ތިކްރީތް (ސެޕްޓެމްބަރު 24): އިރާގުގެ ތިކްރީތު ސިޓީއަށް ވަންނަ ސަރަހައްދުގައި ހުރި ފުލުހުންގެ ޗެކްޕޮއިންޓަކަށް ބަޑި އާއި ބޮމުގެ ހަމަލާއެއްދީ 11 މީހަކު މަރާލައިފި އެވެ.
އިރާގުގެ ފުލުހުންނާއި އަސްކަރީ އޮފިޝަލުން ބުނި ގޮތުގައި ބަގުދާދުގެ 150 ކިލޯމީޓަރު އުތުރުގައި ހުންނަ އެޗެކްޕޮއިންޓަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަނީ ބަޑިން ހަމަލާދިނުމަށް ފަހު، ތިކްރީތަށް ވަދެ ބޮން ހަރުކޮށްފައިވާ ޓްރަކެއް ގޮއްވާލާފަ އެވެ.
އެޓްރަކް ގޮއްވާލި ވަގުތު ހަތިޔާރު އަޅައިގެން ތިބި ތިން މީހަކު އަމިއްލައަށް މަރުވި ކަމަށް ފުލުހުންގެ ތަރުޖަމާނު ކާނަލް މުހައްމަދު ޖަބޫރީ ވިދާޅުވި އެވެ. އަދި އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުން ހިމެނޭ ކަމަށާއި އިތުރު 34 މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް މަރުވި ފުލުހުންގެ އަދަދު އަދި ޔަގީންވެފައި ނުވެ އެވެ.
ޖަބޫރީ ވިދާޅުވި ގޮތުގައި އެހަމަލާ ދީފައި ވަނީ ތިކްރީތުގެ ޕޮލިސް ޗީފް އާއި ޕްރޮވިންޝަލް ސެކިއުރިޓީ ކޮމިޓީގެ ވެރިޔާ އެސަރަހައްދަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނިކޮށެވެ. އެހަމަލާގައި ދެބޭފުޅުންނަށްވެސް އަނިޔާ ނުވާ ކަމަށް ޖަބޫރީ ވިދާޅުވި އެވެ.
އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ.
މީގެ ކުރިން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބާރުގެ ދަށުގައި އޮތް ތިކުރީތުން އެޖަމާއަތް ފޮނުވާލާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހެވެ. (އަލްޖަޒީރާ)