ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ޓެކްސް ނެގުމުގެ ބިލު ތަސްދީގުކޮށްފި

ސަލްޓަންޕާކްގައި ބިދޭސީންތަކެއް މަޑުކޮށްލައިގެން-- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސެންޓް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރު ކޯލިޝަންގެ 41 މެމްބަރުންގެ އަގުލަބިއްޔަތުން މި މަހުގެ 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރި ބިލު ރައީސް ޔާމީން ތަސްދީގު ކުރެއްވީ މިއަދު އެވެ.

ރައީސް ޔާމީން ތަސްދީގު ކުރެއްވި ބިލުގައި ބުނެފައި ވަނީ "ރެމިޓެންސް ޓެކްސް"ގެ ނަމުގައި އެ ޓެކްސް ނަގަން ފަށާނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ އެ ބިލުގައި ބުނެފައި ވަނީ ރެމިޓެންސް ޓެކްސް މީރާއަށް ދައްކަން ޖެހޭނީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައި ދިނުމުގެ ހިދުތަމް ދޭ ބޭންކުތަކާއި އެެހެނިހެން ފަރާތްތަކުން ކަމަށެވެ.

ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ މީހުންގެ ތެރެއިން ޓެކްސް ދައްކަން ލާޒިމް ވަނީ ވޯކް ވިސާ ލިބިފައިވާ ބިދޭސީންނާއި ވިސާއެއް ލިބިފައި ނެތް ކަމުގައިވިޔަސް، ވިސާގެ މުއްދަތު ހަމަވެފައިވީ ކަމުގައި ވިޔަސް ވޯކް ވިސާ ލިބިގެން މެނުވީ ރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ ބިދޭސީންނަށެވެ.
ރެމިޓެންސް ޓެކުހަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ކޮންމެ މަހަކު މީރާއަށް ދައްކަންޖެހޭ މިންވަރު ހިސާބު ކުރުމަށްފަހު، އެކުލަވައިލާ ބަޔާނެއް ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅައި، ޓެކުހުގެ ފައިސާ އެ މުއްދަތުގައި ދައްކައި ހަލާސް ކުރަން ޖެހޭނެ ކަަމަށް ރައީސް ތަސްދީގު ކުރެއްވި ބިލުގައިވެ އެވެ. އެ ޓެކްސް ދައްކަން ޖެހޭނީ ދިވެހި ރުފިޔާއިންނެވެ.

އެ ޓެކްސް ދެއްކުމުން ބަރީއަވާން އެއްވެސް މަސައްކަތެއް ކޮށްފިނަަމަ ނުވަތަ އެފަދަ ކަމަަކަށް އެހީތެރިވެއްޖެނަމަ ބޭރަށް ފޮނުވި ފައިސާއާ އެއްވަރުގެ އަދަދަކުން އެ ފަރާތް ޖޫރިމަނާވާނެ ކަމަށް ބިލުގައިވެ އެވެ.

އިސްލާހުގައި ބުނެފައިވާ ގޮތުގައި އިމިގްރޭޝަން ގާނޫނުގެ ދަށުން ވާކް ވީޒާ ލިބިފައިވާ ބިދޭސީންނަށާއި ވާކް ވީޒާ ލިބިގެން މެނުވީ ރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ އެއްވެސް ބިދޭސީ މުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ސާވިސް ޗާޖު އަދި މުސާރައިގެ ގޮތުގައި ދެވޭ އެއްވެސް ފައިސާގެ އަދަދެއް ދޭންވާނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހުއްދަ ލިބިފައިވާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ހުޅުވިފައިވާ ބޭންކު އެކައުންޓެއް މެދުވެރިކޮށް ކަމަށެވެ.

އިސްލާހުގައި ބުނީ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ބޭންކު އެކައުންޓެއް ހުޅުވުމަށް ގާނޫނުން އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތު ވަޒީފާ ދޭ ފަރާތުން ދޭން ޖެހޭނެ ކަމަށެވެ. އިސްލާހު މަޖިލީހަށް ހުށަހެޅުއްވިއިރު ބުނެފައި ވަނީ ބިދޭސީން ބޭންކު އެކައުންޓު ހުޅުވުމަށް ހަ މަސް ދުވަސް ދޭންޖެހޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު