އަންކާރާ (އޮގަސްޓް 27): ތުރުކީގެ އިރުދެކުނުގައި އޮންނަ ޖީޒްރޭގައި ހުރި ފުލުހުންގެ އިދާރާއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 11 ފުލުހަކު މަރުވެ، 78 މީހަކަށް އަނިޔާވެއްޖެއެވެ.
ތުރުކީގެ މީޑިއާތަކުން ބުނާ ގޮތުގައި އިއްޔެ ބޮން ގޮއްވާލާފައި ވަނީ ފުލުހުންގެ މައި އިދާރާ ކައިރީގައި ހުރި ޗެކްޕޮއިންޓެއްގައެވެ. އަދި ބޮމުގެ ހަމަލާއަށް ފަހު ހަމަލާ ދިން މީހުންނާއި ފުލުހުންނާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ.
ޖީޒްރޭ ނިސްބަތްވާ ޕްރޮވިންސުގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެހަމަލާގައި 11 ފުލުހަކު މަރުވެފައިވާ އިރު އަނިޔާވި 78 މީހުންގެ ތެރޭގައި ތިން އާއްމުން ހިމެނެއެވެ.
ތުރުކީ ސަރުކާރުން ގާނޫނާ ހިލާފު ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ކުރުދިސްތާނު ވޯކާސް ޕާޓީ (ޕީކޭކޭ) އިން ވަނީ އެހަމަލާގެ ޒިންމާ ނަގާފައެވެ. އެޕާޓީން ނެރުނު ބަޔާނެއްގައިވާ ގޮތުން ހަމަލާ ދީފައި ވަނީ، މިވަގުތު ޖަލުގައި ހައްޔަރުކޮށްފައިވާ ޕީކޭކޭގެ ލީޑަރު، އަބްދުﷲ އޮޖަލަންގެ ހާލަތާ ބެހޭ ގޮތުން ސަރުކާރުން މައުލޫމާތު ފޯރުކޮށްނުދޭތީ އެވެ.
ގައުމަށް ގައްދާރުވުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އޮޖަލަންއާ ބައްދަލުކުރުމުގެ ހުއްދަ އޭނާގެ ވަކީލުންނަށް ނުދޭތާ އެއް އަހަރުވެއްޖެއެވެ. (އަލްޖަޒީރާ)