ހައްޖަކީ މުސްލިމުންގެ ބާރު ދައްކުވައިދޭ އަޅުކަމެއް: އީދު ހުތުބާ

12 ސެޕްޓެމްބަރ 2016: މާލޭ، އެކުވެނި ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އަންހެނުން އަޟްހާ އީދުގެ ނަމާދު ކުރަނީ: ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދުގައި ބައިވެރިވުމަށް އެތައް ސަތޭކަ ބަޔަކު އެކުވެނި ސްޓޭޑިއަމަށް ޖަމާވި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހައްޖުގެ އަޅުކަމަކީ ދުނިޔޭގައި މުސްލިމުން ދައްކުވައިދޭ މަހާސިންތާއެއް ކަމަށާއި އެހެންކަމުން ހައްޖުގެ މަތިވެރި އަޅުކަމަކީ މުސްލިމުންގެ ބާރު ދައްކުވައިދޭ އަޅުކަމެއް ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ އީދު ހުތުބާގައި ބުނެފައި ވަނީ އިސްލާމްދީން އައީ އަޅުކަންތަކުގެ ތެރެއިން ލާފައި އެ އުންމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދިނުމަށް ކަމަށެވެ. ކޮންމެ ދުވަހެއްގައި ވެސް ފަސް ވަގުތެއްގައި މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރު ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ. ކޮންމެ ހުކުރު ދުވަހު ގާއިމުކުރެވޭ ހުކުރު ނަމާދުން ކޮންމެ ދުވަހެއްގެ ފަސްވަގުތު މިސްކިތްތަކުން ފެންނަ ޖަމާއަތަށް ވުރެ ބޮޑު ޖަމާއަތެއް ފެނިގެންދާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

"އީދު ނަމާދުން ރަށުގެ ގިނަބައެއްގެ ބޮޑު ބައްދަލުވުމެއް ފެނިގެންދެ އެވެ. ދެން ފެންނަނީ ހައްޖެވެ. އެއީ ދުނިޔޭގެ މުސްލިމުން ތަމްސީލުކޮށްދޭ މަހާސިންތާއެކެވެ. އެހެންކަމުން ހައްޖަކީ މުސްލިމުންގެ ބާރު ދައްކުވައިދޭ އަޅުކަމެކެވެ. އިސްލާމީ އުންމަތުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ހާމަކޮށްދޭ އަޅުކަމެކެވެ." އީދު ހުތުބާގައި ބުނެފައިވެ އެވެ.

12 ސެޕްޓެމްބަރ 2016: މާލޭ، އެކުވެނި ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދުގައި ބަޔަކު ސަޖިދައަށް ދިޔަ ވަގުތު، ކުޑަ ދެ ކުއްޖަކު ކޮޅަށް: މިއަދުގެ އީދު ހުތުބާގައި ބުނެފައި ވަނީ ހައްޖަކީ މުސްލިމުންގެ ބާރު ދައްކުވައިދޭ އަޅުކަމެއް ކަމަށާއި އިސްލާމީ އުންމަތުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ހައްޖުން ދައްކުވައިދޭ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އީދު ހުތުބާގައި ބުނެފައި ވަނީ ހައްޖުގެ މަތިވެރި އަޅުކަމުން ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހިމްގެފާނުގެ ވާހަކަތައް ކަމަށެވެ. އަދި އިބްރާހިމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނު ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި ޒިކުރާވެސް ހައްޖުގެ މަތިވެރި އަޅުކަމުން ހަނދާންކޮށްދޭ ކަމަށް ވެސް އީދު ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނެފައި ވަނީ އިސްމާއީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާއަކީ އަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށެވެ. އިސްމާއިލްގެފާނު ދެއްކެވި ނަމޫނާއަކީ މައިންބަފައިންނަށް ކިޔަމަން ގަންނަން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

މިއަދުގެ މުޖުތަމުގައި މައިންބަފައިންގެ ބަސް ދަރިން އަޑު ނާހާ ވާހަކަ އިވެމުންދާ ކަމަށާއި އެއީ މައިންބަފައިންގެ ކުށެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

"އަޅުގަނޑުމެން {މައިންބަފައިން} އެކުދިންނަށް {ދަރިން} އަދާކުރަންޖެހޭ ހައްގުތައް އަދާ ނުކޮށްދީ އަޅުގަނޑުމެންގެ ހައްގުތައް އަދާ ކޮށްދޭނެތޯއެވެ." އަޟްހާ އީދުގެ ހުތުބާގައި ބުނެފައިވެ އެވެ.

އިސްލާމީ އުއްމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ﷲ އަށްޓަކައި ހޭދަކުރުމާއި ދުރުހެލިވުން ކަމަށާއި ވެރިންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުން ކަމަށް ވެސް މިއަދުގެ އީދު ހުތުބާގައި ވަނީ ބުނެފައިވެ އެވެ.

"ހައްޖާއި އީދު ﷲ ޝަރުއުކުރެއްވީ މި އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކަ އެވެ. އެއްބަޔަކު އަނެއް ބަޔަކާއި އެކުވެރިކަން މަތީ ދިރިއުޅުމަށްޓަކަ އެވެ. އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ އުއްމަތް އާރާސްތު ކުރުމުގައި ތެދުވުމަށްޓަކަ އެވެ. އެއް ހަށިގަނޑެއްގެ ގޮތުގަ އެވެ. އެކެއްގެ ކެކުޅުން އަނެކަކު ބަރުދާސްތުކޮށްގެނެވެ. މީގެއިތުރުން އީދާއި ހައްޖަކީ ސުލްހަމަސަލަސް ކަމެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނެފައި ވަނީ ހައްޖުގެ މަތިވެރި އަޅުކަމުގެ ތެރެއިން ކޮންމެ ހައްޖުވެރިއަކަށް ވެސް އަނެކާގެ ހަޔާތަށް ހުރުމަތްތެރިކޮށް ހިތުމަށް ދަސްވާ ކަމަށެވެ. އަދި އެކަކު އަނެކަކަށް އަދާވާތްތެރި ނުވެވި، އެކަކު އަނެކެއްގެ މިނިވަންކަމަށް އަރައި ނުގަތުމަށް ދަސްވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

comment ކޮމެންޓް