ހިލަރީގެ ކެމްޕޭންގައި ބޭނުން ކުރާ ކޮމްޕިއުޓާ ޕްރޮގްރާމެއް ހެކްކޮށްފި

މީގެ ކުރިންވެސް ޑިމޮކްރަޓިކް ޕާޓީގެ އެކި ޖަމްއިއްޔާތަކަށް ސައިބާ އެޓޭކްތައް ދީފައިވޭ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖުލައި 30): ޑިމޮކްރަޓިކް ޕާޓީގެ އެކި ޖަމްއިއްޔާތަކަށް އަމާޒުކޮށް ދެމުން ގެންދާ ސައިބާ އެޓޭކްތަކެއްގައި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓު، ހިލަރީ ކްލިންޓަންގެ ކެމްޕެއިންގައި ބޭނުން ކުރާ ކޮމްޕިއުޓާ ޑޭޓާ ޕްރޮގްރާމެއް ހެކްކޮށްފައިވާ ކަމަށް ރޮއިޓާސްއިން ބުނެފި އެވެ.

ހިލަރީގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނަކު ވަނީ ކެމްޕެއިނުން ބޭނުން ކުރާ އަދި ޑިމޮކްރަޓިކް ނެޝަނަލް ކޮމިޓީ (ޑީއެންސީ)ން ހިންގާ އެނަލެޓިކްސް ޑޭޓާ ޕްރޮގްރާމެއް ހެކްކޮށްފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ ހަމަލާގައި ކެމްޕެއިންގެ އިންޓާނަލް ސިސްޓަމަށް ވަދެފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

އެމެރިކާގެ ގިނަ އޮފިޝަލުން ގަބޫލު ކުރާ ގޮތުގައި އެހަމަލާތަކުގެ ފަހަތުގައި ވަނީ ރަޝިއާ އެވެ. ނަމަވެސް ރަޝިއާ އިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެމެރިކާއިން ގެންގުޅޭ ރަޝިއާއާ ދެކޮޅުވެރި ވިސްނުން ކުށްވެރި ކޮށްފަ އެވެ.

އެފްބީއައި ވަނީ އެހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން ބަޔަކު ވަނީ ޑީއެންސީ އާއި ޕާޓީގެ ކެނޑިޑޭޓުންނަށް ފަންޑު ހޯދާ ކޮމިޓީއަށްވެސް ސައިބާ އެޓޭކްތައް ދީފަ އެވެ. އޭގެ ތެރެއިން ލީކުކޮށްފައިވާ ޑީއެންސީގެ މެއިލްތަކުން އެނގިގެން ދިޔައީ ޑީއެންސީން ވަނީ ހިލަރީއަށް ތާއިދުކޮށް، އޭނާއާ ވާދަ ކުރައްވަމުން ގެންދެވި ބާނީ ސޭންޑާސްގެ ކެމްޕެއިނަށް ހުރަސް އެޅޭ ގޮތަށް މަސައްކަތްކޮށްފައި ކަމެވެ.

ލީކުވި އީމެއިލްތަކާ ގުޅިގެން ޑީއެންސީއަށް ގިނަ ފާޑު ކިޔުންތައް އަމާޒުވެ، ޑީއެންސީގެ ޗެއާވުމަން، ޑެބީ ވޮސާމެން ޝަލްޓްސް ވަނީ ޑިމޮކްރަޓިކް ނެޝަނަލް ކޮންވެންޝަންއަށް ފަހު މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.

comment ކޮމެންޓް