ދިރާސާނުކޮށް އިގްތިސާދީ ރޮނގުން ފާގަތިކަމެއް ނުލިބޭނެ: އަޒްލީން

އޭޝިޔާ ސަރަހައްދުގެ ދިހަ ގައުމެއްގެ މަޝްހޫރު ޕްރޮފެސަރުން ބައިވެރިވެގެން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ބާއްވާ ދިރާސާ ކުރުމާ ގުޅޭ މަހާސިންތާ ރަސްމީކޮށް ފެށުމުގެ ގޮތުން ބަޑޮސް އައިލެންޑް ރިސޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެމެހެއްޓެނިވި ދިރާސާކުރުމަކާނުލައި އިގްތިސާދީ އަދި ތައުލީމީ ރޮނގުން ފާގަތިކަމެއް ނުލިބޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަޒްލީން އެގޮތަށް ވިދާޅުވީ، އޭޝިޔާ ސަރަހައްދުގެ ދިހަ ގައުމެއްގެ މަޝްހޫރު ޕްރޮފެސަރުން ބައިވެރިވެގެން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ރާއްޖޭގައި ބާއްވާ ދިރާސާ ކުރުމާ ގުޅޭ މަހާސިންތާ ރަސްމީކޮށް ފެށުމުގެ ގޮތުން ބަޑޮސް އައިލެންޑް ރިސޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ތަރައްގީ އަށް އޮތް ހަމައެކަނި މަގަކީ ދިރާސާކުރުން ކަމަށާއި ފެންވަރު ރަނގަޅު ދިރާސާއަކާ ނުލާ އުފެއްދުންތެރިކަން ގެނައުމަކީ އުދަނގޫ ކަމެއް ކަމަށެވެ.

ދިރާސާނުކޮށް އިގްތިސާދީ އަދި ތައުލީމީ ރޮނގުން ވެސް ފާގަތިކަން ނުލިބޭނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީ އަށް ބައިނަލްއަގްވާމީ ފެންވަރެއްގެ މަތީ ފަންތީގެ ތައުލީމެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ފާހަގަކުރައްވައި އަޒްލީން ވިދާޅުވީ، ރާއްޖޭގެ ޔުނިވާސިޓީތައް ކުރިއަރަން ބޭނުންވާ ކަމަށާއި ނަމަވެސް ޔުނިވާސިޓީތަކުގެ ތަރައްގީ އަށް އެންމެ ބޮޑު ހުރަހަކަށް އޮތީ ވަސީލަތްތައް ނެތުން ކަމަށެވެ.

comment ކޮމެންޓް