ޑީއާރްޕީގެ ލެޓާ ހެޑް ބޭނުންކުރައްވާ މައްސަލައާ ގުޅިގެން އުމަރު ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލުކޮށްފި

ޑީއާރްޕީން ވަކިކޮށްފައިވާ އެޕާޓީގެ ނައިބު ލީޑަރު އުމަރު ނަސީރު އެޕާޓީގެ ލެޓާ ހެޑާއި އަދި ލޯގޯ ބޭނުންކުރައްވާ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން މިރޭ އުމަރު ފުލުހުން އޮފީހަށް ހާޒިރުކޮށް، ބަޔާން ނަގައިފި އެވެ.

ފުލުސް އޮފީހަށް މިރޭ ހާޒިރުކޮށް ސުވާލުކުރުމުން އުމަރު ވަނީ ޕާޓީގެ ލެޓާ ހެޑް ބޭނުންކުރައްވާކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި އޭނާ ޑީއާރްޕީން ވަކިކުރި މައްސަލަ މިހާރު ޝަރީއަތުގައި ކުރިއަށްދާތީ ކޯޓުން އެކަމާ މެދު ވަކި ގޮތެއް ކަނޑައަޅަންދެން ޑީއާރްޕީގެ ލެޓާ ހެޑް ބޭނުންކުރައްވަމުންގެންދަވާނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދެންނެވިން ޕާޓީގެ ލެޓާ ހެޑް ބޭނުންކުރަމޭ. އަދި އަދިވެސް ބޭނުންކުރަމުން ގެންދާނަމެ. ސަބަބަކީ ތަސްމީން އޭގެ ބޭނުމެއް ނުކުރެއޭ،" އުމަރު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީގެން ޕާޓީ ބަދަލު ކުރުވާ ކަމަށް ބުނެ އެކަން ތަހުގީގުކޮށް ދިނުމަށް އެދި ޑީއާރްޕީގެ ލެޓާ ހެޑްގައި ފުލުހުންނަށް އުމަރު ފޮނުވި ސިޓީއާ ގުޅިގެން، އިލެކްޝަންސް އިން ވަނީ އުމަރު ޕާޓީގެ ލެޓާ ހެޑް ބޭނުންކުރާ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް އަންގައިފަ އެވެ.

"... އުމަރު ނަސީރު ތިޔަ ޕާޓީގެ ލެޓާ ހެޑްގައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ސިޓީ ފޮނުވާފައިވާކަމަށް ވިދާޅވެފައިވާތީ އެކަން ތަހުގީގު ކޮށް ދެއްވައި ގާނޫނީ ފިޔަވަޅު އަޅުއްވައި ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދަންނަވައިފީމެވެ،" އިލެކްޝަންސް އިން ޑީއާރްޕީގެ ލީޑާ އަހްމަދު ތަސްމީން އަލީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވެއެވެ.

އެ މައްސަލަ ބަލައި އުމަރަށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް އެންގި އިރު އެ ކޮމިޝަނުން ވަނީ ޑީއާރްޕީގެ ލެޓާހެޑާއި ލޯގޯ އާއި އަދި ދިދަ ބޭނުން ނުކުރުމަށް އުމަރަށް އަންގައި ސީޓިއެއް ވެސް ފޮނުވާފަ އެވެ.

"... އެފަދަ އަމަލެއް ނުހިންގެވުމަށް އުމަރު ނަސީރަށް ސިޓީއަކުން ދަންނަވާފައިވާނެ ވާހަކަވެސް މައުލޫމާތައްޓަކައި ދެންނެވީމެވެ،" ތަސްމީނަށް ފޮނުވި އިލެކްޝަންސްގެ ސީޓީގައި ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު