ކަރަންޓް އަގު ބޮޑު ކުރަން ބޭނުން ނުވާތީ ކިނބިދޫ ރައްޔިތުން އަނދިރީގައި

ކަރަންޓްގެ އަގު ބޮޑު ކުރަން ބޭނުން ނުވާތީ ކަރަންޓާ ނުލައި ތ. ކިނބިދޫގެ ރައްޔިތުން ދިރިއުޅޭތާ ހަތަރު ދުވަސް ވެއްޖެ އެވެ. އެ ރަށުން ވާހަކަ ދެއްކި މީހުން ބުނީ ކަރަންޓް ނެތަސް ރަށުގެ ރައްޔިތުން ތިބީ ޝަކުވާއެއް ނެތި ހިމޭންކަން މަތީގައި ކަމަށާއި ކަރަންޓް ކަނޑައިލީ ރައްޔިތުން ބޭނުން ވެގެން ކަމަށެވެ.

ކިނބިދޫ ރަށުކައުންސިލްގެ ރައީސް މުހައްމަދު ނަސީމު ވިދާޅުވީ ރަށުން ކަރަންޓް ކަނޑާލަން ޖެހުނީ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ގެއްލުމުގައި އިންޖީނުގެ ހިންގަން ޖެހި ރައްޔިތުންގެ މާލިއްޔަތު ހުސްވެދާނެ ކަމުގެ ބިރު ހީވެގެން ކަމަށެވެ.

"އިންޖީނުގެ ހިންގަމުން މިއައީ 40000.ރ އާއި 60000.ރ އާ ދެމެދުގެ އަދަދެއްގެ ގެއްލުމުގައި، އެހެންވެ ރައްޔިތުންގެ މާލިއްޔަތުގައި ހުރި އެއްޗެއް ދަނީ ހުސްވަމުން. އެހެންވެ ކަރަންޓްގެ އަގަށް ބަދަލު ގެނައުމަށް ވާހަކަ ދެއްކުމުން ރައްޔިތުންގެ ގިނަ ބަޔަކު ނިންމީ ކަރަންޓް އަގު ބޮޑު ކުރުމަށް ވުރެ ކަރަންޓް ކަނޑާލުން ވެސް ރަނގަޅު ކަމަށް،" ކަރަންޓް ކަނޑާލަން ނިންމެވި ގޮތް ކިޔައި ދެއްވަމުން ކިނބިދޫ ރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނަސީމު ވިދާޅުވީ އަގު ބޮޑުކޮށްގެން ކަރަންޓްގެ ހިދުމަޔް ދިނުމަށް ނުވަތަ ކަރަންޓް ކަނޑާލުމަށް ރަށުގެ ރައްޔިތުންގެމެދުގައި ވޯޓެއް ނެގި ކަމަށާއި އެ ވޯޓްގައި ރައްޔިތުން ނިންމީ ކަރަންޓުގެ އަގު ބޮޑު ކުރުމުގެ ބަދަލުގައި ރަށުން ކަރަންޓް ކަނޑާލުމަށް ކަމަށެވެ.
ކިނބިދޫން ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓް ކަނޑާލުމުގެ ކުރިން ރައްޔިތުންނަށް ފެންނަ ގޮތް ބަލަން ރަށު ކައުންސިލުން ވޯޓަކަށް އެހި ކަމަށާއި އެވޯޓްގެ ނަތީޖާ ނުކުތީ ކަރަންޓް ކަނޑާލުމާ އެއްކޮޅަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަތް ނަގައިގެން ވޯޓް ދިނީ، ގިނަ މީހުން ބޭނުންވީ ކަރަންޓް ކަނޑާލުމަށް،" އެމީހާ ބުންޏެވެ.
ކިނބިދޫގައި ގާތްގަނޑަކަށް 1300 އެއްހާ މީހުންގެ އާބާދީއެއް އޮވެ އެވެ.

ރަށު ކައުންސިލުން ބުނާ ގޮތުގައި ގެއްލުން ނުވެ ކިނބިދޫގައި އިންޖީނުގެ ހިންގޭނީ ޔުނިޓަކަށް ފަސް ރުފިޔާ ނުވަތަ ހަ ރުފިޔާގެ ރޭޓުން އަގު ނަގައިގެނެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ކަރަންޓް ކަނޑާލުމުން ރަށުގެ އާއްމު ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށެވެ. އެގޮތުން ސިއްހީ މަރުކަޒާރި ސްކޫލުގެ ހިދުމަތް މިވަގުތު އޮތީ ވަރަށް ދެރަ ހާލަތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހޫނު ގަދަވުމާއި މަދިރި ހެފުން ފަދަ ކަންކަމުގެ ސަބުން ކުދިންގެ ސިއްހީ ހާލަތު ވެސް މިވަގުތު ރަނގަޅު ނޫން ކަމަށެވެ.

ނަސީމް ވިދާޅުވި ގޮތުގައި ކިނބިދޫ ރައްޔިތުންގެ އިންޖީނުގެ ސައުތު ސެންޓްރަލް ޔޫޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް ރަށު ކައުންސިލުން ގަރާރެއް ފާސްކޮށް، އެ ކުންފުންޏަށާއި މެދު ދެކުނު ސަރަހައްދުގެ ގައުމީ އިދާރާއަށް ވެސް ވަނީ އަންގަވާފަ އެވެ. ނަމަވެސް ޔޫޓިލިޓީސް ކުންފުނިން އަދި ރަސްމީ އެއްވެސް ޖަވާބެއް ނުދޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިރަށު އިންޖީނުގެ 2009 ވަނަ އަހަރު ޔޫޓިލިޓީސް ކުންފުންޏާ ހަވާލުކުރި، ނަމަވެސް ގާތްގަނޑަކަށް ހުރިހާ ރައްޔިތުން ނުކުމެ، 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޖީނުގެ އަލުން އަތުލީ، އެކަން ހިނގި ދުވަހަކީ އިންޖީނުގޭގައި ހުރި މައްސަލަ ޖެހިފައިވާ ޖަނަރޭޓަރު ތަކުގެ ބަދަލުގައި ޔުޓިލިޓީސް ކުންފުނިން ގެނައި ދެ ޖަނަރޭޓަރު ހިފައިގެން އައި ބޯޓް ކިނބިދޫގައި ބަނދަރު ކުރި ދުވަސް، ނަމަވެސް ރައްޔިތުން އެދުވަހު އެއިން އެއް ވެސް ކަމަކަށް ރިއާޔަތެއް ނުކުރޭ،" ނަސީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެއްލުމުގައި ހިންގަން ޖެހުމުގެ އިތުރުން ކިނބިދުއަށް ކަރަންޓް ދިނުމަށް މިހާރު ބޭނުންކުރަމުންދާ ޖަނަރޭޓަރުތަކާއި ކަރަންޓް ކޭބަލް ނެޓްވޯކަކީ ވެސް އެކަމަށް އެއްގޮތަކަށް ވެސް އެކަށީގެންވާ ތަކެތި ނޫން ކަމަށެވެ. އަދި އެކަމަށް ހަރަދުކުރާނެ ފައިސާ ރައްތުންގެ މާލިއްޔާގައި ނެތްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ޔުޓިލިޓީސް ކުންފުނިން ބުނީ އަލުން ކިނބިދޫ އިންޖީނުގެއާ ހަވާލުވުމަށް ބޯޑުން މަޝްވަރާކޮށް ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެކަންކަން ނިމުމުން ކިނބިދޫ އިންޖީނުގެއާ ކުންފުނިން ހަވާލުވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު