ޔަޒީދުއާ ބެހޭ ގޮތުން ގެނެވުނީ ދޮގު ހަބަރެއް ކަމަށް ރާއްޖެ ޓީވީ އިން ކޯޓުގައި އެއްބަސް ވެއްޖެ

އަބުރުގެ ބިލު ދިރާސާކުރާ ވަގުތީ ކޮމެޓީއަށް ރާއްޖެ ޓީވީ ހާޒިރުކުރި ބައްދަލުވުމުގެ ތެރެއިން: ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާ ގުޅޭ ގޮތުން ރާއްޖެ ޓީވީއިން ގެނައީ ދޮގު ހަބަރެއް ކަމަށް އެ ޓީވީގެ ފަރާތުން ކޯޓަށް ހާޒިރުވި ވަކީލު ސިވިލް ކޯޓުގައި އެއްބަސް ވެއްޖެ އެވެ.

ޔަޒީދު ރާއްޖެ ޓީވީއާ ދެކޮޅަށް އަބުރުގެ ދައުވާ ކޮށްފައި ވަނީ ޖުލައި މަހު 30 ވަނަ ދުވަހު "މީރާގައި ރަޖިސްޓަރ ނުކޮށް، ޓެކްސްއަށް ފިއްލަވައިގެން ޔަޒީދު ވިޔަފާރި ކުރައްވަނީ" ސުރުހީގެ ދަށުން ރާއްޖެ އެމްވީގައި ޝާއިއުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ.

ޔަޒީދުގެ ފަރާތުން ވަކީލު މުހައްމަދު ޝަހުދީ 'ސަން' އަށް ވިދާޅުވީ އެމައްސަލާގައި މިދިޔަ ހަފްތާގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަބަރަކީ ދޮގު ހަބަރެއް ކަން ސާބިތު ކޮށްދިނުމަށް އެފަރާތުން ހެކި ހުށަހެޅުމުން ރާއްޖެ ޓީވީގެ ފަރާތުން ވަކީލު ބެއްލެވުމަށް ފަހު އެ ހަބަރުގެ ދޮގުކަން ގަބޫލުކޮށްފައިވާ ކަމަށެވެ.

އެމައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ހަބަރަކީ މައުލޫމާތުގެ އޮޅުމެއް ކަމަށް ބުނެ މިއަދުގެ 10 އަދި ރޭގަނޑު އަށެއްޖަހާއިރު ހަބަރެއް ގެނެސްދިނުމަށް ރާއްޖެ ޓީވީއިން އެއްބަސްވެފައިވާ ކަމަށް ޝަހުދީ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ރާއްޖެ ޓީވީގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ޔަޒީދު މުހައްމަދާ ބެހޭ ގޮތުން ހަބަރުގައި ނުބައި މައުލޫމާތެއް ގެނެސްދެވުނީ "ރާއްޖެޓީވީ އާއި ރާއްޖެއެމްވީ އަށް މައުލޫމާތު ހިއްސާކުރެއްވި ބޭފުޅުންގެ މައުލޫމާތު ގޯސްވުމުން" ކަމަށެވެ.

ޔަޒީދާ ގުޅޭ ގޮތުން ރާއްޖެ އެމްވީގައި ޝާއިއުކޮށްފައިވާ އެ ޚަބަރުގައި ބުނެފައި ވަނީ، ނަޒާހަތްތެރިކަން އިތުރުކުރުމަށް ކަމަށް ބުނެ މިދިޔަ އަހަރު ބައެއް ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ ވެރީންނަށް ގާނޫނު އަސާސީގެ 102 ވަނަ މާއްދާއާ ޚިލާފަށް ސަރުކާރުން ދިން ރެހެންދި ފްލެޓްތަކުގެ ތެރޭން ޔަޒީދަށް ލިބިވަޑައިގެންނެވި ފްލެޓް ނަމްބަރު 3ބީ، 2000 ޑޮލަރަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ.

"ރާއްޖެއެމްވީ އަށް ފަހުން އެނގުނު ގޮތުގައި ޔަޒީދުގެ ފްލެޓް ކުއްޔަށް ނުދެ އެވެ. އެހެންވެ، ރާއްޖެ ޓީވީގެ ބެލުންތެރިންނާއި ރާއްޖެއެމްވީގެ ކިޔުންތެރިންގެ ސަމާލުކަމަށް މިކަން ގެންނަން" ރާއްޖެ ޓީވީއިން އާންމު ކުރި ބަޔާނުގައި ބުނެފައިވެ އެވެ.

މިއީ އަބުރުގެ ގާނޫނު ފާސްކުރުމުގެ ކުރީން ހިނގި ކަމަކަށް ވާތީ، މި މައްސަލާގައި ދައުވާކޮށްފައި ވަނީ، "އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު"ގެ ދަށުންނެވެ.

އަބުރުގެ ދައުވާއަކާ ގުޅިގެން މީގެ ކުރީން ވެސް ރާއްޖެ ޓީވީ ވަނީ، ކޯޓަށް ހާޒިރުކޮށްފަ އެވެ.

comment ކޮމެންޓް