މީގެ ހަތަރު އަހަރު ކުރިން ޕެރަގުއޭގައި ދަނޑުބިންތައް އަލުން ބެހި ގޮތާ މެދު ހިތްހަމަ ނުޖެހިގެން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ހަ ފުލުހަކު މަރުވި މައްސަލާގައި 11 ދަނޑުވެރިޔަކު ޖަލަށްލާން އެ ގައުމުގެ ކޯޓުން ހުކުމްކޮށްފި އެވެ.
ފުލުހުންގެ ހަ އޮފިސަރަކު މަރުވެފައި ވަނީ ދަނޑުވެރިން އޭރު މަސައްކަތްކުރަމުން ދިޔަ ދަނޑުތަކުން ނެރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ބަޑީގެ ހަމަލާތަކެއް ދީގެންނެވެ. އެހަމަލާތަކުގައި ފުލުހުންގެ އިތުރުން 11 ދަނޑުވެރިޔަކު ވެސް ވަނީ މަރުވެފަ އެވެ.
ދަޑުވެރިންގެ 11 މީހުންގެ ތެރެއިން ހަތަރު މީހަކު 30 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލާން ހުކުމް ކޮށްފައިވާ އިރު އަނެއް ހަތް މީހަކާއި އަންހެން ދަނޑުވެރިޔަކު ހަތަރު އަހަރާއި ހައަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.
ޕެރަގުއޭގެ އަވަށެއްކަމަށްވާ ކަނިންޑޭއު ޕްރޮވިންސުގައި ހުރި ދަނޑުބިންތަކުން މީހުން ނެރި ތަން ސާފުކުރުމަށް 250 އަށް ވުރެ ގިނަ ރެޔަޓް ފުލުހުން ވަނީ ފޮނުވާފަ އެވެ. ދަނޑުބިންތަކުގައި ތިބި ދަނޑިވެރިންގެ އަދަދު އަރާނީ 70 އަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ހަމަނުޖެހުމުގައި ހިނގި ކަންތައް ތައް ކޯޓުން ބެލުމަށް ފަހު ދަނޑުވެރިންތަކެއް ޖަލަށްލާން ހުކުކޮށްފައިވާ އިރު އެހަމަނުޖެހުމުގައި މަރުވި ދަނޑުވެރިންގެ މައްސަލަ ތަހުގީގުކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ޕެރަގުއޭގެ ޝަރުއީ ދާއިރާއަށް ފާޑުކިޔާ ގިނަ ބަޔަކުވަނީ ވާހަކަދައްކައިފަ އެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ވެސް ވަނީ ފާޑު ކިޔައިފަ އެވެ.