ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންނަ ރިޔާސީ އިންތިހާބުގައި ގައުމީ ޕާޓީން ވަރަށް ފުރިހަމަ ކާމިޔާބެއް ހޯއްދާނެ ކަމަށް އެ ޕާޓީގެ ރައީސް ވިދާޅުވެއްޖެ

14:30


ކުރިއަށް މި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންނަ ރިޔާސީ އިންތިހާބުގައި ގައުމީ ޕާޓީން ވަރަށް ފުރިހަމަ ކާމިޔާބެއް ހޯއްދަވާނެ ކަމަށް އެ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.


ބަނޑޮސް އައިލެންޑް ރިސޯޓުގައި އިއްޔެ ބޭއްވި އެ ޕާޓީގެ ކޮންރެސްގައި ޕާޓީގެ ރައީސްކަމަށް ކުރިމަތި ލައްވައިގެން ވާދަވެރި ކަމަކާނުލައި ކުރިއަށް އޮތް ދައުރަށް ވެސް ޕާޓީގެ ރައީސް ކަމަށް ހޮވިނަޑައިގެންނެވި، ޑރ. ހަސަން ސައީދު ރޭ ވިދާޅުވީ، އެ ދެ އިންތިހާބު ކާމިޔާބު ކުރައްވައިގެން ޤައުމު މުޅިން އެހެން މަންޒިލަކަށް ގެންގޮސްދެއްވާނެ ކަމަށެވެ.


ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން، މި ސަރުކާރު ވެރިކަމަށް ގެންނެވުމުގައި ވެސް އެންމެ އިސްދައުރެއް އަދާކުރެއްވި އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެޑްވައިޒަރުކަން ކުރައްވާފައިވާ، ޑރ.ހަސަން ސައީދު ވިދާޅުވީ، ބޭސް ސިޓީއަށް ސަލާންޖެހުމުގެ ސަގާފަތެއް މީގެކުރިން އޮތް ނަމަވެސް މިހާރު އެގޮތަށް ސަލާންޖެހިއަސް ލިބޭ އެއްޗެސް ނެތް ކަމަށެވެ. އަދި ވިޔަފާރިވެރިންގެ އަތުގައި ދޭނެ އެއްޗެއް ނެތްއިރު ސަރުކާރުން އެއްޗެއް ދޭނެ ނިޒާމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކަންމަތީ ފިހާރައަށް ދަރަނިވެފައި އޮތް ވާހަކަ ދައްކާއިރު މިއަދު ކަންމަތީ ފިހާރަތައް ދަނީ ބަނގުރޫޓުވަމުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ހޭދަ ތިން ގުނައަށް އިތުރުވެފައިވާ ކަމަށާއި، ނަމަވެސް ތިން ގުނައަށް ރަނގަޅުވެފައިވަނީ ކޮން ރައްޔިތެއްގެ ހާލަތު ތޯ ސުވާލު ކުރެއްވި އެވެ. އަދި ސިޔާސީ މަގާމުތަކުގެ އަދަދު ފައްސަތޭކައިން ހާހަށްވުރެ އިތުރު ވެފައިވާއިރު، ސިޔާސީ ބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ ހިދުމަތް އެނިސްބަތުން އިތުރުވެފައި ނުވާ ކަމަށާއި، ފުލުހުންގެ އަދަދު އެތައް ސަތޭއަކުން އެތައް ހާހަށް އިތުރުވީއިރު މާރާމާރީގެ އަދަދު މަދުވެފައިނުވާ ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ. އަދި އެމްބަސީތަކުގެ އަދަދު ތިން ގުނަ އިތުރުވެފައިވާއިރު، ރާއްޖެ އައި ބޭރުގެ އިންވެސްޓްމަންޓް އިތުރުވެއްޖެތޯ އާއި ދިވެހިން ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކަށް ލުއި ކަމެއް ލިބިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.


ޑރ. ހަސަން ސައީދުގެ އޮފީސް ކަމުގައިވާ ރާއްޖެ ޗެމްބަރސްގެ މޭޒުމައްޗަށް އައިސްފައި ހުރި މައްސަލަތަކަށް ބައްލަވާއިރު މާލޭގެ ބޮޑެތި ބިންތަކުގެ ވެރިންނާއި، އޮޑި ދޯނި ފަހަރުގެ ވެރިންނާއި، އެތައް ރިސޯޓެއްގެ ވެރިފަރާތްތަކުގެ މައްޗަށް، އެބޭފުޅުން ނަންގަވާފައިވާ ލޯނު ނުދެއްކިގެން ދައުވާ ކުރުމަށް ބޭންކުތަކުން ޕްރެޝަރު ކުރަމުން ފިއްތަމުންދާ ކަމަށް ވިދާޅުވި އެވެ. އެކަމުގެ ނަތީޖާ އަކަށް ވެގެންދާނީ ކައިރި މުސްތަގުބަލެއްގައި ގިނަ ރިސޯޓްތަކެއް ބަނގުރޫޓުވެ އެތަކެއްހާސް މުވައްޒިފުންގެ ވަޒީފާ ގެއްލިގެން ދިއުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ލޯނު ނުލިބުމުގެ ސަބަބުން 60 އެތައް ރިސޯޓެއް ތަރައްގީ ނުކުރެވިވާކަމަށް ވެސް ވިދާޅުވި އެވެ.


ސަރުކާރުގެ ވިޔަފާރީގެ ސިޔާސަތަށް ފާޑުވިދާޅުވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި އެއްޕަސެންޓެއްގެ އިންޓްރެސްޓަށް ލޯނު ނަގާނެ ބަޔަކު ނުވެގެން އުޅޭއިރު ރާއްޖޭގައި ބާރަ ޕަސެންޓް އިންޓްރެސްޓަށް ވެސް އުޅެނީ ލޯނު ނުލިބިގެން ކަމަށެވެ. އަދި ފަނަރަ ޕަސެންޓް އިންޓްރެސްޓަށް ވެސް ލޯނު ނުލިބިގެން ފަސްދޮޅަހަށްވުރެ ގިނަ ރިސޯޓްތައް ނުހެދިވާކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިޔަފާރިވެރިން ބަނގުރޫޓުވަމުންދާއިރު ބޭރުގެ ފަރާތްތައް ރާޖެ ގެނެސްގެން ވަރަށްލުއި ގޮތަކަށް ރައްތަކާއެއްޗެހި ތަރައްގީ ކުރުމަށް ސަރުކާރުން އެފަރާތްތަކަށް ހަވާލު ކުރަމުންދާ ކަމަށާއި، އަޅުގަނޑުމެންގެ ބުރަ މަސައްކަތުން އަޅާފައިހުރި ސްކޫލްތަކާއި، އަޅުގަނޑުމެންނަށް ވެދުންކޮށްފައިހުރި އިމާރާތްތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދެމުންގެންދާއިރު ދިވެހިންނަށް ދެވޭނީ ކޮން ފުރުސަތެއްތޯ ސަރުކާރުން ނުވިސްނާ ކަމަށް ޑރ. ހަސަން ސައީދު ވިދާޅުވި އެވެ. އަދި ދިވެހި މުއްސަނދިން އިތުރަށް މުއްސަނދިކުރުމަށާއި، މެދުފަންތީގެ ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ނުވިސްނާ ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.


ޑރ. ހަސަން ވިދާޅުވީ، ދިވެހިން ބޭނުންވަނީ، ކޮންމެ ވެރިކަމެއް ބަދަލުވާއިރު މަޖުބޫރުވެގެން ގޮސް އަލަށް އަންނަ ސަރުކާރަކަށް ފޯމު ފުރަން ނުޖެހޭ ދުވަހެއްކަމަށާއި، ކޮންމެ ސަރުކާރެއް ބަދަލުވާއިރު ތިމާ ނިސްބަތްވާ ޕާޓީ ބަދަލުކޮށް ވިޔަފާރި ބަނގުރޫޓުވެދާނެތީ ބިރުން އުޅޭން ނުޖެހޭނެ ދުވަހެއް ކަމަށެވެ. އަދި ގައުމީ ޕާޓީން ކުރާ މަސައްކަތަކީ އެ ދުވަސް ދިވެހިންނަށް ގެނަސްދިނުން ކަމަށާއި، އެދުވަސް ގެނަސްދިނުމަށްފަހު ނޫނީ މިކުރާ މަސައްކަތް ހުއްޓައި ނުލައްވާނެ ކަމަށާއި، މިކަމުގައި ކުރިއަށްދާއިރު ގުޅެންޖެހޭ ހުރިހާ ފަރާތްކާ ގުޅިވަޑައިގަންނަވާނެ ކަމަށް ވެސް ޑރ.ހަސަން ސައީދު ވިދާޅުވި އެވެ.


ރޭ ނިމުނު ގައުމީ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވި 153 މެންބަރުންގެ ތެރެއިން 132 މެންބަރުން ވޯޓު ދެއްވައިގެން ޕާޓީގެ ރައީސް ކަމަށް ޑރ. ހަސަން ސައީދު ހޮވިނަޑައިގެންފައި ވާއިރު، ނާއިބު ރައީސް ކަމަށް ހޮވިވަޑައިގެންނެވި ހަތަރު ބޭފުޅުންނަކީ، ޑރ. މުހައްމަދު ޖަމީލުއަހްމަދާއި، އިމާދު ސޯލިހާއި، އަބްދުލް މަތީން މުހައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކަށް ހޮވުނީ، އަބްދުﷲ އަމީނެވެ. ޒުވާނުންގެ ގޮފީގެ ރައީސްކަމަށް މުހައްމަދު މަލީހު ޖަމާލު ހޮވިވަޑައިގެންނެވިއިރު އަންހެނުންގެ ގޮފީގެ ރައީސާ ކަމަށް ހޮވިވަޑައިގެންފައިވަނީ އައިޝަތު ވަހީދާ އެވެ.


ކޮންރެސް ނިންމުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި، ނާއިބު ރައީސްކަމަށް ހޮވުނު ހަތަރު ބޭފުޅުން ވެސް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު