ފިލްމު ފެސްޓިވަލެއް ރާއްޖޭގައި ބޭއްވުމަކީ ލިބުނު ކުރިއެރުމެއް، އިތުރު ފެސްޓިވަލްތަކެއް ބޭނުންވޭ

ސަން ސިޔާމް އިރުފުށިން އިންތިޒާމް ކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ފިލްމު ފެސްޓިވަލާ ގުޅޭގޮތުން ފެސްޓިވަލަށް ދައުވަތު އަރުވައިގެން އެ ރިސޯޓަށް އައިސްފައިވާ ފިލްމީ ތަރިން: (ކ-ވ) ފައްތާހު، ރިޝްމީ އަދި ޖުމައްޔިލް --- ސަން ފޮޓޯ/ ނާއިލް

* ސަން ސިޔާމް އިރުފުށި ރިސޯޓުން މުހައްމަދު ސިމާއު

ރާއްޖޭގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ، ސަން ސިޔާމް އިރުފުށިން ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފިލްމު ފެސްޓިވަލް އަކީ ފިލްމީ ދާއިރާއަށް ލިބުނު ތަޖުރިބާއަކާ ކުރިއެރުމެއް ކަމަށް ދިވެހި ފިލްމް އިންޑަސްޓްރީގެ ބައެއް ތަރިން ބުނެފި އެވެ.

"ފޮލޯ ދަ އީކުއޭޓާ" ގެ ނަމުގައި ސަން ސިޔާމް އިރުފުށީގައި ކުރިއަށްދާ ފިލްމު ފެސްޓިވަލަށް ދައުވަތު ދީގެން ރިސޯޓަށް އައިސްފައިވަނީ ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު، އަބްދުލް ފައްތާހު އަބްދުލް ގައްޔޫމާއި އެކްޓްރެސް އަދި ޕުރޮޑިއުސަރު އައިޝަތު ރިޝްމީ އަދި ޒުވާންތަރި ޖުމައްޔިލް ނިމާލެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ފިލްމު ފެސްޓިވަލާ ގުޅިގެން "ސަން" އަށް ދިން އިންޓަވިއުއެއްގައި ފައްތާހު ބުނީ، ފެސްޓިވަލުގައި ރާއްޖޭން ބޭރުގެ ޖަމިއްޔާތަކާ އިސް ބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބި، އެ ޖަމިއްޔާތަކުން ގިނަ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން މިއީ ދިވެހި ފިލްމީ ދާއިރާއަށް ލިބުނު ތަޖުރިބާއެއް ކަމަށް ފާހަގަކޮށް ފައްތާހު ބުނީ، މިފަދަ ބައިނަލްއަގްވާމީ ފިލްމު ފެސްޓިވަލްތަކުގެ ސަބަބުން ދިވެހި ފިލްމުތައް ރާއްޖޭން ބޭރަށް ދައްކާލުމަށް ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ފައްތާހު (ކ) ފާހަގަކުރި ގޮތުގައި މިއީ ދިވެހި ފިލްމީ އިންޑަސްޓްރީއަށް ލިބުނު ކުރިއެރުމެއް --- ސަން ފޮޓޯ/ ނާއިލް

ފިލްމީ ދާއިރާގައި ގާތްގަނޑަކަށް 16 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ޑައިރެކްޓަރު ބުނީ، ރާއްޖޭގައި ވެސް ޓޫރިޒަމް ވީޑިއޯ ޑޮކިއުމަންޓަރީ ނުވަތަ ކުރު ފިލްމު އުފައްދާ ހުނަރުވެރި ޒުވާނުން އެބަ ތިބި ކަމަށެވެ.

އަދި މިފަދަ ފެސްޓިވަލްތައް ރާއްޖޭގެ އިތުރު ރިސޯޓްތަކުން އިސްނަގައިގެން ބާއްވާނަމަ އެ ޒުވާނުންގެ ފޮރުވިފައި ހުރި ހުނަރުތައް ހުޅުވާލެވި ދައްކާލެވޭނެ ކަމަށް އޭނާ ބުންޏެވެ.

ޒުވާން ތަރި ޖުމައްޔިލް ބުނީ، ރާއްޖޭގައި ބައިނަލްއަގްވާމީ ފިލްމު ފެސްޓިވަލެއް ބޭއްވުމަކީ، ފިލްމީ ދާއިރާގައި އޭނާ މިހާތަނަށް ހޭދަކުރި ކުރު މުއްދަތުގެ ތެރޭގައި ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ.

އަދި ބުނީ، އާއްމުކޮށް ދިވެހި ފިލްމުތައް ބައިވެރިކުރާ ދުނިޔޭގެ ފިލްމު ފެސްޓިވަލްތަކުން ދިވެހި ފިލްމް އިންޑަސްޓްރީއަށް ލިބިފައިވާ ކާމިޔާބީތަކުން، ދިވެހިންނަކީ މިކަމަށް ގާބިލް ބައެއްކަން ހާމަކޮށްދޭ ކަމަށެވެ.

ނެށުމުގެ ތެރެއިން ފިލްމީ ދާއިރާއަށް ނުކުތް ރިޝްމީ ބުނީ، ފިލްމު ފެސްޓިވަލެއް ބޭއްވުމަކީ ބޮޑެތި ހަރަދުތަކެއް ހިނގާ ކަމެއް ކަމަށެވެ.

ރިޝްމީ (މ) އިން ބުނީ އަހުމަދު ސިޔާމް މުހައްމަދު ފަދައިން މިގައުމުގެ ވިޔަފާރިވެރިން މިފަދަ ފިލްމު ފެސްޓިވަލްތައް ބާއްވަން އިސްނަގަންޖެހޭ ކަމަށް --- ސަން ފޮޓޯ/ ނާއިލް

އެހެންކަމުން ރާއްޖެއާ، ރާއްޖޭގެ ޒުވާނުންނާއި ފިލްމީ އިންޑަސްޓްރީ ކުރިއަރުވަން ބޭނުންވާނަމަ، ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ފަދައިން އެކަމަށް ގާބިލް ބޮޑެތި ވިޔަފާރިވެރިން ތަކެއް އިސްނަގައިގެން ރާއްޖޭގައި ފިލްމީ ފެސްޓިވަލްތަކެއް ބާއްވަންޖެހޭ ކަމަށް އޭނާ ފާހަގަކުރި އެވެ.

comment ކޮމެންޓް