މައުމޫނަށް މައާފު ކޮށްފިން: ނަޝީދު

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ޤައްޔޫމް (މ) އަދި މުހަައްމަދު ނަޝީދު (ވ) އާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީން، ގައުމީ ފުޓްބޯޅަ ދަނޑުގައި 2014 ވަނަ އަަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅުނު ފުޓްބޯޅަ މެޗެއް ބައްލަައިލައްވަނީ -- ސަން ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މައާފު ކޮށްފިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ހުންނެވި ނަޝީދު އިއްޔެ ވަނީ، ސްރީލަންކާގެ ކޮލޮމްބޯގައި ތިބި ނޫސްވެރިންނާ ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ބައްދަލު ކުރައްވައިފަ އެވެ.

ރައީސް މައުމޫނަށް މީގެ ކުރިން ނުހަނު ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި، އަދި އެމަނިކުފާނު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބަލިކުރެއްވި ނަޝީދަކީ، މައުމޫންގެ ސަރުކާރަށް ފާޑު ވިދާޅުވެ ލިޔުއްވުންތައް ނޫސްތަކުގައި ލިޔުއްވި މައްސަލަތަކެއްގައި ޖަލަށްވެސް ލާފައިވާ ބޭފުޅެކެވެ.

ނަޝީދު އިއްޔެ ވިދާޅުވީ މައުމޫނާ އެކު އޮތް ނުތަނަވަސްކަން ނައްތައިލައްވަން ބޭނުންފުޅުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މާޒީގައި ހިފަހައްޓައިގެން ހުރެ މުސްތަގުބަލެއް ބިނާ ނުކުރެވޭނެ ކަމަށެވެ.

"ކިހިނެއްތޯ މުސްތަގުބަލެއް ބިނާ ކުރާނީ، އަބަދު މާޒީގައި ހިފަހައްޓައިގެން ހުރެގެން،"

"ރައީސް ޔާމީންގެ ސަރުކާރު ނިމެން އޮތީ މަދު ދުވަސްކޮޅެއް. ރައީސް ޔާމީނަށް އޮތް ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައުގެ ތާއީދު ވަނީ ގެއްލިފައި. ރާއްޖޭގައި އަލުން ޑިމޮކްރަސީ އިޔާދަ ކުރެވޭނެ،" ރައީސް ނަޝީދު ކޮލޮމްބޯގެ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރައީސް މައުމޫނަށް މައާފު ކުރައްވައިފި ކަމަށާއި، ސަރުކާރު ހިންގާ ޕީޕީއެމްގެ، ރައީސް މައުމޫންގެ ފެކްޝަނާ އެކު ސިޔާސީ ގޮތުން އިއްތިހާދުވުމަށް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ.

ތަފްސީލު ހާމަ ނުކުރެއްވި ނަމަވެސް، ރައީސް ނަޝީދު ވިދާޅުވީ މިދިޔަ މަހު އެމަނިކުފާނު ކޮލޮމްބޯއަށް ވަޑައިގަތީ ރައީސް ޔާމީންގެ ސަރުކާރު ގާނޫނީ ހަމަތަކުގެ ތެރެއިން ވައްޓާލުމަށް ސްޓްރެޓަޖީތަކެއް ރޭވުމަށް މުހިންމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

ސިންގަޕޫރުގެ ސްޓްރެއިޓް ޓައިމްސް ނޫހާ ހަވާލައިދީ، ކޮލޮމްބޯގައި ހުންނެވި ބޭރު ގައުމެއްގެ ޑިޕްލޮމެޓަކު ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ތިބީ، މައުމޫންގެ ފެކްޝަނުން ރައީސް ޔާމީނަށް ކުރާ ތާއީދު އަނބުރާ ގެންދާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށެވެ.

މައުމޫނާއި ރައީސް ޔާމީނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދުނީ، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރުން ފާސްކުރަމުންދާ ބައެއް ގާނޫނުތަކާ މެދު މައުމޫން ހިތްހަމަޖެހިވަޑައި ނުގަންނަވާތީއެވެ. ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ބައެއް ބިލުތަކަށް ތާއީދުކޮށް ވޯޓު ދިނުމަށް ރައީސް ޔާމީން އަންގަވާފައިވާ އިރު، އެ ބިލުތައް ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފު ކަމަށް ވިދާޅުވެ، ވޯޓު ނުދެއްވުމަށް ވެސް މައުމޫން އަންގަވާފައިވެއެވެ. އޭގެ ތެރޭގައި ބިޑު ކުރުމެއް ނެތި ރަށްރަށާއި ފަޅުތައް ވިއްކޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއި، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ހިމެނެއެވެ.

ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމުގެ ތެރެއިން، މައުމޫންގެ ދަރިކަނބަލުން އަދި ރައީސް ޔާމީން ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހުންނެވި ދުންޔާ މައުމޫން ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

މިދިޔަ ހަފްތާގައި އަލްޖަޒީރާއިން ނެރުނު، ރާއްޖެއާ ބެހޭ އިންވެސްޓިގޭޓިވް ރިޕޯޓުތަކުގެ ތެރޭގައި، ރައީސް ނަޝީދުއާ އެކު މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަތުމުން އޭގެ ބަދަލުގައި 100،000 ޑޮލަރު ދެއްވުމަށް މައުމޫން އެދިވަޑައިގަތް ކަމަށް ބުނެފައިވެއެވެ. އަދި އޭގެ ތެރެއިން 50،000 ޑޮލަރު ރައީސް ނަޝީދު މައުމޫނަށް ދެއްވި ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

އެހެން ނަމަވެސް އެ ތުހުމަތު، ނަޝީދާއި މައުމޫން ވެސް ވަނީ ދޮގު ކުރައްވައިފަ އެވެ.

comment ކޮމެންޓް