ރ. އަތޮޅުގައި ބާއްވަން ހަމަޖެއްސި އިސްލާމިކް ފެއާ މޫސުން ތަން ނުދީގެން ފަސްކޮށްފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިސްލާމިކް ފެއާތަކުގެ ތެރެއިން ރ. ދުވާފަރުގައި މިއަދު ފެށުމަށް ކުރިން ހަމަޖެހިފައި އޮތް ފެއާ މޫސުން ގޯސްވުމުގެ ސަބަބުން ލަސްކޮށްފި އެވެ. އެމިނިސްޓްރީން ބުނި ގޮތުގައި ފެއާ އަލުން ބާއްވާނެ ތާރީހެއް ކަނޑައެޅިފައި ނެތް ނަމަވެސް ވީހާ އަވަހަށް ބޭއްވޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.

ދުވާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ފެއާގައި ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި އެ ރަށުގައި ދީނީ ކައުންސިލިން ދިނުމާއި ސުވާލާ ޖަވާބުގެ ސެޝަނެއް ބޭއްވުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެފެއާގައި ގިނަ އަދަދެއްގެ ދީނީ ފޮތްތައް ބެހުމާއި ވިއްކުމުގެ އިތުރުން ކީރިތި ރަސޫލާ އަށް ނިސްބަތްވާ އެކިއެކި ތަކެތީގެ ފޮޓޯ އާއި ގެފުޅުގެ އެތެރެ ހުންނަގޮތް ދައްކުވައިދޭ ނަމޫނާއެއް ވެސް މިފަހަރުގެ ފެއާގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ރ. ދުވާފަރުގައި ބިނާކޮށްފައިވާ މިސްކިތަކާއި އެ އަތޮޅު ފައިނުގައި ބިނާކޮށްފައިވާ މިސްކިތެއް ހުޅުވުމުގެ ރަސްމިއްޔާތު ވެސް އޮންނާނީ އިސްލާމިކް ފެއާ އާ ގުޅުވައިގެން ކަމަށާއި އެކަމާ ގުޅުވައިގެން އެ އަތޮޅުގެ ބައެއް ރަށް ރަށުގައި ދީނީ ނަސޭހަތް ދިނުން ވެސް އޮންނާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މިފަހަރުގެ ފެއާ ބޭއްވުމަށް ޓަކައި އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ރ. އަތޮޅު ތެރޭގައި ކުރައްވާ ދަތުރުތަކުގެ އިންތިޒާމް ހަމަޖައްސަމުން ގެންދަނީ އުތުރު ސަރަހައްދުގެ ގައުމީ އިދާރާއިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު