''އަ ޓްރިބިއުޓް ޓު ނާޝިދު'' ޝޯއަށް އިތުރު ދެ ޕާޓްނަރުންނާ އެކު ހާއްސަ ޓެގްލައިނެއް

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު ނާޝިދު (ފްލޫ ނާޝިދު)ގެ އަގުވަޒަންކޮށް ބާއްވާ ޝޯގެ ފޮޓޯގުރަފީ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވި ޕޯޓްރޭޓް އަލްބަމް ސްޓޫޑިއޯ އާއި މިސްކާއެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މިސްކު

"ޒީރޯ ޑިގްރީ އެޓޯލް"އިން މަގުބޫލުކަން ހޯދާފައިވާ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު ނާޝިދު (ފްލޫ ނާޝިދު) އަށް ދިވެހި ފަންނާނުންގެ ފަރާތުން ދޭ ހާއްސަ ޓްރިބިއުޓް ޝޯގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި އިތުރު ދެ ފަރާތަކުން ބައިވެރިވެއްޖެ އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން މިއުޒިކަށް ހާއްސަކޮށްގެން ރާއްޖޭގައި ނެރެމުން އަންނަ ހަމައެކަނި މެގަޒިން، މިސްކު އިން އިސްނަގައިގެން ބާއްވާ އެ ޝޯގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައިވަނީ، ސީހައުސް އާއި ޕޯޓްރެއިޓް އަލްބަމް ސްޓޫޑިއޯ އިން އެވެ.

މި ދެ ފަރާތާއެކު ރާއްޖޭގައި ފަރުދީ ފަންނާނަކަށްދޭ އެންމެ ބޮޑު ޓްރިބިއުޓް ޝޯގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި މިހާތަނަށް 10 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި މިހާތަނަށް ފަސް ފަރާތަކުން ޝޯގެ އެސޯސިއޭޓް ޕާޓްނާސް ގޮތުގައި ހަމަޖައްސައި ސޮއިކޮށްފައިވެ އެވެ.

ސީހައުސްގައި މިއަދު މެންދުރު ބޭއްވި ހަފްލާއެއްގައި ޝޯގެ ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަށް މިސްކާއެކު ސީހައުސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ އިސްމާއިލް ފަސީހް އެވެ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު ނާޝިދު (ފްލޫ ނާޝިދު)ގެ އަގުވަޒަންކޮށް ބާއްވާ ޝޯގެ ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވި ރާއްޖޭގެ މަޝްހޫރު ކެފޭ، ސީހައުސްއާއި މިސްކާއެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މިސްކު

ޕޯޓްރައިޓް އަލްބަމް ސްޓޫޑިއޯގައި މިރޭ ބޭއްވި ހަފްލާއެއްގައި ޝޯގެ ފޮޓޯގުރަފީ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވި ޕޯޓްރެއިޓް އަލްބަމްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޗީފް އޮޕަރޭޝަންސް އޮފިސަރު އިސްމާއިލް އިޝަލް އެވެ.

ޝޯގެ ދެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި އަލަށް ބައިވެރިވި ދެ ފަރާތާއެކު މިސްކުގެ ފަރާތުން ސޮއިކުރެއްވީ އެ މެގަޒިންގެ ފައުންޑާ އަދި އެޑިޓަރު ރިއާޔަތު އަބްދުލް މަޖީދެވެ.

މިމަހުގެ 21 ވަނަ ދުވަހު ދަރުބާރުގޭގައި "އަ ޓްރިބިއުޓް ޓު ނާޝިދު"ގެ ނަމުގައި ބާއްވަން ނިންމާފައިވާ އެ ޝޯގައި ރާއްޖޭގެ 21 ފަންނާނުން ބައިވެރިވާނެ ކަމަށް މިސްކުން މައުލޫމާތުދެ އެވެ.

ދިވެހި މިއުޒިކަށް އިންގިލާބެއް ގެނުވި ލެޖެންޑެއްގެ ގޮތުގައި ގިނަ ބަޔަކު އަދިވެސް ގަބޫލުކުރާ ނާޝިދު، ދިވެހި މިއުޒިކަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކޮށް ބާއްވާ ޝޯގައި ގިނަ ސަޕްރައިޒްތަކެއް އެކުލެވިގެންވާއިރު، ޝޯއާ ގުޅުވައިގެން މިސްކުން ވަނީ ހާއްސަ ހޭޝް ޓެގްލައިނެއް ވެސް ހަދާފައެވެ.

"ނެވަރ ފޮގެޓް އަ ލެޖެންޑް" (NeverForgetALegend#) ނުވަތަ ދުވަހަކުވެސް ލެޖެންޑެއް ހަނދާން ނައްތާނުލާތީގެ ނަމުގައި ހަދާފައިވާ އެ ޓެގްލައިން ބޭނުންކޮށްގެން ނާޝިދަށް ދޭން ބޭނުންވާ މެސެޖެއް ނުވަތަ ޝުއޫރެއް ސޯޝަލް މީޑިއާގައި ހިއްސާކުުރުމަށް މިސްކުން އެދެއެވެ.

comment ކޮމެންޓް