މާލެ ވިޔަފާރި ބަނދަރުން މުދާ ނެރުމަށް މީހަކަށް ދޫކޮށްފައިވާ ހުއްދަ ގަވައިދާ ހިލާފަށް ބާތިލުކޮށްފައިވާތީ ބަދަލުގެ ގޮތުގައި 32000ރ. ދެއްކުމަށް ހުކުމްކޮށްފި

މާލޭ ވިޔަފާރި ބަނދަރުން މުދާ ނެރުމަށްޓަކައި ކުލީ ލޮރީ ދުއްވުމަށް މީހަކަށް ދޫކޮށްފައިވާ ހުއްދަ ގަވައިދާ ހިލާފަށް ބާތިލުކުރުމާ ގުޅިގެން އެމީހާ އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 32،000ރ. ދެއްކުމަށް ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ މައްޗަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ސިވިލް ކޯޓުން އިއްވި ހުކުމް ބާތިލުކޮށް، ހައިކޯޓުން ބުރާސްދަތު ދުވަހު އިއްވި ހުކުމްގައި ބުނަނީ، މާލޭ ބަނދަރުގައި ލޮރީ ކިއުގެ ކަންކަން ބަލަހައްޓަމުންދާ ވިޔަފާވެރިވެރިންގެ ޖަމިއްޔާއާއި މާލެ ހާއްސަ ދަފުތަރު ނަންބަރު 1704، މުހައްމަދު ޒުބެއިރާ ދެމެދު މެއި 22، 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކިޔޫގައި އޭނާގެ ލޮރީ ބައިވެރިކުރުމަށް ދިން ހުއްދަ ބާތިލުކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށެވެ.

އެ ހުއްދަ ބާތިލުކުރީ ގަވައިދާ އެއްގޮތަށް ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެފައިވާ ނަމަވެސް، އެކަން ސާބިތުކުރުމަށް ކާފީ ހެކި ދެއްކިފައިނުވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.

އަދި "މާލެ ކޮމާޝަލް ހާބާ ސަރަހައްދުން މުދާ ނެރޭ ކުލީ ލޮރީ ދަތުރުތަކުގެ ގަވައިދު" ގެ ދަށުން ހުއްދަ ދޫކުރެވެނީ އެއް އަހަރު މުއްދަތަކަށް ނަމަވެސް، ޒުބެއިރަށް ދީފައިވާ ހުއްދަ ބާތިލުކުރީ މުއްދަތު ހަމަވުމުގެ ]40 ދުވަސް ކުރިން[ އޭޕްރިލް 12، 2009 ދުވަހު ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެހެންކަމުން، އެ މުއްދަތުގައި "މަންފާ ހާސިލްކުރުމުގެ ފުރުސަތު ޒުބެއިރަށް ގެއްލިފައިވާތީ ހުއްދައިގެ މުއްދަތު ނިމުމަކަށް އަންނަ ތާރީހާއި މުހައްމަދު ޒުބެއިރުގެ ލޮރީ، ކިޔޫ ޕޫލުން ވަކިކުރެވުނު ތާރީޙާ ދެމެދު ހިނގާފައިވާ 40 ދުވަހުގެ މުއްދަތަށް ދުވާލަކަށް 800ރ. ގެ މަގުން ޖުމްލަ 32،000ރ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ޒުބެއިރަށް ލިބިދޭން ޖެހޭ ކަމަށް" ހައިކޯޓުން ކަނޑައަޅައިފައިވެ އެވެ.

މި ފައިސާ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭ މުހައްމަދު ޒުބެއިރަށް ދެއްކުމަށް ވެސް ކޯޓުން ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް އަންގައިފަ އެވެ.

ނަމަވެސް ވިޔަފާރި ބަނދަރުން މުދާ ބޭރުކުރުމަށް ޒުބެއިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ލޮރީ އަށް ކުރިން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު މެއި 22، 2009 ގައި ހަމަވެފައި ވާތީ އެ ހުއްދަ އަލުން ދިނުމަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް މިހާރު އަންގާނެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް އެ ހުކުމްގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު