އެންޑީ އަބްދުﷲ އަވަހާރަވުމަކީ ސިއްހީ ދާއިރާއަށް ލިބުނު ގެއްލުމެއް: ރައީސް

ރާއްޖޭގެ ފުރަތަމަ މެޑިކަލް ޑޮކްޓަރު އަބްދުﷲ އަބްދުލް ހަކީމް (އެންޑީ އަބްދުﷲ) : އެމަނިކުފާނު އިއްޔެގެ ވަގުތެއްގައި ވަނީ ދެމިއޮތުމުގެ އާލަަމަށް ދަތުރުކުރައްވާފައި --

ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި ރާއްޖޭގެ ފުރަތަމަ މެޑިކަލް ޑޮކްޓަރު އަބްދުﷲ އަބްދުލް ހަކީމް (އެންޑީ އަބްދުﷲ) އަވަހާރަ ވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެންޑީ އަބްދުﷲ އަވަހާރަވުމުން އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް ވަނީ، ޑރ. އެންޑީ އަބްދުﷲ އަކީ ލޮލުގެ ހާއްސަ ޑޮކްޓަކަށްވުމާއެކު އެ ރޮނގުން ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ހިދުމަތް ދެއްވާފައިވާތީ އެކަން ފާހަގަކުރައްވާފަ އެވެ.

އެންޑީ އަބްދުﷲގެ އާއިލާގެ ބޭފުޅަކު އިއްޔެ "ސަން"އަށް ވިދާޅުވީ، އަބްދުﷲ އަވަހާރަވީ އިއްޔެ ހަވީރު 5:30 ހާއިރު ކުއްލިއަކަށް ސްޓްރޯކެއް ޖެހުމުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އެމަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަކީ 81 ރެވެ.

އެމަނިކުފާނު އަވަހާރަވީއިރު ދުނިޔޭގައި އަނބިކަނބަލަކާއި އަންހެން ބޭކަނބަލެއް އަދި ފިރިހެން ދެބޭފުޅުންނާއި ކާފަ ވިދާޅުވާ ހަތަރު ބޭފުޅުންގެ އިތުރުން މުނިކާފަ ވިދާޅުވާ އެއް ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ނިޝާން ރެހެންދީގެ އިތްޒަތްތެރި ވެރިޔާގެ ޝަރަފު ލިބިލައްވާފައިވާ އެންޑީ އަބްދުﷲ އަކީ ރާއްޖެއިން ބޭރުން ކިޔަވައި ވިދާޅުވެގެން ވަޑައިގެންނެވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ.

ސަރުކާރު ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ގޮތުގައި 1964 ވަނަ އަހަރުގެ އޭޕްރިލް، 18 ގައި ހިދުމަތް ކުރަން ފެއްޓެވި އެންޑީ އަބްދުﷲގެ ފާހަގަކުރެވޭ ހިދުމަތްތަކުގެ ތެރޭގައި ދިރޭ ލޯ ޖެހުން، 1981 ވަނަ އަހަރު ރާއްޖެއަށް ތައާރަފް ކުރެއްވުން ހިމެނެ އެވެ.

އަދި 1983 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކިހިސާބުތަކުގައި ސަރުކާރުން ހިންގަވަމުން ގެންދެވި އައި ކޭމްޕް މަޝްރޫއު ފެށުނު ދުވަސްވަރު އެކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ ވެސް އޭނާ އެވެ.

އެންޑީ އަބްދުﷲ ސަރުކާރަށް ހިދުމަތް ކުރެއްވުމުގައި 41 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި އިރު ހޮސްޕިޓަލްގެ މުހިއްމު މަގާމްތަކެއް ވަނީ ފުރުއްވާފަ އެވެ. އެގޮތުން ރަޖިސްޓުރާ އިން އޮފްތަލްމޮލޮޖީގެ މަގާމާއި އައި ކޮންސަލްޓަންޓްގެ މަގާމު ފުރުއްވި އެވެ.

އޭގެ އިތުރަށް މެޑިކަލް ސުޕްރިންޓެންޑެންޓެއްގެ ގޮތުންވެސް ހިދުމަތް ކުރެއްވިއިރު، 2007 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއާ މެޑިކަލް ސުޕްވައިޒަރުގެ މަގާމުގަ އެވެ.

ސަރުކާރުގެ ދާއިރާގެ އިތުރުން އަމިއްލަފުޅުގޮތުން ވެސް ގިނަ އަދަދެއްގެ ބަޔަކަށް ހިދުމަތް ދެއްވާފައިވާ އެންޑީ އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަން 14 އަހަރުދުވަސް ވަންދެން ކުރައްވާފަ އެވެ.

comment ކޮމެންޓް