އެލިއާގެ ބްލަޑް ކޭމްޕަށް ބޮޑު ތަރުހީބެއް، 150 ޕައިންޓުގެ ލޭ ލިބުނު

އެލިއާ އިންވެސްޓްމެންޓާއި މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

އެލިއާ އިންވެސްޓްމެންޓާ މޯލްޑިވްސް ބްލަޑް ސާރވިސަސް (އެމްބީއެސް) ގުޅިގެން ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ ކޭމްޕަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެމްބީއެސް އިން ބުނެފި އެވެ.

'ސަން' އާ ވާހަކަ ދައްކަމުން އެމްބީއެސްގެ އެސިސްޓެންޓް ރިކްރުއިޓްމެންޓް އޮފިސަރ ހައްވާ އަބްދުﷲ ވިދާޅުވީ، ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން އިއްޔެ ނޭޝަނަލް އާޓު ގެލެރީގައި ކުރިއަށް ގެންދިޔަ ކޭމްޕުގައި، 150 ޕައިންޓުގެ ލޭ ލިބިފައިވާ ކަމަށެވެ.

އުއްމީދު ކުރި ވަރަށް ވުރެ ގިނަ ފަރާތްތަކުން އެ ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށާއި، ނަމަވެސް އެ ބޭފުޅުންގެ ވީކްލީ ރިކުއާމެންޓަކީ 150 ކަމަށް ވުމުން ލޭ ނެގީ އެ އަދަދަށްކަމަށް އޭނާ މައުލޫމާތު ދެއްވައެވެ. އަދި ލޭ ނުނެގުނު ބޭފުޅުންގެ ނަމްބަރު ނޯޓު ކޮށް، ލޭ ބޭނުން ޖެހިއްދެ ހިނދެއްގައި އެ ބޭފުޅުންނަށް ގުޅާގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދެއެވެ.

ތެލެސީމިއާ ކުދީންނަށް ފަސޭހައިން ލޭ ލިބިދިނުމަށް މަގުފަހި ކުރުމަށްޓަކައި އެލިއާ އިންވެސްޓްމެންޓާއި މޯލްޑިވްސް ބްލަޑް ސާރވިސަސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕް އިއްޔެ ހަވީރު 6 ޖަހަންދެން ކުރިއަށް ގެންގޮސްފައިވެ އެވެ.

އެލިއާ އިންވެސްޓުމަންޓަށް 50 އަހަރު ފުރުމާ ގުޅިގެން މިދިޔަ އަހަރުވެސް ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.

comment ކޮމެންޓް