އެންމެންނަށް ބައިވެރިވެވޭ އިންތިޚާބެއްގެ މާނައަކީ ނަޝީދެއް ނޫން: ޑރ. ޝައިނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފައިލް ފޮޓޯ

އެންމެންނަށް ބައިވެރިވެވޭ ގޮތަކަށް މިނިވަން ރިޔާސީ އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ގޮވާލި ގޮވާލުމުގައި އެ ބުނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ދޭށޭ ނޫން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން މިދިޔަ ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ރާއްޖެ އެ ގްރޫޕުގެ އެޖެންޑާގައި ހިމަނާފައި ވެ އެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ސީމެގުން ނެރުނު ބަޔާނުގައި ބުނީ 2018 ވަނަ އަހަރު މުސްތަގިއްލު، އަދި ހުރިހާ އެންމެންނަށް ބައިވެރިވެވޭ ފަދަ ރިޔާސީ އިންތިޚާބެއް ބޭއްވުމަށްޓަކައި ސަރުކާރާ ސިޔާސީ ފަރާތްތަކާ މެދު މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

ކޮމަންވެލްތުން އެހެން ބުނެފައިވާތީ، އިދިކޮޅު އެމްޑީޕީގެ ބައެއް ފަރާތްތަކުން ބުނަމުން ދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އިންތިޚާބުގައި ބައިވެރިވެވޭނެ ކަމަށެވެ.

ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު ބާއްވާ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ "ސަން" އަށް މިރޭ ވިދާޅުވީ، "ހުރިހާ އެންމެންނަށް ބައިވެރިވެވޭ އިންތިޚާބެކޭ" ކޮމަންވެލްތުން ބުނެފައި ވަނީ ރާއްޖޭގެ ގާނޫނުތަކާ ގަވައިދުތަކާ އުސޫލުތަކުގެ ދަށުން އިންތިޚާބު ބޭއްވުމަށް ކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނާ ގޮތުގައި، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައިވާ މީހަކަށް ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރެވޭނީ އެ ހުކުމެއް ތަންފީޒުކޮށް ނިމޭތާ، ނުވަތަ އަދަބަށް މައާފު ލިބޭތާ ތިން އަހަރު ދުވަސް ފަހުންނެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2015 ވަނަ އަހަރު، 13 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ އިރު އެ ހުކުމް ތަންފީޒުކޮށް ނިމޭނީ 2028 ވަނަ އަހަރު އެވެ.

ޑރ. ޝައިނީ ވިދާޅުވީ "އޯލް އިންކްލޫސިވް" އިންތިޚާބެކޭ ކޮމަންވެލްތުން ބުނަނީ ނަޝީދަށް ނިސްބަތްކޮށްގެން ނޫން ކަމަށެވެ.

"ކޮމަންވެލްތުން އެ ބުނަނީ މިހާރު ރާއްޖޭގައި އޮތް މަރުހަލާތަކުގެ ތެރެއިން، ގާނޫނާ ގަވައިދުތަކުގެ ދަށުން އެންމެންނަށް ބައިވެރިވެވޭ އިންތިޚާބެއްގެ ވާހަކަ، އެ ބުނަނީ ނަޝީދުގެ ނަމެއް ނޫން،"

މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރެވޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއް ހުންނަ ކަމަށާއި، ވާދަ ކުރެވޭނީ އެ ޝަރުތުތައް ފުރިހަމަ ވާ ނަމަ އެކަނި ކަމަށެވެ.

"އޯލް އިންކްލޫސިވްއޭ ބުނީމަ ކުޑަ ކުއްޖަކު ވެސް ބުނެފާނެ ތިމަންނައަށް ވެރިކަން ދޭށޭ. އެކަމަކު ކުޑަ ކުދިންނަށް ވެރިކަން ނުކުރެވޭނެކަން ގާނޫނު އަސާސީގައި ބުނެފައިވޭ. އެގޮތަށް އެކަންކަން ކުރަން ޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި އުސޫލުތަކުގެ ދަށުން،" މިނިސްޓަރ ވިދާޅުވި އެވެ.

comment ކޮމެންޓް