ޑީއާރްޕީން ވަކިކޮށްފައިވާ ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލެޓާ ހެޑްގައި ފުލުހުންނަށް ސިޓީއެއް ފޮނުވި މައްސަލަ ތަހުގީގު ކޮށް ފިޔަވަޅުއެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.
މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީގެން ޕާޓީ ބަދަލު ކުރުވާ ކަމަށްބުނެ އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ޑީޢާރްޕީގެ ލެޓާ ހެޑްގައި ފުލުހުންނަށް އުމަރު ހުށަހެޅުމުން. ޑީއާރްޕީގެ ލެޓާ ހެޑް އުމަރު ބޭނުންކޮށްފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި މިދިޔަ މަހުގެ 26 ގައި ޑީއާރުޕީން ފޮނުވި ސިޓީއަށް އިއްޔެ އިލެކްޝަން އިން ލިޔުމަކުން ދިންޖަވާބުގައި ބުނަނީ އުމަރު ޑީއާރްޕީގެ ލެޓާ ހެޑް ބޭނުންކުރާ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅުއެޅުމަށް ފުލުހުންނަށް ފޮނުވާފައި ވާކަމަށެވެ.
"... އުމަރު ނަސީރު ތިޔަ ޕާޓީގެ ލެޓާ ހެޑްގައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ސިޓީ ފޮނުވާފައިވާކަމަށް ވިދާޅވެފައިވާތީ އެކަން ތަހުގީގު ކޮށް ދެއްވައި ގާނޫނީ ފިޔަވަޅު އަޅުއްވައި ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދަންނަވައިފީމެވެ،" އިލެކްޝަންސް އިން ޑީއާރްޕީއަށް ފޮނުވި ސިޓީގައި ވެއެވެ.
އެ މައްސަލަ ބަލައި އުމަރަށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް އެންގި އިރު އެ ކޮމިޝަނުން ވަނީ ޑީއާރްޕީގެ ލެޓާހެޑާއި ލޯގޯ އާއި އަދި ދިދަ ބޭނުން ނުކުރުމަށް އުމަރަށް އަންގައި ސީޓިއެއް ވެސް ފޮނުވާފަ އެވެ.
"... އެފަދަ އަމަލެއް ނުހިންގެވުމަށް އުމަރު ނަސީރަށް ސިޓީއަކުން ދަންނަވާފައިވާނެ ވާހަކަވެސް މައުލޫމާތައްޓަކައި ދެންނެވީމެވެ،" އިލެކްޝަންސްގެ ސީޓީގައި ބުނެފައިވެ އެވެ.
އުމަރުގެ ތަހުގީގާއި ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އިލެކްޝަންސް އިންވެސް އުމަރުގެ މައްސަލަ ބަލައިދިނުމަށް ސީޓިއެއް މިއަދު ފޮނުވާފައި ވާކަމަށާއި އެ މައްސަލަ ދިރާސާކޮށް ތަހުގީގު ކުރިއަށް ދާކަމަށެވެ.
އުމަރުގެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް ހުށަހެޅީއިރު ޑީއާރުޕީން ވެސް ވަނީ އުމަރުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ. އުމަރު ޑީއާރްޕީން ވަކި ކުރި މައްސަލަ އޮތީ މިހާރު ކޯޓު މަރުހަލާގަ އެވެ.