އެމްއެންޔޫގެ ދަރިވަރުންގެ ގުޅުމުގެ ފުޓްސަލް މުބާރާތުގެ ގުރު ނަގައި، ޕާޓްނަރަކަށް ލިޓަސް

އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ކޮލެޖް/ ޔުނިވާސިޓީ އަދި ހައި ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫއެސްޔޫ

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ކޮލެޖް/ ޔުނިވާސިޓީ އަދި ހައި ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގުރުއަތުނަގައި، މުބާރާތުގެ މެއިން ސްޕޮންސަރަކަށް ލިޓަސް ހަމަޖައްސައިފި އެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ނަމުގައި ވޭތުވެދިޔަ ތިން އަހަރު ބާއްވާފައިވާ އެ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ލިޓަސް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ.

އެ ރަސްމިއްޔާތުގައި، ލިޓަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިޕާޓްމަންޓުގެ މެނޭޖަރު އާސިފް ރަޝީދެވެ. އަދި އެމްއެންޔޫއެސްޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަލީ ރަޝީދެވެ.

އެ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ލިޓަސް ހަމަޖެއްސުމުން އެ މުބާރާތުގެ ނަން މިއަހަރު ވަނީ "ލިޓަސް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ" ގެ ނަމަށް ބަދަލުކޮށްފައެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ މެއިން ސްޕޮންސާއަކަށް ލިޓަސް ހަމަޖެއްސުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫއެސްޔޫ

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލިޓަސްގެ ފަރާތުން އާސިފް ވިދާޅުވީ، މި މުބަރާތާއެކު އެމްއެންޔޫއެސްޔޫ އާއެކު ބަދަހި ގުޅުމެއް އުފެދިއްޖެ ކަމަށާއި މުބާރާތައްފަހު ދެ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެމްއެންޔޫއެސްޔޫގެ ފަރާތުން ވާހަކަދައްކަމުން އަލީ ރަޝީދު ވިދާޅުވީ، ލިޓަސް ފާހަގަކުރެވިގެންދަނީ ޒުވާނުންގެ މިތުރެއްގެ ގޮތުގައި ކަމަށާއި ޒުވާނުންނާ ނުހަނު ގާތް ފަރާތަކުން ރާއްޖޭގައި ކޮލެޖް/ ޔުނިވާސިޓީތަކަށް ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ހަމަޖެހިގެންދިއުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ 10 ފެކަލްޓީ އާއި ރާއްޖޭގެ ޔުނިވާސިޓީ/ ކޮލެޖް އަދި ހައި ސްކޫލްތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 10 ފަރާތެއް ވާދަކުރާ އެ މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވަނީ ރޭ، ފެކަލްޓީ އޮސް ސައިންސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މާދަމާއިން ފެށިގެން އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެ މުބާރާތުގައި ވާދަކުރާ ޓީމުތައް ފަސް ގުރޫޕަކަށް ބަހާލާފައިވާއިރު ކޮންމެ ގްރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ.

ކޮންމެ ހަފްތާ ބަންދެއްގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެ މުބާރާތް ކުރިއަށްދާނީ ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމު ސީދާ ކުއާޓާ އަށް ގޮސް، މުބާރާތުގެ ދެވަނަ އަށް އެންމެ މޮޅު ތިން ޓީމަށް ކުއާޓާގެ ފުރުސަތު ދޭ ގޮތަށެވެ.

ގްރޫޕް އޭ ގައި ހިމެނެނީ:

  • މިދިޔަ އަހަރުގެ ޗެމްޕިއަން، ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން
  • ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ސައިންސް
  • މޯލްޑިވްސް ބިޒްނަސް ސްކޫލް
  • އެވިޑް ކޮލެޖު

ގްރޫޕް ބީ ގައި ހިމެނެނީ:

  • މެޕްސް އިންޓަނޭޝަނަލް ހައި
  • ގައުމީ ޔުނިވާސިޓީގެ ފައުންޑޭޝަން ސްޓަޑީސް
  • ސައިރިކްސް ކޮލެޖް
  • ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސް

ގްރޫޕް ސީ ގައި ހިމެނެނީ:

  • ވިލާ ކޮލެޖް
  • މެޕްސް ކޮލެޖް
  • ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމް
  • ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް

ގްރޫޕް ޑީ ގައި ހިމެނެނީ:

  • އަހުމަދިއްޔާ އިންޓަނޭޝަނަލް ހައި ސްކޫލް
  • މައި ކޮލެޖް
  • ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީ
  • ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލް

ގްރޫޕް އީ ގައި ހިމެނެނީ:

  • ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ
  • ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ
  • ކުލިކް ކޮލެޖް
  • ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސް

ލިޓަސް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގޮތުގެ ޝެޑިއުލް ----

ދެހާސް ތޭރަވަނަ އަހަރު އުފެދުނު ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުން މިއަދާ ހަމައަށް ގިނަ ހަރަކާތްތަކެއް ޔުނިވާސިޓީގެ ފެކަލްޓީތަކުގެ އިތުރުން ރާއްޖޭގެ އެހެން ޔުނިވާސިޓީ ކޮލެޖްތަކުގެ އިތުރުން ހަޔާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.

އަދި މިއަހަރު އެ ޖަމިއްޔާއިން ކުރަން ރާވަފައިވާ ހަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ ގްރޫޕް ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް