ޗުއްޓީއަށް ކުރީގެ މިސް ޔުނިވާސް ޖެނިފާ އަނެއްކާވެސް ރާއްޖޭގައި

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗުއްޓީ ހޭދަކޮށްލުމަށް ކުރީގެ މިސް ޔުނިވާސް ޖެނީފާ އަދި ފިރިމީހާ ޖޭކް ރާއްޖޭގައި: އެ ދެމީހުން ރާއްޖޭގައި މިހާރު ދަނީ ޗުއްޓީ ހޭދަކުރަމުން ---

މޮޑެލް ކުރުމުގެ ބުރަ ޝެޑިއުލްއަށްފަހު އޮސްޓްރޭލިއާގެ މޮޑެލް އަދި ކުރީގެ މިސް ޔުނިވާސް ހޯދާފައިވާ ޓީވީ ޕްރެޒެންޓަރު ޖެނިފާ ހޯކިންސް ޗުއްޓީ ހޭދަކޮށްލުމަށް އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.

ޖެނިފާ އާއި ފިރިމީހާ ޖޭކް ވޯލްއާއެކު ރާއްޖެ އައިސްފައިވަނީ ކޮންއިރަކު ކަމެއް ކަށަވަރު ނުވިނަމަވެސް، ރާއްޖޭގައި ހުރެ ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރަމް އެކައުންޓުގައި ފުރަތަމަ ހިއްސާކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ރާއްޖެ ދެކެ ވަރަށް ލޯބިވާކަމަށް ބުނެ ހިއްސާކޮށްފައިވާ އެ ފޮޓޯގައި އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ހުވަފެންފުށި ރިސޯޓުގައި ކަމަށް ބުނެފައިވެ އެވެ.

ޖެނިފާގެ 760 ހާހަށްވުރެ ގިނަ އިންސްޓަގްރަމް ފޮލޯވާސްއާ އެންމެ ފަހުން ހިއްސާ ކޮށްފައިވާ ފޮޓޯއިން ފެންނަނީ ޖެޓްސީ ދުއްވާލުމަށްފަހު އެއްގަމަށް އަރާ ފޮޓޯއެކެވެ. އެ ފޮޓޯގައި އޭނާ ވަނީ ރާއްޖެއަކީ ޖާދުލެއް ފަދަ ތަނެއްކަމަށް ބުނެ ހައިރާންކަން ފާޅުކޮށްފަ އެވެ.

މިއީ ޖެނިފާ އާއި އޭނާގެ ފިރިމީހާ ޗުއްޓީއަށް ރާއްޖެ އައި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޖެނިފާގެ އުފަން ދުވަސް ވެސް ފާހަގަކޮށްފައި ވަނީ ރާއްޖޭގެ އަމިއްލަފުށި ރިސޯޓްގަ އެވެ. އަދި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ޖެނީފާ ވަނީ ޗުއްޓީއަށް ރާއްޖެ އައިސްފަ އެވެ. އެ އަހަރު އޭނާ ޗުއްޓީ ހޭދަކުރީ ޝެވަލް ބްލޭންކް ރަންދެލީގަ އެވެ.

ޖެނިފާއާއި އޭނާގެ ފިރިމީހާ ޖޭކް ރާއްޖެ އައިސްފައި މިވަނީ އިޓަލީގައި ޗުއްޓީ ހޭދަކުރުމަށްފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަށް އަހަރު އެކުގައި އުޅުމަށްފަހު ޖެނިފާ އާއި ޖޭކް ކައިވެނި ކުރީ 2013 ވަނަ އަހަރުގަ އެވެ. އަދި އެ ދެމީހުންނަކީ "ޖޭ ގްރޫޕް" ގެ ނަމުގައި މަލްޓި މިލިއަން ޑޮލަރުގެ ކުންފުންޏެއް އެކުގައި ހިންގަމުންނެވެ.

އޮސްޓްރޭލިއާގެ ރިއަލިޓީ ޝޯވ، "އޮސްޓްރޭލިއާސް ނެކްސްޓް ޓޮޕް މޮޑެލްސް" ގެ ހޯސްޓް ޖެނީފާ ވަނީ މިސް ޔުނިވާސް އޮސްޓްރޭލިއާގެ މަގާމް 2004 ވަނަ އަހަރު ހޯދާފައެވެ. އޭނާއަށް މިސް ޔުނިވާސްގެ ތާޖު ވެސް ލިބުނީ ހަމަ އެ އަހަރުއެވެ.

comment ކޮމެންޓް