުރެވިފައި ނުވާ ފަތުރުވެރިކަމުގެ ވަސީލަތްތައް ހުރި ތަނެކެވެ. ރާއްޖޭގައި ހުރި ފަތުރުވެރިކަމުގެ "ޕޮޓެންޝަލް" އަށް ބަލާ ނަމަ، މިއީ އަހަރެއްގެ މައްޗަށް އެތައް ބިލިއަން ޕައުންޑެއް ނެރެވިދާނެ ސިނާއަތެއްގެ ގާބިލުކަން ހުރި ގައުމެކެވެ. އިނގިރޭސީންގެ ގޮނޑިކޮއްކޮ ސަރުކާރެއް ރާއްޖޭގައި ގާއިމު ކޮށް، އެމީހުންގެ ފުރިހަމަ ކިޔަމަނާއި ތާއަތުގެ ދަށަށް ރާއްޖެ ދިޔުމުން، އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތު ވެސް ދާނީ އެމީހުންގެ ކޮންޓްރޯލުގެ ދަށަށެވެ. އެއިރުން، ޢަރަބި ކަރައިގެ ތެލުގެ މުޅި ސިނާއަތުގެ ފައިދާގެ ނުހަނު ބޮޑު ބައެއް "ބްރިޓިޝް ޕެޓްރޯލް" ފަދަ ކުންފުނިތައް މެދުވެރިކޮށް އެމީހުން ނަގާ ގޮތަށް، ދިވެހި ފަތުރުވެރިކަން ވެސް ވާނީ އިނގިރޭސީންނަށް ރަންބިސް އަޅައިދޭ އަޅު ކުކުޅަކަށެވެ.

ހަތަރުވަނަ ސަބަބަކީ ދިވެހީންގެ ދީނެވެ. އީމާނާއި ޣީރަތާއި ގައުމިއްޔަތުގެ ގޮތުން ބަނގުރޫޓު ވެފައި ވާ ބަޔަކު އިންކާރު ކުރިޔަސް، ހިތާއި ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމަކު ގަބޫލު ކުރާނެ ހަގީގަތަކީ އިނގިރޭސީންނަކީ ސަލީބީ ބާރެއް ކަމެވެ. އިސްލާމީ ގައުމުތަކުން އިސްލާމީ ޝަޚްސިއްޔަތު ފޮހެލައި، އިސްލާމީ ފިކުރު ނެއްތައިލައި، އިސްލާމް ދީނާ ޚިލާފު ނިޒާމުތައް އެ ގައުމުތަކުގައި ގާއިމު ކުރުމަކީ ސަލީބީ ބާރުތަކުގެ ބަވަނަވީ ސިޔާސަތުގެ އެންމެ މުހިއްމު އެއް ލަނޑުދަނޑިއެވެ. އެހެންކަމުން، ރާއްޖޭގައި ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމު ކޮށް، އެ ސަރުކާރު މެދުވެރި ކޮށް، އިސްލާމް ދީނާ ބީރައްޓެހި ގޮތަކަށް ދިވެހިރާއްޖޭގެ ސިޔާސީ އަދި ގާނޫނީ ނިޒާމާއި، އިގުތިސާދާއި، ތައުލީމީ ނިޒާމު ބައްޓަން ކުރުމަކީ އިނގިރޭސީން ނުހަނު އިސްކަމެއް ދޭ ކަމެކެވެ.

ރާއްޖޭގެ މައްޗަށް އިނގިރޭސީންގެ ދަހިވެތިކަން ހުރި ކަމާއި، އެ ދަހިވެތިކަން ހުރި މިންވަރު ތާރީޚުން ވަނީ ރީތިކޮށް ފެނިފައެވެ. ދިވެހިރާއްޖޭގެ ކަންކަމަށް ނުފޫޒު ފޯރުވައި، ދިވެހީންގެ ބޮލަށް ވޯރާ ވިޔަފާރިވެރީން ސަވާރު ކުރުވީ ވެސް އިނގިރޭސީންނެވެ. އެމީހުންގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ލިބުނު ގެއްލުންތަކާއި، ރާއްޖޭގައި އުފެދުނު ސިޔާސީ ފިތުނަތަކުގެ ވާހަކަތައް ދިވެހި ތާރީޚުގައި އެހެރީއެވެ. ރާއްޖޭގެ މިނިވަންކަން 1887 ގައި އިނގިރޭސީންނަށް ވިއްކައިލީ، އެއިރު ވެރިކަމުގެ ދަހިވެތިކަމުގައި އިނގިރޭސީންގެ އުނގަށް ވެއްޓިގަތް މީހުންނެވެ. އެއަށްފަހު، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، ކެލަޔާއި އައްޑޫގައި އަސްކަރީ މަރުކަޒުތައް ގާއިމު ކުރުމުގެ ހުއްދަ ދިވެހި ސަރުކާރުން އިނގިރޭސީންނަށް ދިނުމުން، މި ތަންތަނުގައި އިނގިރޭސީންގެ ބިނާތަކާއި އިމާރާތްތައް ގާއިމު ކުރީ އެތަންތަނުގައި ހުރި ދިވެހި ރައްޔިތުންގެ އެތައް ސަތޭކަ ރުއްގަހެއް ކަނޑައި ހުސް ކޮށްފައެވެ. މިކަން ކުރީ ދިވެހި އެއްވެސް ރައްޔިތަކަށް ބަދަލުގެ ގޮތުގައި ބޮޑު ލާރިއެއް ވެސް ނުދީއެވެ. އައްޑުއަތޮޅުގެ އެތެރެވަރިއަށް އިނގިރޭސީންގެ ބޯޓެއް ފައްތައިލައި، އައްޑޫގެ މަސްވެރިކަން ހަލާކު ކޮށްލި އިރު، އެ ގެއްލުމަށް ވެސް މިއަދާ ހަމަޔަށް ވެސް ދިވެހީންނަށް ބަދަލު ދީފައެއް ނުވެއެވެ. އައްޑޫގައި އިނގިރޭސީން އެތައް ޒަމާނަކު ތިބި އިރު، އައްޑޫގެ މައް ދިވެހި މުޖުތަމައަށް ކޮށްދިން އެއްވެސް ކަމެއް ނެތެވެ. އައްޑޫގެ ރައްޔިތުން ހިނގުމަށް ޓަކައި އެމީހުން ހެދި މަގެއް، އައްޑޫގެ ރައްޔިތުންނަށް ފަރުވާ ދިނުމަށް ޓަކައި އެޅި ހަސްފަތާލެއް، ރައްޔިތުންގެ ބޭނުމަށް އެޅި ބަނދަރެއް ފަދަ އެކައްޗެއް ވެސް ނެތެވެ. އެމީހުންގެ އަމިއްލަ ބޭނުމަށް އެޅި ތަންތަން ފިޔަވައި، ކުރި އެއްވެސް ކަމެއް ނެތެވެ.

ރާއްޖޭގެ މިނިވަންކަމުގެ ހަރަކާތް ފެށި އެ ހަރަކާތުގައި އާރު ލުމުން، އިނގިރޭސީން ދިމާ ކުރީ ރާއްޖޭގައި ވެސް "ކަޝްމީރެއް" އުފައްދައި، ރާއްޖޭގެ ދެކުނުގެ ތިން އަތޮޅު ރާއްޖެއިން ވަކި ކޮށްލައި އިނގިރޭސީންގެ ގޮނޑިކޮއްކޮ ދައުލަތަކަށް ހެދުމަށެވެ. މި ނުބައި ރޭވުން ފޭލި ވެގެން ދިޔުމުން، އެ ކުޅިގަނޑު ކުޅުމަށް ޓަކައި އެމީހުން ބޭނުން ކުރި ފަރާތް ކަމަށް ވާ ޢަބްދުﷲ ޢަފީފް ދީދީ ގޮވައިގެން ރާއްޖެއިން ބޭރަށް ގެންގޮސް އެމަނިކުފާނާ މެދުގައި ވެސް އިނގިރޭސީން ކަން ކުރީ އެހައިމެ އިހާނެތިކޮށެވެ. ސީޝެލްސަށް ގެންގޮސް ބާލަންދެން، މި ގެންދެވެނީ ކޮން ތަނަކަށް ކަން ވެސް އިނގިރޭސީން އެ މަނިކުފާނަކަށް ނާންގައެވެ. އައްޑުއަތޮޅުގައި އިނގިރޭސީން ގެންގުޅުނު ޕާކިސްތާނުގެ މަސައްކަތު މީހުންނަށް ވެސް އިނގިރޭސި ރައްޔިތުކަން ދީގެން އިނގިރޭސި ވިލާތަށް ގެންދިޔަ އިރު، ޢަފީފް ދީދީ ގެންގޮސް ސީޝެލްސަށް ލީ ކޮން ސަބަބަކާ ހުރެ ބާވައެވެ! ޢަފީފްދީދީގެ ގައިކޮޅުގެ ހަމުގެ ކުލަ ތަންކޮޅެއް އަނދިރި ވީމާ ނޫން ބާވައެވެ!

ކޮމަންވެލްތުން ވަކި ވުން

ކޮމަންވެލްތަކީ އިސްތިއުމާރުގެ ހަތިޔާރެކެވެ. އިސްލާމީ އަދި ދިވެހި ގައުމެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ޝަރަފާއި، އިއްޒަތާއި، ކަރާމާތް ރައްކައުތެރި ކުރުމަށް އޮތް މަގަކީ އިސްތިއުމާރީ މި ކަސްތޮޅުން މިންޖު ވުމެވެ.

ކޮމަންވެލްތުގެ މެންބަރަކަށް 1982 ގައި ދިވެހިރާއްޖެ ވީއްސުރެ މިހައިތަނަށް، އެކުވެރި ޖަޕާނުން ދިވެހިރާއްޖެއަށް ދީފައި ވާ އެހީ، ކޮމަންވެލްތުން ދީފައި ވާ އެހީތަކަށް ވުރެ ބޮޑެވެ. ކޮމަންވެލްތުގެ ޒަރީއާއިން ރާއްޖެއަށް ނުފޫޒު ފޯރުވަމުން ދާ އިނގިރޭސީން ރާއްޖޭގައި އަޅައިދިން ސްކޫލެއް، އަޅައިދިން ބަނދަރެއް، މަގެއް، ހަސްފަތާލެއް ފަދަ އެކައްޗެއް ވެސް ނެތެވެ. އެމީހުން ކުރާ ކަމަކީ އިސްލާމީ ދިވެހި މުޖުތަމައުގައި، ދިވެހީންގެ ކަންކަން ހުޅަނގުގެ އުސޫލުން ކުރާން ދަސް ކޮށްދޭ ކޮންސަލްޓަންޓުންތަކެއް ފޮނުވައިގެން ދޭތެރެއަކުން މަސައްކަތުބައްދަލުވުންތަކެއް ހިންގުމާއި، ފިކުރީ ގޮތުން އިނގިރޭސީންނަށް އަޅުކަން ކުރާނެ، ނުވަތަ އެންމެ ކުޑަމިނުން އިނގިރޭސީންނާ މެދު ރުހުމާއި ހަމްދަރުދީގެ ލޮލުން ބަލާނެ މީހުންތަކެއް ދިވެހީންގެ ތެރޭގައި އުފެއްދުމަށް ޓަކައި ސްކޮލަރޝިޕްތަކެއް ދިނުމެވެ.

ކޮމަންވެލްތުން ވަކި ވުމުން، މަތީ ތައުލީމުގެ ދާއިރާގައި ރާއްޖެއަށް "ވަރަށް ގިނަ ދޮރުތައް ބަންދު ވާނެޔޭ" މިއީ އިނގިރޭސީންނަށް ފިކުރީ ގޮތުން އަޅުކަން ކުރާ މީހުން ދައްކާނެ ވާހަކައެކެވެ. ނަމަވެސް މިނިވަން އަދި އިލްމީގޮތުން ފުރާފުރިހަމަ ވިސްނުމަކުން ވިސްނާ ކޮންމެ ދިވެއްސަކު މެ ގަބޫލު ކުރާނެ ހަގީގަތަކީ، ކެމްބްރިޖް ފަދަ އިނގިރޭސި އިމްތިހާނުތަކަށް ބަރޯސާ ވެ، އިނގިރޭސި މަންހަޖުތަކަށް ދަރިވަރުންނަށް ކިޔަވައިދީ ހެދުމުގެ އާޚިރު ނަތީޖާ ނުހަނު ގޯސް ކަމެވެ. އަޅުގަނޑުމެންގެ ދަރީންނަށް ކިޔަވައިދޭނެ މުގައްރަރުތައް އަމިއްލަޔަށް އެކަށައަޅައި، ފޮތްތައް އަމިއްލަޔަށް ލިޔެ، އަޅުގަނޑުމެންގެ ދަރީން ހަދާނެ އިމްތިހާނުތައް އަމިއްލަޔަށް ތަރައްގީ ކުރެވޭ ފެންވަރު އަޅުގަނޑުމެންގެ ކިބައިގައި ނެތީ ތޯއެވެ؟ އިނގިރޭސި ވިލާތުގެ މަންހަޖުތަކަށް ކުދީންނަށް ކިޔަވައިދީ، ކުދީން ކިޔަވާނެ ފޮތް އިނގިރޭސި ވިލާތުން ގެނެސް، އިނގިރޭސި އިމްތިހާނުތައް ކުދީންނަށް ދިނުމަށް ޓަކައި އަޅުގަނޑުމެން ކޮންމެ އަހަރަކު އިނގެރޭސި ވިލާތަށް ހޭދަކުރާ 77 މިލިއަން ރުފިޔާ، ރާއްޖޭގެ "އެކަޑަމިކް ސެލްފް-ސަފިޝެންސީ" އިތުރު ކުރުމަށް ޚަރަދު ކުރުން މާ ރަނގަޅު ނުވާނެ ތޯއެވެ؟

އޯޑިނަރީ ލެވެލާއި އެޑްވާންސްޑް ލެވަލުގައި އިނގިރޭސީންގެ ކެމްބްރިޖް އިމްތިހާނު ދޫކޮށްލާ ނަމަ، ދެން އޮތް އެފަދަ ނުވަތަ އެއަށްވުރެ ރަނގަޅު ގޮތަކީ ކޮބައިތޯ، މިއީ ވަރަށް ގިނަ ބޭފުޅުންގެ ހިތްޕުޅުގައި އުފެދޭނެ ސުވާލެކެވެ. ކުރީންވެސް ދެންނެވި ފަދައިން، މި ކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑުމެންގެ އަމިއްލަ އިމްތިހާނު ނިޒާމެއް ތައާރަފު ކުރުމެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީ އާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީ ގުޅިގެން، މިޞުރުގެ އަލްއަޒްހަރު ޔުނިވަރުސިޓީ އާއި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ އާއި، ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯރ ފަދަ ޒަމާނީ އަދި އިސްލާމީ ތައުލީމުގެ މުއައްސަސާތަކާ ގުޅިގެން، އަމިއްލަ އިމްތިހާނުތަކާ އެކު ވަރުގަދަ ތައުލީމީ ނިޒާމެއް ބިނާ ކުރުމަކީ މިހާރު ދިވެހީންނަށް ނުކުރެވޭނެ ކަމެއް ނޫނެވެ.

އަމިއްލަ އިމްތިހާނުތަކާ އެކު ތައުލީމީ ނިޒާމު ބިނާ ކުރުމަށް ވަގުތު ނަގާނެތީ، ވަގުތީ ހައްލެއްގެ ގޮތުގައި މެލޭޝިޔާގެ "މެލޭޝިޔަން ސަރޓިފިކޭޓް އޮފް އެޑިޔުކޭޝަން" އާއި "މެލޭޝިޔަން ހަޔަރ ސްކޫލް ސަރޓިފިކެޓް އެގްޒެމިނޭޝަން" ފަދަ އިމްތިހާނުތަކެއް ގެނެވިދާނެއެވެ. މިއީ އޯލެވެލް އަދި އޭލެވެލް ފެންވަރުގެ ދެ އިމްތިހާނެވެ. މެލޭޝިޔާއެކޭ އެއްފަދައިން ސިންގަޕޯރަކީ ވެސް އަމިއްލަ ތައުލީމީ ނިޒާމަކާއި އަމިއްލަ އިމްތިހާނުތަކެއް ގެންގުޅޭ ގައުމެކެވެ. މި ނުކުތާގައި ވާހަކަ ދައްކާ އިރު، އަޅުގަނޑުމެން ހަނދާން ކުރާން ޖެހޭ ކަމަކީ، ތައުލީމީ ނިޒާމުތަކުގެ ފެންވަރު ވަޒަން ކުރުމުގައި އެންމެ އިތުބާރު ހުރި ޓެސްޓް ކަމަށް ވާ "ޕްރޮގްރާމް ފޯރ އިންޓަރނޭޝަނަލް ސްޓޫޑެންޓް އެސެސްމަންޓް" ގެ ނަތީޖާތަކުން ދައްކާ ގޮތުގައި، އިނގިރޭސި ވިލާތަށް ވުރެ ތައުލީމީ ނިޒާމުތައް ވަރުގަދަ އެތައް ތަނެއް އެބަހުރި ކަމެވެ. އޭގެ ތެރޭގައި ސިންގަޕޯރާއި، ޗައިނާގެ ޝެންގހާއީ އާއި، ޗައިނާގެ ހޮންގކޮންގ އާއި، ދެކުނު ކޮރެޔާ އާއި، ސްވިޓްޒަރލޭންޑް ފަދަ ގައުމުތައް ހިމެނެއެވެ. "ކެމްބްރިޖް އިންޓަރނޭޝަނަލް އެގްޒެމިނޭޝަންސް" ބޭނުން ކުރި ގިނަ ގައުމުތަކަކުން ވަނީ މި އިމްތިހާނުތައް ގަތުން ހުއްޓައިވެސްލައިފައެވެ. އެގޮތުން، ކެރީބިއަން ސަރަހައްދުގެ ގައުމުތައް ގުޅިގެން "ކެރީބިއަން ސެކަންޑަރީ އެޑިޔުކޭޝަން ސަރޓިފިކޭޝަން" އިމްތިހާނު ތައާރަފު ކޮށް، ކެމްބްރިޖް އިމްތިހާނުތައް ދޫކޮށްލި އިރު، ހޮންގކޮންގުން ވެސް ވަނީ އިނގިރޭސި އިމްތިހާނުތައް ދޫކޮށްލައިފައެވެ.

ކަން މިހެން ހުރި އިރު، އަމިއްލަ ގައުމުގެ ދަރިވަރުންނަށް ކިޔަވައި ދޭ އަދި އިމްތިހާނު އެކަށައަޅާ ފެންވަރަށް ވުރެ ދަށް ފެންވަރެއްގައި، ތިންވަނަ ދުނިޔޭގެ ގައުމުތަކަށް ނުއަގުގައި ވިއްކާ ޕްރޮޑަކްޓެއްގެ ގޮތުގައި އިނގިރޭސީން ގެންގުޅޭ އިމްތިހާނުތަކަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން 77 މިލިއަން ޚަރަދު ކޮށްކޮށް ތިބޭން ވީ ކީއްވެގެންތޯއެވެ؟ މިހައިތަނަށް ހަމައެކަނި މި އިމްތިހާނުތަކަށް ދިވެހީންގެ އަތުން އިނގިރޭސީންނަށް އެތައް ބިލިއަން ރުފިޔާއެއް ދެވިފައި ވާ އިރު، އެއްކަލަ ކޮމަންވެލްތު ސްކޮލަރޝިޕްތަކަކީ ހިލޭ އެހީ ކަމަށް އަދިވެސް ބުނާންވީތޯއެވެ؟ މި ފައިސާ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް އިންވެސްޓު ކުރެވުނު ނަމަ، އަޅުގަނޑުމެންގެ ތައުލީމީ ނިޒާމު އޮތީހީ ކޮންފަދަ ހިސާބެއްގައިތޯއެވެ؟ ނުވަތަ ކުރިޔަށް އޮތް ތަނުގައި ވެސް އިނގިރޭސީންނަށް މި ފައިސާ ދީދީ ތިބޭން ވީތޯއެވެ؟

ދެން އޮތީ އަޅުގަނޑުމެން ކޮމަންވެލްތުން ވަކި ވުމުން ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިދާނެ ގެއްލުންތަކުގެ ވާހަކައެވެ. މިއީ ވެސް އެއްވެސް އަސާސެއް ނެތް ވާހަކައެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ "ގްލޯބަލް ބްރޭންޑް" އެކެވެ. އެ ވިޔަފާރީގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އަމިއްލަ ފަރުދުންނާއި އަމިއްލަ ކުންފުނިތަކެވެ. އެ ސިނާއަތުގެ ޚިދުމަތް ހޯދާން އަންނަނީ ދުނިޔޭގެ އެތަންމިތަނުން، އަމިއްލަ ފަރުދުންނެވެ. ކޮމަންވެލްތަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ގައުމުތައް ބައިވެރި ވާ ވިޔަފާރި ޖަމިއްޔާއެއް ފަދަ ތަނެއް ނޫނެވެ. އެއީ ބައިނަލްއަގުވާމީ ސިޔާސީ މަންސައިގައި ހަރަކާތްތެރި ވާ ޖަމިއްޔާއެކެވެ. ރާއްޖެއަށް ފަތުރުވެރީންނަށް އައުދެވެނީ ކޮމަންވެލްތުން ދޭ "ކްލިއަރެންސް ކާޑެއް" އޮވެގެނެއް ނޫނެވެ. އެހެންކަމުން، އެ ޖަމިއްޔާގައި ތިބުމަށް ނުވަތަ ނުތިބުމަށް ދިވެހި ރައްޔިތުން، އެމީހުންގެ މަންދޫބުން މެދުވެރި ކޮށް، ނިންމާ ނިންމުމެއްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަސަރު ކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އިނގިރޭސީންގެ ކުލަބެއްގެ މެންބަރުކަން ދޫކޮށްލުމަށް ދިވެހީން ނިންމާ ނިންމުމެއްގެ ސަބަބުން، ރާއްޖެއަށް އަދަބު ދިނުމަށް ޔޫރަޕުގެ އެހެން ގައުމުތަކުގެ ސަރުކާރުތަކުން އުޅޭނެ ކަމަށް ބެލުމަކީ ވެސް އަސާސެއް އޮތް ކަމެއް ނޫނެވެ. މި ނުކުތާއާ ގުޅިގެން ފާހަގަ ކުރާން ޖެހޭ އަނެއް ކަމަކީ، ރާއްޖޭގެ ފަތުރުވެރިކަން މެދުއިރުމައްޗާއި ރޫސީ ވިލާތާއި ޗައިނާ އާއި އާސިޔާން ފަދަ ސަރަހައްދުތަކަށާއި، އަޅުގަނޑުމެންނަށް ހަގީގީ މާނައިގައި ހެޔޮ އެދޭނެ ތުރުކީ ފަދަ ގައުމުތަކަށް، ފުޅާ ކުރެވޭނެ ކަމާއި، އެ މަސައްކަތް މިހާރު ވެސް ހިނގަމުން ދާ ކަމެވެ. ދިވެހީން ދެކެ އިނގިރޭސީން އަންނަ ރުޅިއަކަށް ޓަކައި، ދިވެހިރާއްޖޭގެ އިގުތިސާދު ފުނޑުފުނޑު ކޮށްލާން އިނގިރޭސީން ކުރާ މަކުރޫހަ، ހަސަދަވެރި، ނުބައި، އަދި ނާތަހުޒީބު މަސައްކަތެއްގައި ދުނިޔެ ބައިވެރި ވާނެ ކަމަށް އަޅުގަނޑުމެން ބަލާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ކޮމަންވެލްތު އުފެއްދުމަށް ޓަކައި 1926 ވަނަ އަހަރުގެ އިމްޕީރިއަލް ކޮންފަރެންސުގައި ފާސް ކުރެވުނު "ބެލްފޯރ ޑެކްލަރޭޝަން" ގައި ބުނެފައި ވަނީ، ކޮންމެ މެންބަރު ގައުމަކީ ވެސް ޚާރިޖީ އަދި ދާޚިލީ ހުރިހާ ކަމެއްގައި މެ ފުރިހަމަ ސިޔާދަތު ލިބިގެން ވާ ދައުލަތެއް ކަން ކޮމަންވެލްތުން ހަނދާން ނައްތައިނުލާނެ ކަމުގައެވެ. އެއްވެސް މެންބަރު ގައުމެއްގެ ސިޔާދަތަށް އުނިކަން ލިބިގެން ދާނެ ފަދަ ކަމެއް، އެހެން މެންބަރުން ކުރުމަކަށް ޖާގައެއް ނޯންނާނެ ކަމުގައެވެ. މިއީ "ބެލްފޯރ ޑެކްލަރޭޝަން 1926" އައުމުގެ މާ ކުރީއްސުރެ ބައިނަލްއަގުވާމީ އުރުފީ ގާނޫނުން އެކަށައެޅިފައި ހުރި އުސޫލުތަކެވެ. 1648 ވަނަ އަހަރު އެކަށައެޅިގެން ދިޔަ "ވެސްޓްފާލިއާ ސޮވްރިންޓީ" ގެ މަބްދައުތަކުން ކަނޑައެޅިފައި ހުރި މި އުސޫލުތައް ބުނަނީ ކުޑަޔަސް، ބޮޑަސް، ކޮންމެ ދައުލަތަކީ އެ ބައެއްގެ ސަރަހައްދީ އިންޓެގްރިޓީގެ ހައްގުގެ ރައްކައުތެރިކަން ކަށަވަރު ވެގެން ވާ، އަދި އެ ބައެއްގެ ދާޚިލީ ކަންކަމުގައި ބޭރުގެ ނުފޫޒުން މުޅީން މިނިވަން ވެގެން ވާ ދައުލަތެއް ކަމުގައެވެ. މި ދެންނެވި އުސޫލުތަކަކީ އޭގެ ފަހުން، އދ. ގެ ޗާޓަރުން ބަލައިގަނެފައި ހުރި ހަމަތަކެވެ. ނަމަވެސް ކޮމަންވެލްތުން ގެންދަނީ ވަރަށް ބަރުބަރީ ގޮތެއްގައި، ދިވެހި ދައުލަތުގެ މި ދެންނެވި ހައްގުތަކުގައި ކޮޅުފައިން ޖަހަމުންނެވެ.

ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، ރާއްޖޭގެ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ދިވެހީންގެ ތެރޭގައި އޮތް ސިޔާސީ ވަކި ފެކްޝަނަކަށް ތާއީދު ކުރުމުގެ ހައްގެއް އިނގިރޭސި ކޮމަންވެލްތަކަށް ނޯންނާނެއެވެ. ދުނިޔޭގައި ފިތުނަ އުފެއްދުމަށް އިނގިރޭސީން ކުރީންވެސް ބޭނުން ކުރި ވިހަ ސިޔާސަތު ކަމުގައި ވާ "ޑިވައިޑް އެން ރޫލް" އުސޫލުން ދިވެހި ރައްޔިތުން ބައިބައި ކޮށް، މި މުޖުތަމައު ގަޑުބަޑު ކުރުމުގެ ހައްގެއް ކޮމަންވެލްތަކަށް ނޯންނާނެއެވެ. ދިވެހިރާއްޖޭގެ ވެރިކަމުގައި ކޮންމެ ބޭފުޅަކު ހުންނެވިޔަސް، އެ ބޭފުޅެއްގެ އަބުރުފުޅަށް އަރައިގަނެ، ރާއްޖޭގެ ރައްޔިތުން އިންތިޚާބު ކޮށްފައި ވާ ގާނޫނު ހަދާ މަޖިލިހުގެ ހުރުމަތް ކަނޑައިލުމުގެ ހައްގެއް ކޮމަންވެލްތަކަށް ނޯންނާނެއެވެ. ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ގޮން ޖަހައި، އެ ކޯޓުތައް ބަދުނާމު ކުރާން މަސައްކަތް ކޮށް، އެ ކޯޓުތަކުގެ ނިންމުންތަކަށް ނުފޫޒު ފޯރުވައި، ދިވެހި ރައްޔިތުންގެ ތެރެއިން ވަކި މީހެއް ނޫނީ ވަކި ބައެއްގެ މައްޗަށް ޝަރީއަތް ނުކުރާން ގޮވައި ބިރު ދެއްކުމަކީ ކޮމަންވެލްތުގެ އިސް ބާރުތަކުން ހިންގަމުން ގެންދާ ދަށުދަރަޖައިގެ ޖަރީމާތަކެކެވެ. ދިވެހިރާއްޖޭގައި "ރޫލް އޮފް ލޯވ" ނަގަހައްޓައި، ރައްޔިތުންނާ މެދުގައި ހަމަހަމަ ގޮތެއްގައި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ޖަރީމާތަކެކެވެ. ކޮންމެ ދެ ދުވަހުން އެއް ދުވަހު ކޮމަންވެލްތުގެ ސީމެގުގެ އޭޖެންޑާގައި ރާއްޖެ ހިމަނައި، އަނެއް ދުވަހު ސީއެޗްއާރުއައިގެ ޕްރޮޕެގެންޑާ މެޝިނު މެދުވެރި ކޮށް ރާއްޖެއާ ދެކޮޅަށް ފާޑުފާޑުގެ ބަޔާންތައް ނެރެމުން ގެންދަނީ ވަކި މީހަކަށް ރާއްޖޭގެ ވެރިކަން ހޯދައިދީގެން ރާއްޖޭގައި އިނގިރޭސި "ވައިސްރޯއި" އެއް ބަހައްޓައި، ރާއްޖެއިން އިސްލާމް ދީނުގެ ޝަޚްސިއްޔަތު ފޮހެލައި، އިނގިރޭސީންނާއި އެމީހުންގެ އެކުވެރީންގެ މަނަހުގެ ދަށަށް ރާއްޖެ ވައްޓައިލުން ފިޔަވައި އެހެން މަގުސަދެއްގައެއް ނޫނެވެ.

މި ދެންނެވި ފަދަ ގޮތްގޮތުން ކޮމަންވެލްތުން ދިވެހި ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތަކަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމެވެ. ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނީ ދައުލަތުގެ ހައިބަތާއި ކަރާމާތަށް ކުޅު ޖެހުމެވެ. މިފަދަ ގޮތަކަށް މި ގައުމުގެ އަބުރާ ބެހި، މި ގައުމު ނިކަމެތި ކުރުމަކީ ކޮމަންވެލްތުގެ ސިޔާސަތު ކަމަށް ވަންޏާ، މި ޖަމާއަތުގައި ދެމިތިބުމުގެ އެއްވެސް ބޭނުމެއް އެބައޮތްތޯއެވެ؟

comment ކޮމެންޓް