އެންޑީއޭއިން ފަރުވާ ހޯދާ ފަރާތްތަކުގެ ތެރެއިން ދެ މީހަކަށް އެމްޓީސީސީން އިންޓާންޝިޕް ދެނީ

އެމްޓީސީސީއާ އެންޑީއޭ އާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މަސްތުވާތަކެތީގެ މައްސަލަތަކުގައި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުން ރަނގަޅުވުމަށް ދެވޭ ފުރުސަތުގައި ބައިވެރިވެ ވަކި ހިސާބަކަށް ވާސިލްވެވޭ ފަރާތްތަކަށް އިންޓާންސިޕް ފުރުސަތު ދިނުމުގެ އެއްބަސްވުމުގައި ނޭޝަނަލް ޑްރަގް އޭޖެންސީ އާ އެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)ން ސޮއިކޮށްފި އެވެ.

އެމްޓީސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔަތެވެ. އަދި ޑްރަގް އޭޖެންސީގެ ފަރާތުން ސޮއިކުރެއްވީ ހަސަން ޝަހީލެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުން މުޖުތަމައުއަށް އަނބުރާ ގެނައުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެމްޓީސީސީއިން ދެކަމެއް ކުރުމަށް ކަނޑައަޅާފައިވެ އެވެ.

އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި އެންޑީއޭގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުން ރަނގަޅުވުމަށް ދެވޭ ފުރުސަތުގައި ބައިވެރިވެ އެ ފުރުސަތުގެ ތެރެއިން ހިންގޭ ހާފްވޭ ހައުސް ނުވަތަ ކޮމިއުނިޓީ ސާވިސް ސެންޓަރާ ހަމައަށް ވާސިލް ވެވޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް ދެ ފަރާތަކަށް އެމްޓީސީސީން އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން ފުރުސަތު ހޯދައިދޭނެ އެވެ. އަދި އެންޑީއޭގެ ދަށުން ކ. ހިންމަފުށީގައި ހިންގާ ރީހެބިލިޓޭޝަން ސެންޓަރުގައި ތިބޭ މީހުންނަށް ހިންގޭ ޕްރޮގްރާމްތަކުގައި އެހީތެރިވުމަށް އޮންދަ ޖޮބް ޓްރެއިނީ އަކަށް ކޮންމެ މަހަކުވެސް އެލެވެންސްއެއް އެމްޓީސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ހަމަޖައްސައިދިނުމަށް ނިންމާފައިވެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒިޔަތު ވިދާޅުވީ، އެމްޓީސީސީގެ އަމާޒަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އެންޑީއޭގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކުގެ ތެރެއިން ފަރުވާ ހޯދާ ފަރާތްތައް މުޖުތަމައުއަށް ނުކުމެ ގައުމަށް ފައިދާ ކުރާ ބައެއްގެ ގޮތުގައި ފެނިގެން ދިއުން ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މިދިޔަ އަހަރުވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މީގެ ފުރުސަތެއް ހުޅުވާލުމުން އެމްޓީސީސީން ނުކުޅެދުންތެރިކަން ހުންނަ 10 ކުއްޖަކު ވަޒީފާގެ މާހައުލަށް ގެނެސްފައިވާ ކަމަށާއި، އެތަނުން ހަތް ކުއްޖެއްގެ ވަޒީފާ މިއަހަރު ދާއިމީ ކުރާނެ ކަމަށެވެ. އަދި އެފަދަ ކުދިންނަކީވެސް މަސައްކަތަށް ވަރަށް ގާބިލް ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.

އެންޑީއޭއިން ބުނީ މިހާތަނަށް 700 އަށްވުރެ ގިނަ ކުދިންނަށް ސެންޓަރުތަކުންފަރުވާ ހޯދުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަކުދިންނަކީ ފަރުވާ ފުރިހަމަ ކޮށްފައިވާ ކުދިން ކަމަށްވެސް މައުލޫމާތު ދެ އެވެ. އަދި ވެއިޓިން ލިސްޓުގައި މިހާރުވެސް 480 ވަރަކަށް ކުދިން ތިބި ކަމަށްވެސް އެ އޭޖެންސީން މައުލޫމާތު ދެ އެވެ.

comment ކޮމެންޓް