ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ގެޓްސެޓް ލޯނުގެ ފުރަތަމަ ބުރުގައި ދޫކުރި ލޯނުތަކުގެ 60 ޕަސަންޓު ލޯނުން ވިޔަފާރި ހިންގަމުން އެބަދެ އެވެ.
ގެޓްސެޓް ލޯނު ޕްރޮގްރާމާ ބެހޭ ގޮތުން ސަން ޓީވީގެ ފަންސާސް މިނެޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕްރޮގްރާމުގެ މެނޭޖަރު މަހީލް އަލީ ޖަލީލް ވިދާޅުވީ 2014 ވަނަ އިއުލާންކޮށްގެން ދޫކުރި ގެޓްސެޓް ލޯނުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަަމަށާއި އަދި އެފަރާތްތަކުން ދެއްވަމުންދާ ފީޑްބެކް ވަރަށް ރަނގަޅު ކަމަށެވެ.
"ފުރަތަމަ ރައުންޑް ގަ 34 ލޯނެއް 72 ޒުވާނަކަށް ދިނިން. އޭގެން 20 ވިޔަފާރިއެއް ފަށައިފި. އެކި ލެވެލްގައި ކުރިއަށްދޭ،" މަހީލް ވިދާޅުވިއެވެ.
ގެޓްސެޓް ލޯނުގެ ދަށުން ދޫކުރި 34 ލޯނުގެ ތެރެއިން 20 ލޯނު ބޭނުންކޮށްގެން ވިޔަފާރި ކުރާނަމަ އެއީ ގާތްގަނޑަކަށް ލޯނުގެ 60 ޕަސަންޓެވެ.
މީގެ އިތުރުން ގެޓްސެޓްގެ ފުރަތަމަ ބުރުގެ ލޯނަށް ގާތްގަނޑަކަށް 700 އެއްހާ ފަރާތްތަކުން ހުށަހަޅާފައިވާއިރު މި ލޯނުގެ ދެވަނަ ބުރު ކުރިއަށް އޮތް ދެތިން ހަފްތާއެއްހާ ދުވަސް ތެރޭ އިއުލާން ކުރެވޭނެ ކަމަށް މަހީލް ވިދާޅުވި އެވެ. އަދި މިފަހަރު، ކުރީ ބުރުގައި ލިބުނު ތަރުހީބުގެ ހަތަރު ގުނަ އިތުރު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގެޓްސެޓް ލޯނުގެ ފުރަތަމަ ބުރުގައި އަމިއްލަ ވިޔަފާރިތައް ފެށުމަށް ޒުވާނުންނަށް ޖުމްލަ 25 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ފުރަތަމަ ބުރުގެ ލޯނުތައް ލިބުނު ފަރާތްތަކަށް ލޯނު ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އެވެ.
މީގެ އިތުރުން މަހީލް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ދޫކުރާ 50 މިލިޔަން ރުފިޔާގެ ލޯނު ވެސް ދޫކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށެވެ.
"އެސްއެމްއީ 50 މިލިޔަން ލޯނަށް 450 އަށް ވުރެ ގިނަ ފަރާތަކުން އެޕްލައި ކޮށްގެން 61 ފަރާތެއް ވަނީ ހޮވިފައި. އޭގެ ތެރެއިން 30 ފަރާތަކަށް ފައިސާ ދޫކުރުމަށް ބޭންކަށް ވަނީ ފޮނުވާފައި،"މަހީލް ވިދާޅުވި އެވެ.
"މީގެ ކުރިން ސަރުކާރަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދުވަހަކުވެސް ނުދޭ ފަދަ އަހައްމިއްޔަތުކަމެއް މި ސަރުކާރުން ދެމުން މި ގެންދަނީ،"