ޑީއާރްޕީ ލީޑް ކުރާނީ ޒެޑް ފެކްޝަނުންތޯ ތަސްމީންގެ ލީޑާޝިޕްތޯ ދެން ކަނޑައަޅާނީ ކޮންގްރެސްއިން: އުމަރު

އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރްޕީ ލީޑް ކުރާނީ ޒެޑް-ޑީއާރްޕީތޯ ނުވަތަ ތަސްމީނުގެ ލީޑާޝިޕްގައި އޮތް ޑީއާރްޕީތޯ ކަނޑައަޅާނީ ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށް ބާއްވާ ކޮންގްރެސްއިން ކަމަށް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދިއެފްއެމް "ވަންޓުވަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އުމަރު މިއަދު ވިދާޅުވީ އިދިކޮޅު ހުރިހާ ފަރާތެއް ލީޑު ކުރަނީ ޒެޑް-ޑީއާރްޕީން ކަމަށާއި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޒިންމާ އަދާކުރަމުން ދަނީ އެ ފެކްޝަނުން ކަމަށެވެ. އަދި ހަގީގީ ޑީއާރްޕީއަކީ ޒެޑް- ފެކްޝަން ކަމަށާއި ނަމަވެސް މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުން އަސްލު ޑީއާރްޕީ ކަނޑައަޅާނީ އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްއިން ކަމަށެވެ.
~
"ކޮންގްރެސްގައި އަޅުގަނޑުމެން ނިންމާނީ އެކަންތައް، ﷲއިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް ސެޕްޓެންބަރު ހިސާބުގައި ޕާޓީގެ ޒައީމް އެ ވިދާޅުވިހެން ކޮންގްރެސްއެއް ބޭއްވޭނެ. އެހެންވީމަ ކޮންގްރެސްއިން ނިންމާނީ ދިވެހިރާއްޖޭގެ އިދިކޮޅު ހަރަކާތް ލީޑު ކުރަނީ ޒައީމް ޑީއާރްޕީތޯ ނުވަތަ ޑީއާރްޕީތޯ ނުވަތަ އެހެން އެއްޗެއްތޯ،" ރާއްޖޭގެ ފުރަތަމަ އަމިއްލަ ރޭޑިއޯ ސްޓޭޝަނުން ކުރިއަށްގެންދާ ވަންޓުވަން ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރެވެން އޮތް ގޮތަކީ ޕާޓީގެ އެންމެ މަތީ ގުނަވަން، ކޮންގްރެސްއިން ކަމަށް ވުމާއެކު ކޮންގްރެސް އަކަށް ދެވިދާނެ ކަމަށެވެ. އެ ގޮތުން ޑީއާރްޕީ ކައުންސިލްގެ 33 މެންބަރުންގެ ތެރެއިން، ހަސަން ސުޖާއު އާއި އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ބޭފުޅުން ކައުންސިލްގައި ހިމެނިވަޑައި ނުގަންނަވާ ކަމަށާއި އޭނަވެސް ޕާޓީން ވަކިކޮށްފައިވަތީ ކައުންސިލްގައި ނުހިމެނޭ ކަމަށެވެ. މިހާރު ކައުންސިލްގައި ތިއްބެވީ 30 މެންބަރުން ކަމަށް ވުމާއެކު 16 މެންބަރުންގެ އަގުލަބިއްޔަތުން ކޮންގްރެސްއެއް ބޭއްވުމަށް ނިންމާފިނަމަ އެކަން ކުރެވޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލުން ބާއްވާ ކޮންގްރެސްއެއް އަކީ ލީޑަރު، ތަސްމީންގެ ސިޔާސީ މުސްތަގުބަލަށް އަލުން ފުރާނަ އެޅުމަށް ލިބިގެންދާ ފުރުސަތެއް ކަމަށާއި އެ ކޮންގްރެސްގެ ބޭނުން އެމަނިކުފާނު ހިއްޕަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޒެޑް ފެކްޝަނުން މަސައްކަތް ކުރާނީ ޕާޓީގެ ލީޑާޝިފުން ތަސްމީން ބޭރު ކުރަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މިއޮތީ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފަ ތަސްމީނަށް އެމަނިކުފާނުގެ ސިޔާސީ ކެރިއާ އަށް އަލުން ފުރާނައެޅުވުމަށް ވެސް. މިވަތު ގާތްގަނޑަކަށް ތަސްމީން އަލީގެ ސިޔާސީ ކެރިއާގެ ފުރާނަ ގޮސްފައި އޮތް ކަމަށް ދަންނަވަންޖެހޭނީ. އެކަމަކު ޑިމޮކްރަޓިކް ހަމަތަކުގެތެރެއަށް އަލުން ވެދެވަޑައިގެން، ޑިމޮކްރަޓިކް އުސޫލްތަކުގެ ތެރެއިން އަލުން ސިޔާސީ ކެރިއާއެއް ބިލްޑް ކުރައްވަން ވަރަށް ރަގަނޅު ފުރުސަތެއް މިއޮތީ ލިބިފަ. އަޅުގަނޑުމެން އެއްގޮތަކަށް ވެސް މިތިބީ ތަސްމީން ބާކީކޮށްލާ، އޭނާ ޑީއާރްޕީން ފޮނުވާލާ ނުވަތަ އެހެންމީހަކު ވެސް ފޮނުވާލާކަން ނޫން،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒެޑް ފެކްޝަނުން ދެ ޒިންމާއެއް އަދާ ކުރާ ކަމަށާއި އެއީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރާ މަސައްކަތުގެ އިތުރުން ޕާޓީގެ އެތެރޭގެ ކޯޅުންތަކުގައި ތަސްމީނާއެކު ކުރާ ހަނގުރާމަ ކަމަށެވެ. އަދި ތަސްމީނާ ދެކޮޅަށް ޒެޑް ފެކްޝަނުން ކުރާ ހަނގުރާމަ ގާތްގަނޑަކަށް ނިމިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން އުމަރު ވަކިކުރެއްވި މައްސަލަ ކޯޓުން ނިމެންދެން އޭނާއަކީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ އެ މައްސަލަ ކޯޓުން ނިމޭނީ ވެސް ކާމިޔާބުވެގެން ކަމަށެވެ.

ޑީއާރްޕީގެ ނޫ ޕޯޑިއަމްތަކުގައި ރައީސް ނަޝީދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ޕާޓީން ވަކިވެވަޑައިގެން، އެމްޑީޕީއާ ގުޅިވަޑައިގެންނެވި ސަބަބާ ބެހޭ ގޮތުން އުމަރު ވިދާޅުވީ އަލީ ވަހީދު ޕާޓިން ވަކިވެވަޑައިގަތީ ތަސްމީނާއި ޒެޑް ފެކްޝަންގެ ދެމެދުގައި އޮތް ކޯޅުމެއްގެ ސަބަބުން ބައެއްގެ "ނަގޫ" ތާށިވެގެން ނޫން ކަމަށެވެ. އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ފައިސާގެ ފަހަތުން ކަމަށެވެ.

އުމަރު ވިދާޅުވީ ޕާޓީގެ އެތެރޭގައި މައްސަލަތައް އުފެދުމުގެ ހަ މަސް ކުރިން އަލީ ވަހީދު އެމްޑީޕިއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ޚަބަރުތަކެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެ މައްސަލަ ޕާޓީގެ ލީޑަރާ ހިއްސާކޮށްފައިވެސް ވާނެ ކަމަށެވެ. އެ ޚަބަރުތައް ލިބިވަޑައިގެންނެވި ކަމަށާއި އެކަމާބެހޭ ގޮތުން އަލީ ވަހީދާ ވާހަކަފުޅު ދެއްކެވި ކަމަށް ލީޑަރު ތަސްމީން ވިދާޅުވި ކަމަށް ވެސް އުމަރު މިއަދު ވިދާޅުވި އެވެ.

> ހަބަރާ ގުޅޭ އޯޑިއޯ އަޑު އެއްސެވުމަށް

Listen!
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު