ހިތަދޫ ސްކޫލް ތެރޭ އެ ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރަކު ރުހުމުގައި ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ސ. ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ލީޑިން ޓީޗަރަކާ އެކު އޭނާގެ ރުހުމުގައި ސްކޫލް ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި މިހާރު އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އަދި މަންޒަރު ފެނުނު ކަމަށް ބުނާ މީހާއާ ސުވާލުކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ހިތަދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ މިވަގުތު އާއިލީ ޒިންމާގެ ޗުއްޓީއެއްގައި ހުންނެވި ޕްރިންސިޕަލާއި ލީޑިން ޓީޗަރެއްގެ ގޮތުގައި ހުންނެވި އަންހެން ޓީޗަރަކާ ދެ ބޭފުޅުން ބަދުއަހުލާގީ އަމަލު ހިންގެވި ކަމަށް ބުނާ މައްސަލައެއް މިދިޔަ އަހަރުތެރޭގައި ވެސް ފެތުރިފައިވާ ކަމަށެވެ.

ހިތަދޫ ސްކޫލް ތެރޭގައި އެ ދެ ބޭފުޅުން އެފަދަ އަމަލެއް ހިންގަނިކޮށް ފެނިފައި ވަނީ އެ ސްކޫލް އޮފީހުގައި މަސައްކަތް ކުރާ ދެ ސެކްރެޓަރީން ނަށް ކަމަށް ސަން އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އާސިޔަތު މުހައްމަދު ސައީދު އިއްޔެ ވިދާޅުވީ، އެއީ ޕްރިންސިޕަލާ ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ބަޔަކު ފަތުރައިގެން އުޅޭ ދޮގު އަޑުތަކެއް ކަމަށެވެ. އަދި ރަސްމީކޮށް އޭނާއާ ހިސާބަށް ޝަކުވާ އައިސްފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އެޑިއުކޭޝަން ޑެސްކު ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔާ ފާތުމަތު ނަސީރު މިއަދު ވިދާޅުވީ ރަށުތެރޭގައި އެފަދަ ވާހަކަތަކެއް ފެތުރެމުންދާ ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން އެ މައްސަލަ އެޑިއުކޭޝަން ޑެސްކަށް ހުށަހަޅާފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން އާންމު ގޮތެއްގައި ސްކޫލްތަކުގައި ޖެހޭ އެފަދަ މައްސަލަތައް ބަލަން. އެކަމަކު އަދި ބަޔަކު އެހެން ވާހަކައެއް ދައްކާލާ އިރަކަށް ނުބަލަން،" ފާތުމަތު ނަސީރު ވިދާޅުވި އެވެ.

މިހަފްތާ ތެރޭ ވަނީ ލާލޭ ސްކޫލުތެރޭގައި ވެސް ދެ ޓީޗަރަކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ބައެއް ބެލެނިވެރިން ވަނީ ޝަކުވާ ކޮށްފަ އެވެ. އެ މައްސަލަ އާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، އެކަހަލަ ޝަކުވާ އެއް ފުލުހުންނަށް ހުށަހެޅުނު ކަމަށާއި އެހެންނަމަވެސް އެއީ މާބޮޑު ހަގީގަތެއް ހުރި ވާހަކަ އެއް ނޫން ކަމަށެވެ.

ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް އިއްޔެ ސަން އޮންލަނާ ގުޅުއްވައި ވިދާޅުވީ އޭނާއާ ބެހޭ ގޮތުން ދައްކާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި އެއީ ބަޔަކު އޭނާގެ އަގުވައްޓާލަން ދައްކާ ވާހަކައެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު