އިންތިގާލީ ސަރުކާރެއް ރާއްޖޭގައި ގާއިމު ކުރުމަށް ގާނޫނު ތަނެއް ނުދޭ: ރީކޯ މޫސަ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މީގެ ކުރިން ސަންޓީވީގެ 50 މިނިޓު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ --

ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަކީ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން ހިންގާ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް ދަނީ ގޮވާލަމުންނެވެ.

މިރޭ ސަންޓީވީގެ "50 މިނިޓު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ގާނޫނު އަސާސީގައި ނޯންނާނެ ދައުރުގެ މެދުތެރެއިން ވެރިކަން ވެއްޓޭނެ ވާހަކައެއް. އިންތިގާލީ ސަރުކާރެއް އުފެއްދޭނެ ގޮތެއްވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިގާލީ ސަރުކާރެއް ހެދޭނެ ގޮތެއް ގާނޫނު އަސާސީގެ ދަށުން ލިބުނީ ހަމައެކަނި އެއްފަހަރު ކަމަށާއި، އެއީ 2008 ވަނަ އަހަރު އާ ގާނޫނު އަސާސީ ތަސްދީގު ކުރުމަށްފަހު އައި ވެރިކަމުގައި ކަމަށެވެ. ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އިންތިގާލީ ބާބުން އިންތިގާލީ ވެރިކަމުގެ ވާހަކަ އުނި ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންތިގާލީ ސަރުކާރެއްގެ ވާހަކަ އޮތީ އާ ގާނޫނު އަސާސީ ލިޔުމަށްފަހު ދެން އައި ވެރިކަމެއްގެ ތެރެއިން ރާއްޖޭގެ ކަންކަން ކުރެވޭނެ ގޮތުގައި. އިންތިގާލީ މަރުހަލާގެ ބާބުން ވެރިކަން ނެގީ އޭރުގެ ރައީސް މައުމޫނުގެ ދައުރު 2008 އަށް ނިންމަން ވެގެން. އެކަމަކު އިންތިގާލީ ކޯޓުތަކާ އެހެނިހެން އިންތިޒާމުތައް ހަމަޖެއްސީ،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގެ ތެރޭގައި މުއައްސަސާތަކާއި ކޯޓުތައް އުފެއްދުމާއި އެކު އިންތިގާލީ ބާބު ގާނޫނު އަސާސީން އެކުގައި އުވިގެން ދިޔަ ކަމަށެވެ.

"އެހެން ވިއްޔާ ގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރަން އުޅޭ ބަޔަކު ކުރާނެ ކަމެއް ނޫން ދެއްތީ މިއީ،" އޭނާ ސުވާލު އުފެއްދެވި އެވެ.

މޫސަ ވިދާޅުވީ ދައުރުގެ މެދުތެރެއިން ވެރިކަން ވެއްޓުމާ އެއް ގޮތަކަށް ވެސް ގަބޫލު ނޫން ކަމަށާއި، ވެރިކަމެއް ވައްޓާލުމުގެ ނިޔަތުގައި އޭނާގެ ކިތަންމެ ގާތް މީހަކު މަސައްކަތް ކުރި ނަމަވެސް އެކަމަކާ އިހުތިޖާޖު ކުރައްވާނެ ކަމަށެވެ.

"އެގޮތަކަށް ވައްޓާލަން އެއްބަހެއް ނުވާނަން. ވޯޓުން ވައްޓާލާ. ގާނޫނު އަސާސީގައި އޮންނާނެ ވެރި މީހާ ދުރު ކުރެވޭނެ ގޮތްތައް ލިޔެފައި ވަރަށް ރަނގަަށް. އެގޮތަށް ކަންތައް ކުރަންވީ ނުވަތަ ކޮންމެ ފަސް އަހަރަކުން ބަދަލު ކުރަންވީ،" ރީކޯ މޫސަ ވިދާޅުވި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރިޔާސީ އިންތިޚާބެއް ނުބާއްވަފާނެ ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެމުން އޭނާ ވިދާޅުވީ، ރައީސް ޔާމީން އިންތިހާބު ނުބާއްވާ ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ ކަމަށެވެ.

"މިއަދު އެމީހުން އެ ބުނަނީ ރައީސް ޔާމީން އިންތިޚާބެއް ނުބާއްވާނެއޭ. ބާއްވާނެ. އަޅުގަނޑަށް ޔަގީން ބާއްވާނެކަން. ނުބާއްވާ ކީއްތޯ ކުރާނީ. އިންތިޚާބުަގއި ވާދަކޮށްގެން ބަލި ކުރަންޖެހޭނީ. އޭގެ ކުރިން މީހަކު ފަނާކޮށް ފުނޑުކޮށްގެން އެކަން ކުރުމުގެ މާނައެއް ނެތް.އެހާތަނަށް ދާ އިރު ރައީސް ޔާމީން އެކަން ނުކޮށްފިއްޔާ މަޖިލީހުން އަޅުގަނޑުމެން އިހުތިޖާޖުވެސް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް