ތެޔޮ ބިލްތަކަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ ހޮލިޑޭ އިންގެ ފަރާތުން 1.7 މިލިއަން ރުފިޔާ ހޯދުމަށް ކުންފުންޏަކުން ދައުވާކޮށްފި

ޑީސަލާއި ޕެޓްރޯލް ކްރެޑިޓަށް ގެންދިޔުމަށްފަހު އިންވޮއިސްތަކަށް ފައިސާ ނުދައްކާ ކަމަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން ހޮލިޑޭ އިންގެ މައްޗަށް މިއަދު ދައުވާ އުފުލައިފި އެވެ.

ދަ ހޯކްސްގެ ފަރާތުން ދައުވާ ހުށަހަޅުއްވަމުން އެ ކުންފުނީގެ މުވައްޒަފު ހަސަން ރިފާއު ވިދާޅުވީ އެ ކުންފުންޏަކީ ފެށުނީއްސުރެ ހޮލިޑޭ އިންއަށް ތެޔޮ ސަޕްލައިކޮށްދޭ ފަރާތް ކަމަށެވެ. އަދި މީގެ ކުރިން ދެ ފަރާތުގެ މެދުގައި އެތަކެއް މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ފަހުން ކްރެޑިޓަށް ޕެޓްރޯލާއި ޑީސަލް ގެންދިޔުމަށްފަހު އެ ތަކެއްޗަށްވާ ފައިސާ ދައްކާފައިނުވާ ކަމަށް ރިފާއު ވިދާޅުވި އެވެ.

ދަ ހޯކްސްގެ ފަރާތުން އެދުނީ ތެޔޮ ބިލްތަކަށްވާ 1،168،459ރ. އާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި މިހާތަނަށް އަރާފައިވާ 620،760ރ. އާއެކު ޖުމްލަ 1،789،220ރ. ހޯދުމަށެވެ. އަދި އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ދެއްކުމަށް ހޮލިޑޭ އިންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ރިފާއު ކޯޓުގައި އެދިވަޑައިގަތެވެ.

މި މައްސަލަ ފެށުމުގެ ކުރިން ހޮލިޑޭ އިންގެ ފަރާތުން ވަނީ އިޖްރާއީ މައްސަލައެއް ނަގައިފަ އެވެ. ހޮލިޑޭ އިންގެ ވަކީލު ވިދާޅުވީ އޭނާ ވަޑައިގެން ހުންނެވީ ހޮލިޑޭ އިން ކަނޑޫމާ ރިސޯޓްގެ މެނޭޖްމަންޓުގެ ފަރާތުން ކަމަށާއި ޗިޓު ވެސް ރައްދުވެފައި އޮތީ އެތަނަށް ކަމަށެވެ. އެކަމަކު ދައުވާގައި ބުނާ މުއާމަލާތަކީ މާލޭ ހޮޓެލްސް ކުންފުނިން ހިންގި ހޮލިޑޭ އިން މާލެ ހޮޓަލުގެ ފަރާތުން ކުރި މުއާމަލާތެއް ކަމަށެވެ.

ދައުވާ ކުރާ ފަރާތުން އެ މައްސަލައިގައި ބުނީ އެ ކުންފުނިން ވެސް މުއާމަލާތް ކޮށްފައި ވަނީ ހޮލިޑޭ އިން މާލެއާ ދެމެދު ކަމަށެވެ. އެކަމަކު ވެސް މި މައްސަލައިގައި ކުރިއަށް ގެންދަން ބޭނުން ކަމަށް ވިދާޅުވުމުން ގާޒީ އަބްދުﷲ އަލީ ވަނީ ހޯކްސް ކުންފުންޏަށް އެ ފުރުސަތު ދެއްވައިފަ އެވެ. އަދި ވިދާޅުވީ ހޮލިޑޭ އިން ކަނޑޫމާގެ މެނޭޖްމަންޓުން މި މައްސަލައިގައި ބުނަން ބޭނުންވާ އެއްޗެއް ދެން އަންނަ އަޑުއެހުމެއްގައި ބުނުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު