ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު މަތި ކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު މަތި ކުރުމަށް ކުރުނބާ މޯލްޑިވްސް ގައި ކުރިއަށްދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ސިއްހީ ހިދުމަތްދޭ ތަންތަނުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކޮށް މޮނިޓާ ކުރާނެ ގޮތްތައް ދަސްކޮށްދިނުމަށްޓަކައި މަސައްކަތު ބައްދަލުވުމެއް، ކުރުނބާ މޯލްޑިވްސް ގައި މިއަދު ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ޑަބްލިއުއެޗްއޯ އާއި ސިއާރޯ އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގުޅިގެން ބާއްވާ އެ މަސައްކަތު ބައްދަލުވުމުގައި މާލޭގެ ހޮސްޕިޓަލްތަކާއި އަތޮޅު ތެރޭގެ ހޮސްޕިޓަލް ތަކުން ބައިވެރިވެ އެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ އެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ތަމްރީނަކީ ވަރަށް ގިނަ ކަންކަމަށް ހައްލު ހޯދައިދޭ އެއްޗެއް ކަމަށާއި، ވަކި ކަމަކަށް ފޯކަސްކޮށްގެން ކުރެވޭ މަޝްވަރާތަކަކީ އެ މައްސަލައަކަށް އޮތް އެންމެ ބޮޑު ހައްލު ކަމަށެވެ.

ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު މަތި ކުރުމަށް ކުރުނބާ މޯލްޑިވްސް ގައި ކުރިއަށްދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"ވަކި ހާއްސަ ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ތިއްބެވި ޕްރޮފެޝަނަލް ގިންތީގެ ބަޔަކު އެއް ހޯލަކަށް އެއްވެ ކަމަކާމެދު މަޝްވަރާ ކުރެވޭ ކުރެވުމަކީ އެކަމެއްގެ ތެރޭގައި ހުރި ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ހުރިހާ ކަމަކަށްވެސް ދިމާވާ މައިގަނޑު މައްސަލައަކީ ފައިސާގެ މައްސަލަ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. އަދި އެ އާދަ އަކީ ބަދަލު ކުރަންވެފައިވާ ކަމެއް ކަމަށާއި ލިބިފައިހުރި ވަސީލަތްތަކުން އެތައް ކަމެއް ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މީހުން ތަމްރީނުކުރުމާއި އަގު ހެޔޮކޮށް ރަނގަޅު ހިދުމަތް ދިނުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އެ މަސައްކަތު ބައްދަލުވުމަކީ ތުއްތު ކުދިންނަށް ފަރުވާ ދިނުމުގައި ސިއްހީ ހިދުމަތްދޭ ތަންތަނުން ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުމުގެ ހުނަރާއި، ގާބިލުކަން ސިއްހީ ފަރުވާގެ ފެންވަރު އިތުރަށް މަސައްކަތް ކުރައްވާ ކަމާބެހޭ ފަންނީ ބޭފުޅުންގެ ކިބައިގައި އަށަގެންނެވުމާއިއެކު ތުއްތުކުދިންނަށް ދެވޭ ސިއްހީ ފަރުވާގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ރާއްޖޭގައި ތުއްތު ކުދިން މަރުވާ މިންގަނޑު އިތުރަށް ދަށްކުރުމާއި ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިއެރުން ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މަސައްކަތު ބައްދަލުވުމެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.

އެ ތަމްރީން ޕްރޮގްރާމުގައި 35 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާއިރު އެ މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ސިއާރޯއާއި، އިންޑިއާ އިންޓިޓިއުޓް އޮފް މެޑިކަލް ސައިންސްގެ ބޭފުޅުންނެވެ.

comment ކޮމެންޓް