ބައިނަލްއަގްވާމީ ފެސްޓިވަލަކަށް "ހަބޭސް" މިސްރަށް- ކިޔާނީ ހުސް މަދަހަ

މިސްރުގައި ބައްވާ ބައިނަލްއަގްވާމީ ފެސްޓިވަލެއްގައި ހުށަހަޅައިދިނުމަށް މިސްރަށް ދިޔަ ހަބޭސް ބޮޑުބެރު ގްރޫޕުގެ މެމްބަރުން --- ފޮޓޯ/ ހަބޭސް

މިސްރުގައި ބައްވާ ބައިނަލްއަގްވާމީ ފެސްޓިވަލެއްގައި ހުށަހަޅައިދިނުމަށް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް، "ހަބޭސް" މިސްރަށް ފުރައިފި އެވެ. މިއީ ބައިނަލްއަގްވާމީ ފެސްޓިވަލެއްގައި ހަބޭސް ބޮޑުބެރު ގްރޫޕް ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ފަހަރެވެ.

މިމަހުގެ 20 އިން 27 ވަނަ ދުވަހުގެ ނިޔަލަށް މިސްރުގެ ވެރިރަށް، ގާހިރާގައި ބާއްވާ ނުވަ ވަނަ "އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން"ގައި ބައިވެރިވުމަށް ހަބޭސް ބޮޑުބެރު ގްރޫޕުގެ 12 މެމްބަރުން ހިމެނޭ ގްރޫޕް ރާއްޖޭން ފުރާފައި ވަނީ އިއްޔެ އެވެ.

ދުނިޔޭގެ 16 ގައުމަކުން 21 މިއުޒިކް ގުރޫޕެއް ބައިވެރިވާ އެ ފެސްޓިވަލުގައި ރާއްޖޭން ވާދަކުރާ ގުރޫޕަކަށް ހަބޭސް ބޮޑުބެރު ގްރޫޕް ހޮވުނީ، ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ)އިން ހުޅުވާލުމުން އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބިގެނެވެ.

މިސްރުގައި ހުރެ "ސަން" އަށް ހަބޭސްގެ މެނޭޖަރު އަލީ ޝިފާއު (އައްޔަ) ބުނީ، ފެސްޓިވަލްގައި ހަބޭސް ބޮޑުބެރު ގުރޫޕްގެ ފަރާތުން ހުށަހަޅައިދޭނީ ގްރޫޕް މަދަހަ ކަމަށެވެ. އަދި ފެސްޓިވަލުގައި ބައިވެރިވާން ފުރުސަތު ލިބުމުން އެއް މަސް ކުރިން ފެސްޓިވަލަށް ތައްޔާރުވާން ފެށި ކަމަށެވެ.

"މި ފެސްޓިވަލުގައި ބެރު ޖަހާފަ ލަވަކިއުން މަނާ. އެހެން ވެގެން ފެސްޓިވަލަށް ހާއްސަކޮށް ވޯކަލް ޓްރެއިނިން ވެސް ހަދައިގެން އައީ. ފުރުސަތެއް ލިބުނީމަ އަންނަ އުސޫލުންނެއް ނޫން މިއައީކީ،" އައްޔަ ބުންޏެވެ.

އައްޔަ ބުނީ، ފެސްޓިވަލުގައި ހަބޭސްގެ ހުށަހެޅުންތައް ވަރަށް ތަފާތު ވާނެ ކަމަށާއި ވަނައެއް ހޯދަންޖެހިއްޖެނަމަ އެކަން ހާސިލްކުރަން ވެސް ތައްޔާރަށް ތިބި ކަމަށެވެ. އަދި ފެސްޓިވަލުގައި ހަބޭސް ބޮޑުބެރު ގްރޫޕުގެ ހުށަހެޅުންތައް ލައިވް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އީދު ބަންދުގައި ރާއްޖޭގެ ފަސް ރަށެއްގައި ވަރުގަދަ ޝޯތަކެއް ދިނުމަށްފަހު މިސްރަށްފުރި ހަބޭސް ބޮޑުބެރު ގްރޫޕުން ބުނީ، ދިވެހިން ފަހުރުވެރިވާ ފަދަ ހުށަހެޅުމެއް އެ ގްރޫޕުން ހުށަހަޅައިދޭނޭ ކަމަށެވެ.

ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕެއް ކަމަށްވާ، "ހަރުބީ" ވެސް ވަނީ، މިދިޔަ ހަފްތާގައި މިސްރުގައި އޮތް ފެސްޓިވަލެއްގައި ބައިވެރިވެ، ޕާފޯމް ކޮށްފައެވެ. އެގޮތުން، މިސްރުގެ އިސްމައިލިއާގައި ބޭއްވި "އިސްމައިލިއާ އިންޓަނޭޝަނަލް ފޯކްލޯރ ފެސްޓިވަލް"ގައި ބައިވެރިވެ ހަރުބީ ގްރޫޕުން ވަނީ މިސްރު ރައްޔިތުންގެ މެދުގައި މަގުބޫލުކަން ހޯދައިފައެވެ.

comment ކޮމެންޓް